ދުނިޔޭގަ ތިބާގެ ބައިވެރިއަކަށް ﷲ އިޚްތިޔާރުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުނިޔޭގަ ތިބާގެ ބައިވެރިއަކަށް ﷲ އިޚްތިޔާރުކުރާނެ ގޮތް-

ހަމަކަށަވަރުން އެންމެ ފައިދާކުރާނެ ބައިވެރިއަކީ ﷲ ތަޢާލާއެވެ. ދުނިޔޭގެ ޙަޔާތުގައިވެސް ބައިވެރިއަކީ ﷲ ތަޢާލާ ކަމުގއި އިޚްތިޔާރުކުރާށެވެ! ދުނިޔެވެސް، ބަރުޒަޚް ވެސް އަދި އާޚިރަތްވެސް ލިބުން އޮތީ އެއިރުންނެވެ. މިކިޔައިދެނީ އެކަންކުރަންވީ ގޮތެވެ! 

ދުނިޔޭގައި ތިބާގެ ބައިވެރިޔާ ހޮވުމުގެ އިޚްތިޔާރު ތިބާއަށް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ތިބާގެ ބައިވެރިއަކީ ﷲ ކަމުގައި އިޚްތިޔާރުކޮށްފި މީހާ މަރުވުމުން އެމީހާގެ ބައިވެރިއަކަށް ﷲ ވެވޮޑިގަންނަވާނެތެވެ! 

ނަމަވެސް ﷲ ތަޢާލާ ދޫކޮށް އެހެން ބައިވެރިއަކު އިޚްތިޔާރުކޮށްފި މީހާ މަރުވުމުން ބައިވެރިޔާ ގެއްލިގެންދާނެތެވެ! އަދި އެމީހާ ކިތަންމެ ބޭނުންވި ނަމަވެސް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ވެސް ނުއޮންނާނެއެވެ! ގިނަ ފަހަރު އެހިސާބުން ފެށިގެން ތިބާގެމަތިން ހަނދާންވެސް ނުކުރާނެތެވެ. 

ތިބާގެ ބައިވެރިއަކަށް ﷲ ތައާލާ އިޚްތިޔާރުކުރުމުގެ މާނައަކީ ތިބާ އަބަދުވެސް ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުކުރުމެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާ އަށް ބިރުވެތިވުމެވެ! ﷲ ތައާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރުމަކީ ހިތަށް ލިބޭ އެންމެ ބޮޑު ހަމަޖެހުމާއި އުފާވެރިކަން ކަމުގައި ހެދުމެވެ. 

ހަމަ އެއާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް ކަންކަން ކުރަން ކިތަންމެ މުއްސަނދި، ނުވަތަ ކިތަންމެ ބާރުގަދަ ވެރިއަކު ބުނި ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތަކަށް ޢަމަލު ނުކުރުމެވެ. 

އެގޮތުގައި ސާބިތުވެ ހުރެއްޖެ މީހާ މަރުވުމުން އެމީހާގެ ބައިވެރިއަކަށް ﷲ ތައާލާވެވޮޑިގަންނަވާނެތެވެ! މަރުވާ ވަގުތުން ފެށިގެން އެމީހަކަށް އެ ނިޢްމަތް ލިބެން ފަށާނެއެވެ. ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުވެސް އެމީހަކަށް އެކަމުގެ ނިޢްމަތްތައް ލިބިގެންދާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން