ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހެއްގެ ދަރިންނަށް މޮޅު ގޮތްތައް މެދުވެރިވާނީ އޭނާ އާއި ވާދަކުރަން ތިބި ކުދިން ބަލިކަށިކޮށް ނައްތާލައިގެން ކަމަށެވެ. އެހެންކަމުން މިކުރާ ކަމަކީ އެހެން ކުދިންނަށް ހަސަދަލުމެވެ. އެސްފީނާ އެޅުމެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ތިބާގެ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާ ކަމަށް ހަދަން މަސައްކަތްކުރަންވީ ދެން ތިބި ހުރިހާ ކުދިން ނިކަމެތިކޮށްލައިގެނެއް ނޫނެވެ. ފުޓްބޯޅަ މެޗެއް ކުޅެން ދަނޑަށް އަރާފައި ވާދަކުރާ ޓީމުގެ އެންމެން މަރާލީމާ އެއީ މެޗުން މޮޅުވެވޭނެ ގޮތެއް ހެއްޔެވެ؟ މެޗުން މޮޅުވުމަކީ ކުޅެގެން މޮޅުވުން ނޫން ހެއްޔެވެ؟
ހިފައިގަނެގެން މޮޅުވާ މީހާ ޖެހޭނީ ރެސްލިންގ ހިފާށެވެ! ބަނޑުމުސާރައަށް ބައްދާށެވެ! އެފަދަ ކަމެއްގައި ނޫނީ ހިފައި އޮޅުލައި ގަދަބަދަވިކަން ދައްކައިގެން މޮޅުވުމެއް ނެތެވެ.
ވީމާ ދަރިންނާއި ވާދަކުރަން ތިބި ކުދިންނަށް ވެސް ހެޔޮ ދުޢާކުރާށެވެ! ހިތްވަރުދޭށެވެ! އެހީތެރިވެސްވާށެވެ! އެއިރުން އެކަމުގެ ސަބަބުން ތިބާގެ ދަރިފުޅަށް މާރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ! މާރަނގަޅު ނަތީޖާ ހޯދޭނެއެވެ! އިން ޝާ ﷲ
އެއިގެ ބަދަލުގައި އެހެން ކުދިންނަށް ހަސަދަވެރިވެ އެސްފީނާ ލީމާ ތިމާއަށާއި ތިމާގެ ދަރިފުޅަށް އެކަމުން ލިބޭނީ ދެރަ ނިކަމެތި ކަމެވެ. އެފަދަ ދެރަގޮތެއް ތިބާގެ ސަބަބުން ދަރިފުޅަށް މެދުވެރިވެއްޖެ ނަމަ ދަރިފުޅަށް އަނިޔާ ދިން މީހަކަށްވާނީ ޚުދު ތިބާއެވެ! ވީމާ ވިސްނައި ފިކުރުކޮށްލާށެވެ!
ތިމާގެ ދަރިންގެ މައްޗަށް ހެޔޮއެދޭފަދައިން ހުރިހާ އެންމެންގެ ދަރިންނަށްވެސް ހެޔޮ އެދޭށެވެ! އެއިރުން ތިމާއަށާއި ތިމާގެ ދަރިންނަށް އެކަމުންވެސް މަންފާ ކުރާނެއެވެ! ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ތިމާގެ ދަރިންނަށް މޮޅު ގޮތްވުމަށް އެދޭ މީހާ އެއްވެސް މީހެއްގެ ދަރިއަކަށް ހަސަދަވެރިވެ ދެރަ ގޮތްވުމަށް ނުއެދޭށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން