އެމީހެއްގެ ގައިގަ އަލިފާން ހިފާފައިވާނެ ދެމީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އެމީހެއްގެ ގައިގަ އަލިފާން ހިފާފައިވާނެ ދެމީހުން-

ކަމުގެ ނުބައިކަން ބޮޑުކަން ސިފަކޮށްދިނުމުގެ ގޮތުން އަހަރެން ބުނާނީ ޒިނޭކުރަން ޚަރަދުކުރާ މީހުންނާއި އަދި ޒިނޭކޮށްގެން ފައިސާ ހޯދާ އަންހެނުންގެ ގައިގައިވެސް ހުންނާނީ ހަމަ އަލިފާން ހިފާފައި ކަމަށެވެ! ޙަރާމް ފައިސާގެ ސަބަބުން ގޮހޮރުގައިވެސް ހުންނާނީ އަލިފާން ހިފާފައެވެ. އެމީހުންގެ ޖާހިލުކަން ބޮޑުކަމުން ހަމަ ނުވެސް އެނގެނީއެވެ. ހޫނުކަން އިޙްޞާޞްވެސް ނުވަނީއެވެ! މާނައަކީ އެއީ ދިރިހުއްޓައި އަލިފާން ހިފާފަދަ ބޮޑު ފާފައެއް ކަމެވެ! 

ޤިޔާމަތްވެ ހިސާބު ބެއްލެވި ނަރަކައަށް ލެއްވެވުމުގެ ކުރިން ކައްވަޅުގައި އެމީހުންނަށް އަލިފާނުން ޢަޒާބު ދެއްވަވާކަން މިކަމުގެ ދަލީލަކަށް ފުދެއެވެ! ބިރުވެތިވެ ތައުބާވުން އަވަސްކުރާށެވެ! 

ކައިވެނި ކުރުމަކީ ޒިނޭ ނުކުރުމަށް އޮތް މަގެއް ކަމަށް ބުނެވޭކަށް މިއަދަކު ނެތެވެ. އެހެނީ ކައިވެނިކުރުމަށްފަހުގައިވެސް ޒިނޭކުރާ ފިރިހެނުންނާއި އަންހެނުން ދަނީ ގިނަވަމުންނެވެ. ޒިނޭ ކުރުން ދަނީ އިތުރުވެ ޢާންމުވަމުންނެވެ. 

ޒިނޭ ކުރުމަކީ ދުނިޔަވީ ޙަޔާތްވެސް، ޒަވާޖީ ޙަޔާތްވެސް އަދި އާޚިރަތްވެސް އެންމެ ފަސޭހައިން ގެއްލިގެންދާ އެއް ސަބަބެވެ. އެއީ ކުރަން ފަށައިފިނަމަ އެކަން ކުރަން ދެވިހިފާ ނުބައި އަމަލެކެވެ. އެންމެ ގަދަފަދަ ޢަޒާބު ދެއްވަވާ އެންމެ ބޮޑު އެއް ފާފައެވެ. ކައްވަޅުގައިވެސް އަލިފާނުން ޢަޒާބު ދެއްވަވާ ބޮޑުވެގެންވާ ފާފައެކެވެ. 

ޒިނޭ ކުރެވޭ މީހާވެސް އަދި ޒިނޭ ނުކޮށް ހުންނަ މީހާވެސް ޒިނޭ ނުކޮށް ހުރުމުގެ ސާބިތުކަން ދެއްވެވުން އެދި ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކުރާށެވެ! އަދި އެގޮތުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތްކުރުމުން އެމީހަކަށް އެ މަގު ﷲ ތަޢާލާ ފަހިކޮށް ދެއްވަވާނެތެވެ! 

ﷲ ތަޢާލާ ދެއްވަވާ ރިޒްޤް ހޭދަކޮށްގެން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުން އެމީހަކަށް ﷲ ތަޢާލާ ރިޒްޤް ދެއްވެވުން އުނިކުރައްވަވާކަން ޒިނޭކުރަން ޚަރަދުކުރާ މީހުންގެ ޙަޔާތުގައި ކަންކަން ވަމުންދާ ގޮތް ފެނުމުންވެސް ޔަޤީން ނުކުރެވެނީ ހެއްޔެވެ؟ ރިޒްޤް ދެއްވަވަނީ އެމީހަކު ބަލަހައްޓަން ޖެހޭ މީހުންގެ ބައިވެސް ހިމަނުއްވަވައިގެންނެވެ. އެއަށް ޚިޔާނާތްތެރިވުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަމަ ނުވިސްނެނީ ހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރަން ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވީމާ އެތަނަވަސްކަން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރަން ޚަރަދުކުރީމާ އެވެވެނީ ކިހައިބޮޑު ޚިޔާނާތެއްކަމާއިމެދުގައިވެސް ވިސްނައިނުލެވެނީ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން