މިރޭގެ ދަރުސަ ފަށަމުންވެސް ފުރަތަމަ ކަމަކަށް މިހަދާންކޮށްލައިދެނީ މީގެ 2 އަހަރެއްހައި ދުވަސްކުރިން ހަމަ މި ޕޯޑިއަންކައިރީގައި ހުރެ ހަމަ މިމައުޟޫއަށް ދެއްކި ވާހަކަކޮޅެކެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ އަހަރެމެންނަށް ސަލާމަތްކަމެއް ނެތް ކަމަށް ޤަބޫލުކުރެވޭތީއެވެ!
ދައްޖާލްގެ ވާހަކަ ދެކެވުމުން ގިނަ މީހުންނަށް ފުރަތަމަވެސް ވިސްނައިލެވޭނީ ސިޔަރަތުގައި ބަޔާންވެގެންވާ ޗޭނު ޖެހިހފައި އޮތް ބޮޑު ދައްޖާލުގެ ވާހަކައެވެ. އެ ދައްޖާލު ފައުޅުވުމުގެ ކުރިން ކުދި ދައްޖާލުތަކެއް ފައުޅުވާނެއެވެ. އެއިގެ ތެރެއިން ކުދި ދައްޖާލުތައް މިހާރުވެސް މިވަނީ ފައުޅުވެފައެވެ.
އިސްލާމް ދީނާއިމެދު މީސްތަކުންގެ ހިތުގައި ނަފްރަތު އުފައްދުވައި އިސްލާމް ދީނާއި މީސްތަކުން ދުރުކުރުވަން ކުރާ މަސައްކަތްތައް ކުރުވަމުން އެ ގެންދަނީ ކުދި ދައްޖާލުތަކެވެ. އިސްލާމް ދީނުގައި ހުރި އުޞޫލުތަކާއި ޙުކުމްފުޅުތަކަށްވުރެ ރަނގަޅު ގޮތްތައް ހުރި ކަމަސް ދައްކުވައިގެން ކަންކަން ކުރަމުން އެގެންދަނީ އެ ކުދި ދައްޖާލުތަކެވެ. މުސްލިމުންގެ ވިސްނުމަށް ސަވާރުވެގެން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުވަމުން އެގެންދަނީ އެކުދި ދައްޖާލުތަކެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށްވުރެ މޮޅު ގޮތް ކަމަށް ބުނެ މީސްތަކުންނަށް އިސްލާމް ދީނުގެ މަތިވެރިކަން އޮޅުވައިލަމުން އެގެންދުވަނީ ވެސް ހަމަ އެ ކުދި ދައްޖާލުތަކެވެ.
އިސްލާމީ އުންމަތް ފިތުނަވެރި ކުރުވައި މުސްލިމުންގެ ދިނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތްކުރަމުން އެގެންދަނީ ވެސް ހަމަ އެ ކުދި ދައްޖާލުތަކެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ބިރުދައްކަމުން އެގެންދަނީ ވެސް ހަމަ އެކުދި ދައްޖާލުތަކެވެ.
އެ ކުދި ދައްޖާލުތައް ކުރަމުން އެގެންދާ މަސައްކަތަކީ ބޮޑު ދައްޖާލު ފައުޅުވާންވާއިރަށް އޭނާއަށް ތަބަޢަވާނެ ބައަކު އުފެއްދުމެވެ. މިކަންކަން މިހެން ހިނގާނެކަން އޮތީ މާކުރިންސުރެ އެނގޭށެވެ! ދީނީ ޢިލްމުވެރިން އަބަދުވެސް ގެންދަވަނީ ދައްޖާލުތަކުގެ ފިތުނައިން ސަލާމަތްވުމަށް ގަދައަޅައި އިންޒާރު ދެއްވަމުންނެވެ.
މީސްތަކުންނޭވެ! ހަދީޘްފުޅުގައި އޮތީ ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށްޓަކައި ކަހްފި ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުން ދަސްކުރުމެވެ. އެކަންކުރާށެވެ! ފެތުރެމުން މިދާ ނުބައި ފިތުނަތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
މިހާރު ފައުޅުވެގެން މިއުޅޭ ކުދި ދައްޖާލުތަކުގެ ނިތްކުރީގައި "ކާފިރު" ލިޔެވިފައި ނެތުމަކީ އެ ދައްޖާލުތައް ދެނެގަންނަން އޮތް ހުރަހެއް ނޫނެވެ. އެމީހުން ކުރާ، ކުރިން ބަޔާން ކުރި ޢަމަލުތަކުން އެއީ ކާފިރުން ކަން އެނގޭނެއެވެ!
ބޮޑު ދައްޖާލު "ސުވަރުގެ އާއި ނަރަކަ" މީސްތަކުންނަށް ދައްކާނެއެވެ. ދައްޖާލުގެ ސުވަރުގެ ކަމަށް ދައްކާ ސުވަރުގެއަށް ވަދެއްޖެ މީހަކަށް އެ ވަދެވެނީ ނަރަކައަށެވެ. ކުދި ދައްޖާލުތައް އެދައްކާ ދުނިޔޭގެ އުފާތަކަށް ގެއްލިއްޖެ މީހާ ވެސް އެ ވަންނަނީ ހަމަ ނަރަކައަށެވެ. ވީމާ ދައްޖާލުތަކުގެ ފިތުނައިން ސަލާމަތްވާން އެދޭ މީހާ އެކަންކަމަށް ފުންކޮށް ވިސްނައި އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން