ރަމީޒާ އާއި ސަލީމާއަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. އެންމެ ރަނގަޅުވާނީ ދެ އުޚުތުން ފަދަ ދެއަނހެނުން ކަމަށް ބުނިއްޔާއެވެ. ސަލީމާއަކީ ތަނަވަސް އަންހެނެކެވެ. ރަމީޒާއަކީ ތަނަވަސްކަން ކުޑަ އަންހެނެކެވެ. އެހެންވެ ސަލީމާ ދިއައީ ރަމީޒާއަށް ޖެހޭ ބޭނުންތައް ފުއްދައިދެމުންނެވެ.
ރަމީޒާއަކީ ހިތްފުރޭ އަންހެނެއް ނޫނެވެ. ކިތަންމެ ބޮޑު މަކަރެއް ހަދައިގެން ނަމަވެސް ފައިސާ ހޯދަން ކުރަންޖެހިލުންވާ ކަމެއް ނޯވެއެވެ. އެހެންވެ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެން ސަލީމާގެ ލޯބިވެރިޔާ ރަމީޒާގެ ގެއަށް އެއްރޭ ގެންދިއައެވެ. ޖޫސްތަށްޓަށް އެއްޗެއް އަޅާފައި ދީގެން އޭނާ އެރޭ އެގޭގައި ނިންދުވިއެވެ. ހޭލެވުނުއިރު އޮތީ ފޭރާމެއް ނެތިއެވެ.
ބުނީ އެރޭ ހިނގައިދިއަ ކަންތައްތަކުގެ ފޮޓޯތަކާއި ވީޑިއޯ އެބަހުރިކަމަށެވެ. އަގަކަށް 10،000 ޑޮލަރު 2 ހަފްތާ ތެރޭގައި ނުދީފިނަމަ ސަލީމާއަށް އެއެއްޗެތި ދައްކާނެ ކަމަށެވެ.
މިކަންވީ އޭނާއަށް ވަރަށް ބޮޑު ކަމަކަށެވެ. އޭނާއަކީ ވަރަށް ކުޑަކުޑަ މުސާރައެއް ލިބޭ މީހަކަށްވުމުންނެވެ. ހަދާނެ ގޮތެއް ނުއެނގިފައި ހުއްޓާ ފައިސާދޭން ކަނޑައެޅި މުއްދަތު ހަމަވާން ކައިރިވުމުން ސަލީމާގެ ގޭގައި ދެމީހުން އެކަނިވީ ވަގުތަކު އެފައިސާގެ ވާހަކަ ރަމީޒާ ދެއްކިއެވެ. ނަޞީބުދިމާކުރި ގޮތުން އެވާހަކަތައް ސަލީމާއަށް އަޑު އިވުނެވެ.
ސަލީމާގެ ރުޅި އިންތިހާއަށް ގަދަވިއެވެ. ބުންޏެވެ. "ދެމީހުންވެސް ހަމަ މިހާރު މިގެއިން ނުކުންނާށެވެ. ގޯސް ހެދީ ރަމީޒާކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެކަމުގައި ކަލޭ ކުށްވެރިވަނީ ރަމީޒާ ބުނުމުން އަހަރެންގެ ގާތުގައި ނުބުނެ އެގެއަށް ދިއައީތީއެވެ. ކިތަންމެވަރަކަށް އެކަނިޑާން ބުނި ނަމަވެސް ކަލެއަކީ ތެދުވެރިއެއް ނަމަ އެވާހަކަ ނުބުނެ ދާކަށް ނުޖެހޭނެއެވެ. ރަމީޒާއަށް ތިއަ މަޅި ކާމިޔާބުކުރެވުނީ އެގެއަށް ދިއައީތީ ނޫންހެއްޔެވެ؟"
"ރަމީޒާއެވެ. ކަލެއަށް އަހަރެންކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ މިހައި ގިނަދުވަސްވަންވަންދެން އަހަރެން ކަލެއަށް ފޯރުކޮށްދިން އެހީތެރިކަމުގެ ބަދަލު ތިއަދިނީ ހާދަ ހިތިކޮށެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަވަހަށް ދެމީހުންވެސް މިގެއިން ނުކުންނާށެވެ! އަހަރެންނަށް ގުޅައި އުނދަގޫކުރަން ނުހަދާށެވެ!" އެހިސާބުން ދެމީހުންނަށްވެސް ޖެހުނީ ގެއިން ނުކުމެގެންދާށެވެ.
ސަލީމާ ފަހުން ވިސްނައިލިއެވެ. ލޯބިވެރިޔާއަށް އެކުށްކުރެވުނީ ރަމީޒާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާކަމަށްވުމުން ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. ވަރަށް ބޮޑުކަމަކު ވާހަކަދައްކާލަން އައިސްބަލާށޭ ބުނުމުން ބައްދަލުވުމުގައި އެއްވެސް ނުބައިކަމެއް ނުހިނގާނެ ކަމަށް ވިސްނައިގެންނެވެ. އެހެންވެ ލޯބިވެރިޔާއަށް މާފުކުރިއެވެ. ނަމަވެސް ރަމީޒާއާއި އުމުރަށް ވަކިވީއެވެ.
މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައަކުން އަޅުގަނޑަށް އެންމެ މުހިންމުވީ ތަންކޮޅެވެ. މިވާހަކައިން އަޅުގަނޑަށް ވިސްނުނީ "އެންމެ ގާތް" ކިޔައިގެން އެކުވެރިން ގެންގުޅެވެން ނެތްކަމެވެ. ފައިސާގެ ދަހިވެތިކަމުގައި ކޮށްފައި ނުކުރާނީ މިވެނިކަމެއް ކަމަށް ބުނެވެން ނެތްކަމެވެ. އެއްބައަކު ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ޖަހައިގަންނަނީއެވެ. އަނެއް ބައަކު މަސައްކަތްކުރަނީ ހޯދުނު ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ހޯދުމަށެވެ.
ވިސްނައިލާށެވެ! ސަލީމާ އަކީ ފޯރުންތެރި އަނހެނަކަށްވުމުން އޭނާ އެއައީ ރަމީޒާ އެދޭހައި ކަމެއްގައި އެހީތެރިވަމުންނެވެ. ނަމަވެސް އޭނާއަށް އެވަރުވެސް މަދުވީއެވެ. ފައިށާގެ ދަހިވެތިކަމުގައި އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާ ބްލެކްމާލްކުރަން އެމަސައްކަތްކުރީ އެކަންކުރެވޭނެ އެންމެ ހުތުރުގޮތުގައެވެ.
ކިތަންމެ ތަނަވަސް ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހާގެ ލޯބިވެރިޔާ ގެއްލުމުން އަސަރުތަކެއް ކުރާނެއެވެ. ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް ލޯބިވެރިޔާގެ ހުރިހާ ތަނެއް ފެންނާކަށް ނުއެދޭނެއެވެ. ފައިސާގެ ދަހިވެތިކަން ބޮޑުވީމާ މިފަދަ އެއްވެސް ކަމަކަށް ވިސްނައިވެސް ނުލީއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިކަންކަމަކީ ހަމަ އަޅުގަނޑުމެންވެސް މިއަދު ވިސްނަން ޖެހިފައިވާ ކަންކަމެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި ތިބެގެން މިބާވަތުގެ ހަޑިމުޑުދާރު ކަންކަން ކުރުން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މިދަނީ ގިނަވަމުންނެވެ. ކުރާމ ގޮތް ތަފާތުވެދާނެއެވެ. ނަމަވެސް ކުރަނީ ހަމަ އެއްކަމެކެވެ. އެންމެ ގާތް އެކުވެރިޔާއަށް ލަނޑުދިނުމެވެ. މިއީ ކިހައި ދަށުދަރަޖައިގެ ކަމެއްތޯއެވެ؟
މިވާހަކަ މިހައިވަރަށް ދައްކަން މިޖެހުނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އަޅުގަނޑު ގެންގުޅުނު އެކުވެރިޔާވެސް އަޅުގަނޑަށް ކޮޅުކެހިދީފައިވާތީއެވެ. ދެމަފިރިންގެ މެދަށް ވަދެގަނެ ބޮޑެތި ފިތުނަތަކެއް އުފެއްދުމުން ދެމީހުން ދުރުވާންޖެހިފައިވާތީއެވެ. އޭނާ އުފެއްދި ފިތުނައިން ދެމީހުން ދުރުވިނަމަވެސް ޙަޤީޤަތް ހާމަވުމުން އަޅުގަނޑަށް އަޅުގަނޑުގެ ބައިވެރިޔާ މިހާރުވަނީ ލިބިފައެވެ. ނަމަވެސް ހިތްދަތި ދުވަސްތަކަކަށްފަހުގައެވެ.
- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް