ބޮޑާވެ ހަރުބަސް ބުނެ އެއްވެސް މީހަކީ ދެރަ މީހެއް ކަމަށް ދެކޭނަމަ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ!: ޝައިޚް ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ބޮޑާވެ ހަރުބަސް ބުނެ އެއްވެސް މީހަކީ ދެރަ މީހެއް ކަމަށް ދެކޭނަމަ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ!: ޝައިޚް ހޮބްލޮސް

ހަނގުރާމައަކުން ލިބުނު ޣަނީމާ ބެހުމުގެ މައްސަލައިގައި އަބޫ ޛައްރު އާއި ބިލާލްގެފާނުގެ މެދުގައި ޚިޔާލުތަފާތުވެ ބިލާލްގެފާނަށް ދަށުދަރަޖައިގެ ބަސްތަކެއް އަބޫ ޛައްރަށް ވިދާޅުވެވުނެވެ. އަބޫޛައްރަކީ ޢަރަބިންގެ ތެރެއިން ހުރިހާ ގޮތަކުންވެސް އަރައިހުންނެވި ބޭކަލެކެވެ. ފާހަގަކުރެއްވެވުނީ ބިލާލްގެފާނުގެ ނަޞަބުގެ ދެރަކަމެވެ.  

އެހެންވެ ޞަހާބީން އަބަދުވެސް ބެއްލެވީ އެބޭކަލުންގެ ހަސަބާއި ނަސަބު ކިތަންމެ މަތިނަމަވެސް ވީހައި ދަށުދަރަޖައިގައި ދިރިއުޅުއްވެވުމަށެވެ. ކޮންމެ ކަމެއްގައިވެސް ގޮތް ދޫކުރެއްވެވުމަށެވެ. އެއްބޭކަލަކު އަނެއް ބޭކަލަކަށް މައާފް ކުރެއްވެވުމަށެވެ. 

ބިލާލްގެފާނު އެކަމާ ދެރަފުޔޅުވެވަޑައިގެންނެވިވަރުން ވަގުތުން ވަޑައިގެން ރަސޫލް (ޞޢވ) އަށް ދެންނެވުމުން ވަގުތުން ވަޑައިގެން އަބޫޛައްރުގެ ގައިކޮޅުގައި ހިއްޕަވައިލެއްވެވުމަށް ފަދީޘްފުޅު ކުރެއްވެވިއެވެ. "އަބޫ ޛައްރުއެވެ. އަދިވެސް ތިއަ ހުންނެވީ ޖާހިލިއްޔަ ޒަމާނުގައި މީހުން ތިބި ގޮތަށެވެ."

އެބަސްފުޅުތަކުން އަބޫ ޛައްރަށް ވަރަށް އަސަރުކުރިއެވެ. ކުރެއްވެވުނު ކުށް ޤަބޫލުފުޅު ކުރައްވަވައި ވަގުތުން މާފަށް އެދިވަޑައިގެންނެވިއެވެ.  

ޞަހާބީންނަކީވެސް އިންސާނުންނެވެ. ވީމާ ޚިޔާލުތަފާތުވުންވެސް ހުއްޓެވެ. ދޫފުޅުން އަނެއް ބޭފުޅެއްގެ ހިތްޕުޅުގައި ޖެހޭ ފަދަ ބަސްތައް ވެސް ވިދާޅުވެވިފައި އެބަހުއްޓެވެ. ނަމަވެސް އެކަން އިޙްޞާބްކުރެއްވެވުމުން ކުރެއްވެވުނު ކުށް ޤަބޫލުފުޅު ކުރައްވަވައި މާފަށް އެދިވަޑައިގަތުން އިސް ކުރެއްވެވިއެވެ.  

ނަމަވެސް މިއަދު އިސްލާމް ދީނަށް ކަމަށްބުނެ އަހަރެމެންނަށް އަމަލުކުރެވޭ ގޮތަކީ ދުލުން ބުނެވޭ ކުޑަކުޑަ ބަހަކާއިމެދު ހަސަދަލައި އަަހރުތައް ވަންދެން ވާހަކަވެސް ނުދައްކައި ތިބެނީއެވެ. އެހެން ތިބޭ ތިބުމުގައި ކިތަންމެ ހަނިދާއިރާއަކުން ފުރުޞަތެއް ލިބުނު ނަމަވެސް އަނެކާއަށް ބަހުގެ ޙަމަލާތައްވެސް ދެނީއެވެ. އަނެކަކު ދެރަކޮށް ނިކަމެތިކޮށްލަން މަސައްކަތްކުރެވެނީއެވެ.  

މިކަންކަމަކީ އިސްލާމް ދީނުގައި ހުރި ކަންކަމެއް ނޫނެވެ. އެކަންކަން އެގޮތަށް ކުރަން އިސްލާމް ދީން ފައުޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހަދައެވެ. ހުއްދައެއް ނުކުރެއެވެ. މަނާކުރެއެވެ. ވީމާ އެކަންކަން ކުރަމުން ތިމަންމެން މި ޢަމަލުކުރަނީ އިސްލާމް ދީނަށް ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟ ބުނެވެން އޮތީ ކޮން ގޮތަކުން ހެއްޔެވެ؟  

ބޮޑާކަމާ ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެމީހެއްގެ ކިބައިގައިވާ މީހަކު ސުވަރުގޭގެ ވަސްވެސް ނުދެކޭނެތެވެ! މަތިވެރިވެގެންވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ! އެންމެހައި މީސްތަކުންނީ ހަމަ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. ދަރަޖަ ތަފާތުވަނީ ހަމައެކަނި ތަޤްވާވެރިކަމުންނެވެ. ވީއިރު އެނޫން އެއްވެސް ސަބަބެއް މެދުވެރިކޮށް މިވެނި މީހަކު ދެރަކޮށް  ނިކަމެތިކުރެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން