އަންހެން ދަރިން ކައިވެނިކުރަނީ އިއްފަތްތެރިކަމާއިއެކުކަން ޔަޤީން ނުކުރެވޭ މައިންބަފައިން ޤިޔާމަތް ދުވަހު ދޭނީ ކޮން ޖަވާބެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އަންހެން ދަރިން ކައިވެނިކުރަނީ އިއްފަތްތެރިކަމާއިއެކުކަން ޔަޤީން ނުކުރެވޭ މައިންބަފައިން ޤިޔާމަތް ދުވަހު ދޭނީ ކޮން ޖަވާބެއް: މުފްތީ މެންކް

މިރޭ ދައްކަން މިއުޅެނީ މިފަދަ ތަނެއްގައި ދައްކަން ލަދުވެތި ވާހަކައެކެވެ. ނަމަވެސް މިއީ ކަންތައްތައް ހުރި ގޮތެވެ. މިއަދު އަންހެން ދަރިއަކު ބޮޑުވެ ކައިވެނިކޮށްދޭއިރު އެ ދަރިފުޅު ހުރީ ޢިއްފަތްތެރިކަމާއިއެކުގައި ކަމަށް ބުނެވޭނީ ކައިވެނިކުރެވޭ ފިރިމީހާއަށް އެކަމުގެ ޔަޤީންކަން ދެވޭނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟

މިގޮތަށް ކަންކަން މެދުވެރިވަމުން މިދަނީ އަންހެން ދަރިން ނުބެލެހެއްޓޭތީއެވެ. އެކަމުގައި އިހްމާލެވެވޭތީއެވެ. އެކުދިން ބޭނުންވާހައި ގޮތަކަށް އުޅެން ދޫކޮށްލެވޭތީއެވެ. ގެއިން ބޭރަށް އެކަނި ފޮނުވާތީއެވެ. ފޮނުވުމަށްފަހު އުޅޭ ގޮތް ނުބަލާތީއެވެ.

މައިންބަފައިންނަށް އަހަރެންގެ ސުވާލެއް އެބައޮތެވެ! އެ ސުވާލަކީ ތިއަ ގޮތަށް ދަރިންނާއިމެދު އިހްމާލުވެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަށްފަހު ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

--މުފްތީ މެންކް

އިމާމް މުފްތީ މެންކުގެ މި ވާހަކަފުޅަށް އަހަރެންވެސް ބައެއް އިތުރުކޮށްލާނަމެވެ.

"އިޖުތިމާޢީ މިންގަނޑުތަކޭ، މިނިވަންކަމޭ، މިޒަމާނޭ" ކިޔައި މިދުނިޔޭގައި ބަހަނާތައް ދެއްކިދާނެއެވެ! ނަމަވެސް ޤިޔާމަތް ދުވަހު އެފަދަ އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. ހުރިހާ މިންގަނޑުތަކެއްވެސް ﷲ ތަޢާލާ ވަނީ ކަނޑައަޅުއްވަވައިފައެވެ. އެ މިންގަނޑުތައް ކަނޑައަޅުއްވަވާފައިވަނީ ވަކި ޒަމާނަކަށް ނޫނެވެ. ވަކި ބެލެނިވެރިއަކަށް ނޫނެވެ.

ހަމައެކަނި މިސާލެއްގެ ގޮތުން އަހަރެން ދަންނަ ދެމަފިރިއަކު ޢަމަލުކުރާ ގޮތް ބުނެލަން ހެއްޔެވެ؟ ކޮލެޖަށް ނޫން ތަނަކަށް އޭނާގެ އަންހެން ދަރިން ފޮނުވަނީ ޒިންމާ އުފުލޭވަރުގެ މީހަކާއިއެކުގައެވެ. އެފަދަ މީހަކަށް އެކުގައި ދެވެން ނެތް ފަހަރަކު ނުފޮނުވައެވެ. އަދި އެގޮތަށް ފޮނުވުމަށްފަހު ވީޑިއޯ ކޯލް ކުރެއެވެ! ހުއްޓުވައެވެ. ޖަވާބުދޭން ޖެހޭނީވެސް ހަމަ ވީދިއޯ ކޯލްކޮށެވެ. ޖަވާބު ނުދީފިނަމަ ބޭރަށް ދިއުން އެކުގައި މަނާކުރެއެވެ.

އެދެމަފިރިން އެގޮތަށް އެ ބަލަހައްޓަނީ 8 އަންހެން ދަރިންނެވެ. އަހަރެމެންނަށް އެންމެ 2،3 ދަރިން ނުވަތަ އެންމެ ދަރިފުލަކު ނުބެލެހެއްޓެންވީ ކީއްވެގެން ހެއްޔެވެ؟ މައިންބަފައިން އެގޮތަށް ކަންތައް ކުރާތީ މިނިވަންކަން ގެއްލިގެން ދަރިން ޝަކުވާއެއް ވެސް ނުކުރެއެވެ. އެއީ އެކުދިން ތަރުބިއްޔަތުކޮށްފައިވަނީ އިސްލާމް ދީނުގައި ލިބެންޖެހޭ، އަދި ދެވޭނެ މިނިވަންކަން އަންގައިދީގެން ކަމަށްވާތީއެވެ.

ދެން ނިކަން ވިސްނައިލަބަލާށެވެ! އެދެމަފިރިން އެ ލިބިގަންނަނީ އެމީހުންނާއި ނަރަކަ އާއިދެމެދު ހުރަސް އަޅާނެ 8 އައްޑަނައެވެ! 5 އައްޑަނަ މިހާރުވެސް ލިބިގެންފިއެވެ. އިން ޝާ ﷲ! 8 އައްޑަނަ ފޫއަޅުވައިލެވުމަކީ ކިހިނަކުން ވެދާނެ ކަމެއް ހެއްޔެވެ؟

ވީމާ މުޅި މުޖުތަމައުއަށް ބޮޑު ވަބާއަކަށް ވެފައިވާ މި ބޮޑު މައްސަލަ ޙައްލުކޮށް، ޤިޔާމަތް ދުވަހު ޖަވާބުދާރީވެވޭނެ ގޮތަށް އަންހެން ދަރިން ތަރުބިއްޔަތުކުރަން ވަރަށް ބޮޑަށް ސަމާލުކަން މިވަނީ ދޭން ޖެހިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން