ހުކުރު ދުވަހަކީ އެދުވަހަކަށް އިރު އެރި އެންމެ މާތް ދުވަހެވެ! މާތްކަން ލިބިގަންނަން ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހުކުރު ދުވަހަކީ އެދުވަހަކަށް އިރު އެރި އެންމެ މާތް ދުވަހެވެ! މާތްކަން ލިބިގަންނަން ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

ހުކުރު ދުވަހު ކުރަން ހުރި ހެޔޮ ޢަމަލުތައް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ!. ކަހްފި ސޫރަތް ކިޔަވައި ކުރީ ހަފްތާގައި ކުރެވުނު ފާފަތައް ފުހެލަން މަސައްކަތްކުރަންވީއެވެ. ރަސޫލް (ﷺ) ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރަންވީއެވެ. ޛިކުރުކުރުން ގިނަކުރަންވީއެވެ. ހެޔޮ ދުޢާތައް ކުރުން ގިނަކުރަންވީއެވެ. ޞަދަޤާތް ކުރުމާއި އެނޫންވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވީއެވެ. 

ޢާއިލާ އާއިއެކުގައި ވަގުތު ހޭދަކޮށް ޢާއިލާ އަށް އެހީތެރިވެދިނުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެކަމުގައި ރަސޫލް (ﷺ) ވަނީ މުޅި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. ދީނީ ގޮތުން ބަލައިފިނަމަ އެއީ ހުކުރު ދުވަހަށް ޚާއްޞަ ކަމެއް ނޫނެވެ. ހުރިހާ ދުވަސްތަކަކަށްވެސް އޮތް ކަމެކެވެ. 

ހުކުރު ދުވަހާއި ގުޅުވައިގެން އެކަން ޚާއްޞަކުރަން ޖެހެނީ މަސައްކަތުގެ ވަގުތު ހުންނަ ގޮތުން އެހެން ދުވަސްތަކުގައި އެކަމަށް ވަގުތު ނުދެވޭތީއެވެ. ހަފްތާގެ ދުވަސްތަކުގައި އެކަންކުރަން ވަގުތުނުވާ މީހުން ހުކުރު ދުވަހު އެކަމަށް ސަމާލުކަން އިތުރުކުރާށެވެ! އަނބިދަރިންނަށާއި ޢާއިލާއަށް އެހީތެރިވުމަކީ ހުކުރު ދުވަހު ކުރާ އަޅުކަމުގެ ބައަކަށް ހަދާށެވެ! 

ހުކުރު ދުވަހެއް ނިމިގެންދާއިރު އެދުވަހުން ތިމާއަށް ހޯދެން އޮތް ހުރިހާ ފައިދާތަކެއް ހޯދަން މަސައްކަތްކުރާށެވެ! އެއީ ނިދުމާއި ކުޅިވަރާއި މަޖަލުގައި އިސްރާފްކޮށްލެވޭ ދުވަހަކަށް ނުހަދާށެވެ! އެއިރުން އެ ނަގައިލެވެނީ ތިމާއަށް ދެއްވެވި ވަރަށް މުހިންމު ފުރުޞަތުތަކެކެވެ. 

ހުކުރު ދުވަހަކީ އެދުވަހަކަށް އިރުއަރާނެ އެންމެ މާތް ދުވަސް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. ވީމާ ހުކުރު ދުވަސް ތިމާ އާއި ބައްދަލުކުރުމުން ގަދައަޅައި މަސައްކަތްކުރަންވީ އެދުވަހުގެ މާތްކަން ލިބިގަތުމަށެވެ. ޘަވާބާއި ބަރަކާތް ލިބިގަތުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން