"އެމީހެއްގެ ޢަމަލުތައްވަނީ އެމީހަކު ނިމިދިއަ ގޮތެއްގެ މައްޗަށްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ހެޔޮ އަމަލުކުރުންމަތީގައި މަރުވާން މަސައްކަތްކުރަނީ މި ސަބަބަށްޓަކައެވެ."
"އެކަމުގެ ދަލީލުތައް ފެންނަން އެބަހުއްޓެވެ! ރަސޫލް ﷺ އަށް އެންމެ ބޮޑު އެހީތެރިކަމާއި ޙިމާޔަތް ދެއްވި އަބޫޠީލިބްގެފާނު މުޝްރިކެއްގެ ގޮތުގައި އަވަހާރަވީތީ ރަސޫލް ﷺ ދުޢާ ކުރެއްވެވުމުން ވެސް ﷲ ތަޢާލާ ވަނީ އެކަން ޤަބޫލުފުޅު ނުކުރައްވަވައިފައިކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަދި 100 މީހުން މެރިމީހާ ތައުބާވުމުން އޭނާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވިކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ! ހަމަ އެކަނި މިދެ ޙާދިސާއިންވެސް މީހާގެ ޢަމަލުތައްވަނީ އެމީހާ ނިމިދިއަ ގޮތެއްގެ މައްޗަށްކަން އެނގި ޔަޤީންވެގެންދެއެވެ."
"މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ކުށް ހޯދައި ފަޟީޙަތްކުރުން ހުއްދަވެގެނެއް ނުވެއެވެ. ސިއްރުން ކުރެވިފައިވާ ފާފައެއް ނަމަ ތައުބާވުމުން އެކަން ނިމިގެންދެއެވެ. މީސްތަކުންގެ ކުރިމަތީގައި ކުރެވިފައިވާ ކުށެއްނަމަ އެމީހަކު މީސްތަކުންގެ ކުރިމަތީގައި ތައުބާވުމުން އިތުރަށް އެކަމުގެ ވާހަކަ ދެއްކުން ހުއްދަވެގެނެއް ނުވެއެވެ."
- މުފްތީ މެންކުގެ ބަސްފުޅުން
ޢަލީ ރަމީޒަށް އިރެއްގައި ލަވަކިޔައި މިޔުޒިކްގެ ދުނިޔެއެއްގައި އުޅެވުނު ނަމަވެސް އެކަންކަމަށް އޭނާވަނީ މީސްތަކުންގެ ކުރިމަތީފައި ފައުޅުކަންބޮޑު ގޮތެއްގައި ތައުބާވެފައެވެ. އަދި އޭނާއަށް ކީފައިވާ ލަވަތައް ޖަހައި ނުދައްކަން ވަނީ އެދިފައެވެ. ވީމާ މުފްތީ މެންކުގެ ބަސްފުޅުން އެނގިގެންދަނީ މިހާރު އިތުރަށް އެވާހަކަ ނުދެއްކޭނެކަމެވެ.
ޢަލީ ރަމީޒަކީ މިހާރު މުޅި ރާއްޖެއަށް މަޝްހޫރު ބްރޭންޑެކެވެ. އެއީ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރުމުގެ ދާއިރާއިންނެވެ. އެކަމަށް ޓީވީތަކާއި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއްފަރާތުގެ ގޮތުގައެވެ. "ޢަލީ ރަމީޒް" ބުނެވޭއިރަށް މީހުންނަށް ނަގައިގަނެވޭނީ ދީނަށް ޚިދުމަތްކުރާ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.
އިސްލާމް ދީނުގެ ދައުވަތު ފެތުރުމަށްޓަކައި ޢަލީ ރަމީޒުގެ އަޑުންނާއި ޢަލީ ރަމީޒުގެ މަސައްކަތުން ޢާންމުކޮށްފައިވާ ކަންކަމަށް ބަލާއިރު އެތައް ހާސް މަސައްކަތްތަކެއް ފެންނަން އެބަހުއްޓެވެ. ވީމާ މިއަދު ދައްކަން އޮތީ އެކަންކަމުގެ ވާހަކަތަކެވެ. މިކުރެވެނީ ފާފައެއްކަން ނުއެނގޭ ޙާލުގައި މާކުރިން ކުރެވިފައިވީ ކަމެއްގެ ވާހަކައެއް ނޫނެވެ.
މިކަންކަމަށް ނުވިސްނައި ހިތުގައި އޮންނަ ހަސަދަވެރިކަން ފިލުވަން އަދިވެސް ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކުރަން މަސައްކަތްކުރާނަމަ އެމީހަކަށް އެކުރެވެނީ ނުބައިވެގެންވާ ޢަމަލެކެވެ.
ދުވާލަކު ގޮތަކަށް ބަދަލުވާ މީހުންނާއި ޢަލީ ރަމީޒް ވަރަށް ތަފާތެވެ. ސަބަބަކީ ބަދަލުވި ގޮތަށް އެބަދަލުގައި ސާބިތުވެ ހުރެ ބަދަލާއިއެކު ކުރިއަށްދާން މަސައްކަތްކުރާތީއެވެ!
ދުޢާއަކީ މިޔުޒިކްގެ ދުނިޔޭގައި ޙަޔާތް ވޭތިކުރަމުންދާ ހުރިހާ އަޚުންނަށްވެސް ހެޔޮ ވިސްނުމާއި ޢަމަލުތައް އިޞްލާޙްވުމުގެ ތައުފީޤް މިންވަރުކުރެއްވެވުމެވެ.