ތިމާގެ ބެލުމުގެދަށުގައި ތިބި ބައަކު ލައްވައި ޤުރްއާނަށް ޢަމަލުކުރުވުމަކީވެސް މަތިވެރި ޖިހާދެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ތިމާގެ ބެލުމުގެދަށުގައި ތިބި ބައަކު ލައްވައި ޤުރްއާނަށް ޢަމަލުކުރުވުމަކީވެސް މަތިވެރި ޖިހާދެކެވެ!

އެންމެންނަކީ މީސްތަކުންނަށް ދީނަށް ގޮވާލައި ދީން ފަތުރަން މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ކަމުގައި ނުވެދާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް އެމީހެއްގެ ބެލެނިވެރިކަމުގައި ތިބި ބައަކަށް ބަސް ބުނެވޭނެ މީހެކެވެ. އިރުޝާދު ދެވޭނެ މީހެކެވެ. ވީމާ އެމީހެއްގެ ބެލެނިވެރިކަމުގައި ތިބި ބައަކު ލައްވައި ހެޔޮ އަމަލުތައް ކުރުވައި ކީރިތި ޤުރްއާނަށް ޢަމަލުކުރުވަން ގަދައަޅައި މަސައްކަތްކުރާށެވެ. 

ކޮންމެ ބެލެނިވެރިއަކީ އެ ރޫޙުގައި މަސައްކަތްކުރާ މީހަކަށް ވެއްޖެ ނަމަ ކީރިތި ޤުރްއާން ދާނީ މަތިވެރިވަމުންނެވެ. އިސްލާމް ދީން ދާނީ މަތިވެރިވަމުންނެވެ! ކީރިތި ޤުރްއާނަށް ޢަމަލުކުރުން ދާނީ އިތުރުވަމުންނެވެ. އަދި އެ ރޫޙުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް އެވެވެނީ ﷲ ތަޢާލާގެ މަގުގައި އެންމެ މަތިވެރި ޖިހާދުކުރާ މީހަކަށެވެ. 

މިކަމުގައި ފުރަތަމަ ކަމަކަށް ކުރަން ޖެހޭނެ ކަމަކީ ތިމާއަކީ ކީރިތި ޤުރްއާނަށް ޢަމަލުކުރާ މީހަކަށްވުމެވެ. ފަރުޟުތަކަށް ރައްކައުތެރިވާ އަދި ނަހީ ކުރެއްވެވި ކަންކަމުން ދުރުހެލިވެގެން ހުންނަ މީހަކު ކަމުގައިވުމެވެ. އިސްލާމް ދީން ކުރިއަރައި އައިސްފައިވްނީ ކަންކަމުގައި މީސްތަކުންނަށް ނަމޫނާ ދައްކައިގެންނެވެ. އަދި ކުރިއަރާނީވެސް އެގޮތުންނެވެ. 

އިސްލާމް ދީނުގައި އޮތީ ބޭރުން ބައަކު އައިސް ތިމާ އާއި ތިމާގެ އަނބިދަރިންނާއި ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި މީހުން ލައްވައި ކީރިތި ޤުރްއާނަށް އަމަލުކުރުވަންދެން އެކަމަށް އިންތިޒާރު ކުރުމެއް ނޫނެވެ. އޮތީ ތިމާ އެކަމަށް އަވަސްވެގަތުމެވެ. ވީމާ ﷲ ތަޢާލާ ތިމާ އާއި ޙަވާލުކުރެއްވެވި ޒިންމާ ތިމާ އަދާކުރާށެވެ! އެއިރުން އެމީހަކު ވާނީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރާ މީހަކަށެވެ. 

އެންމެ މަތިވެރި މަސައްކަތަކީވެސް، އެންމެ މަތިވެރި ޖިހާދަކީވެސް ﷲ ގެ ކަލިމަފުޅުތައް (ޤުރްއާން) މަތިވެރި ކުރަން ކުރެވޭ މަސައްކަތެވެ. އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން އެކަމަށް މަސައްކަތްކޮށް ﷲ ގެ މަގުގަ ޖިހާދުކުރުމުގެ ދަރުމަ ލިބިގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން