އަޅުގަނޑުމެން ދެމީހުންވެސް ކައިވެނިކުރަން ނިންމީ ލޯބީގެ ގޮތުން 2 އަހަރެއްހައި ދުވަހު ގުޅިގެން އުޅުމަށްފަހުގައެވެ. އެ ދުވަސްތަކުގައި ދެމީހުން ވާހަކަދެއްކުން ނޫން ގުޅުމެއް ނުބާއްވަމެވެ. މިބުނީ އެއްވެސް ވަރަކަށް ގައިގައި ބީހުން ފަދަ ކަންކަން ނުކުރާކަމަށެވެ. ވީމާ އަޅުގަނޑު ޔަޤީންކޮށްގެން ހުރީ ކައިވެނިކުރެވެން މިއުޅެނީ އަޚްލާޤީ ގޮތުން ވަރަށް ރަނގަޅު މީހަކާއި ކަމަށެވެ.
ކައިވެނިކުރަން އޮތް ދުވަހުގެ ކުރީރޭ އެންމެ ފަހުގެ ތައްޔާރީތައްވުމަށްޓަކައި ފިރިމީހާގެ ގެއަށް ދިއައިމެވެ. ބައްދަލުވީ މަންމައާއިއެވެ. މަންމަ ބުނީ އޭނާ ކޮޓަރީގައިވެއްޖެކަމަށެވެ. ނަމަވެސް އެއިރު މަންމަގެ އަޑުގައި ތުރުތުރެއް ހުރުމުން ކުޑަކޮށް އެކަމަށް ވިސްނައިވެސް ލެވުނެވެ.
ކޮޓަރީގެ ދޮރުހުޅުވީ ޓަކިޖަހާތާ ކުޑައިރުކޮޅަކުންނެވެ. އެއިރު ފިރިމީހާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެހެންވެ ކުރިން އޭނާގެ ގައިގައި ނުބީހުނު ނަމަވެސް ބައްދައިލީމެވެ. ބާރަށް މޭތެޅެއެވެ. ހިތުގެ ވިންދުހުރީ އަވަސްވެފައެވެ. އެކަން ޙަރަކާތުން އެނގެއެވެ. އެހިސާބުން ދުރުވެލީމެވެ.
އެއީ ވަރަށް ހަނދުވަރު ރީތި ރެއެކެވެ. ހަނދުވަރުބަލާލަން ބެލްކަނީއަށް ހިނގައިބަލާށޭ ބުނެ ބެލްކަނީއަށް ނުކުންނަން އުޅުމުން ހުރަސްއެޅިއެވެ. އިހަށް އައިސްބަލާށޭ ކިޔާފައި ދުރަށް ގެންގެންގޮސް ފާރަށް މޫނުވާގޮތަށް އިރުކޮޅަކު ބެހެއްޓިއެވެ. އަދި ފުރަގަހުން ބައްދާލައިގެން އިރުކޮޅަކު ހުރެފައި ދޫކޮށްލިއެވެ.
ދޫކޮށްލުމުން ސުވާލުކުރީމެވެ. "ކޮޓަރިން ނުކުމެގެން އެދިއައީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟" އޭނާ ބުނީ އެއްވެސް ކުއްޖަކު ނުނުކުންނަ ކަމަށާއި ކުއްޖަކު ނުކުތްތަން ފެނުނުނަމަ އެވާނީ ހަންޑިކުއްޖަކަށް ކަމަށެވެ.
އަޅުގަނޑު ބާރަށް ދުވެފައި ތިރިއަށްފޭބިއިރު އެކުއްޖާ މަންމަ އާއި ވާހަކަދައްކަން ހުއްޓެވެ. އަޅުގަނޑު ބުނީމެވެ. "މަންމާއެވެ. އަވަހަށް އަޢޫޛްކިޔައި 3 ސޫރަތް ކިޔަވައި ރައްކައުތެރިކަން ހޯދާށެވެ! މިހުރީ ހަންޑިކުއްޖެކެވެ.!"
އެކުއްޖާ ގާތަށް އައިރުޅީގައި ވަރަށް ހަޑިކޮށް އަޅުގަނޑަށް އެއްޗެތި ގޮވިއެވެ. ބުނީ ހަންޑިކުއްޖަކީ އަޅުގަނޑު ކަމަށެވެ. އެއަޑަށް ލޯބިވެރިޔާ އެތަނަށް އައުމުން އަޅުގަނޑު ބުނީމެވެ. "ކަލެއަކީ ހަނޑިކުއްޖެއްކަމަށް މިބުނީ އަހަރެންގެ ބަހެއް ނޫނެވެ. މިހިރަ މީހާގެ ބަހެވެ. ކަލޭ ބެލްކަނީގައި ފިލާ ހުރެފައި ސިއްރުސިއްރުން ނުކުތީމާ ކޮޓަރިން އެނުކުތީ ކޮންކުއްޖެއްތޯ ސުވާލުކުރީމާ އޭނާ ބުނީ އެއްވެސް ކުއްޖަކު ނުނުކުންނަ ކަމަށާއި ނުކުތްނަމަ އެވާނީ ހަންޑިކުއްޖަކަށް ކަމަށެވެ. ވީމާ އަހަރެންދެކެ ރުޅި އައިސް އެއްޗެތިގޮވުމުގެ އޮތީ ކޮން ޙައްޤެއްހެއްޔެވެ؟ އެހެން ނޫނަސް ހަންޑިކުދިން އުޅޭގެއަކު ހުންނާކަށް ބޭނުމެއް ނޫނެވެ. އެފަދަ ގެއަކަށް ވަންނާކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެން މިދަނީއެވެ. ކީރަންވެސް ކަނޑައިފީމެވެ. މާދަމާ ކޯޓުހުޅުވޭއިރަށް އެކަން ކޯޓަށްވެސް އަންގާނަމެވެ. ކައިވެނިކޮށް މިގެއަށް ދިރިއުޅެން ނާދެވެނީސް މިއީ ހަންޑިކުދިން އުޅޭގެއެއްކަން އެނގުނުކަން އެއީ ލެއްވެވި ކިހައި ބޮޑުރަޙްމަތެއް ހެއްޔެވެ؟"
އަޅުގަނޑު ގެއިން ނުކުތަނުދީ ހުއްޓުވަން ދެމައިން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް އިތުރު ފުރުޞަތެއް ނުދީ ނުކުމެގެން އައީއެވެ.
ފަހުން އެނގުނު ގޮތުގައި އޭނާ އުޅުނީ އަޅުގަނޑުދެކެ އެއްވެސް ވަރަކަށް ލޯބިވެގެނެއް ނޫނެވެ. އަޅުގަނޑާއި ކައިވެނިކުރީމާ ބައްޕަ އޭނާގެ ވަޒީފާ މަތިކޮށްދީ ބޮޑުމުސާރަދޭނެކަމަށް ބަލައިގެން އެކަންކަމުގެ ދަހިވެތިކަމުގައެވެ. ނަމަވެސް އޭނާގެ މަކަރުވެރިކަން ފަޅާއެރުންވީ އޭނާގެ ވަޒީފާ ގެއްލުނު ސަބަބަށެވެ. "އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި މަކަރުހަދާ މީހުން ވަޒީފާގައިވެސް ތެދުވެރިނުވާނެ" ކަމަށްބުނެ ބައްޕަ އޭނާ ވަޒީފާއިން ވކިކުރީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑާއި ބައްދަލުވި ހަންޑިކުއްޖާގެ ވާހަކައެވެ. އޭނާއާއި ބައްދަލުވުމުން ކަންތައްވީ ގޮތުގެ ވާހަކައެވެ. އެބާވަތުގެ ހަންޑިކުދިން ގެންގުޅޭ ފިރިހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ.
- ރޯޒީ / މިއަދުނޫހުގެ ކިޔުންތެރިއެއް