އެނގިހުރެ ބިރެއް ނެތި ނަރަކައަށް ވަންނަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެނގިހުރެ ބިރެއް ނެތި ނަރަކައަށް ވަންނަނީހެއްޔެވެ؟

ޝައިޠޯނާއަށް އެންމެ މީހަކު ނަމަވެސް ނަރަކައަށް ގެންދިއުމުގެ ބާރު ލިބިފައިވާނަމަ އެކަލޭގެ ނަރަކައަށް ދާނީ ދުނިޔޭގެ އެންމެން ގޮވައިގެންނެވެ. ނަމަވެސް އެއީ ﷲ ތަޢާލާ އިބިލީހަށް ދެއްވަވާފައިވާ ބާރެއް ނޫނެވެ. ކޮންމެ މީހަކު ނަމަވެސް ނަރަކައަށް ވަންނަނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެމީހަކު އަމިއްލައަށެވެ.

ބަނގުރަލާއި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢްމާލް ކުރުމުން ޞިއްހަތަށް ގެއްލުން ލިބި ފުރާނައަށް ނުރައްކާވާކަން ރަނގަޅަށް އެނގިތިބެ އެތަކެތި ބޭނުންކުރަމުން ގޮސް މަރުއެނދުގައި އޮށޯންނަން ޖެހޭއިރުވެސް ހުއްޓައި ނުލެވޭ ފަދައިން، އެ ފާފައެއް ކުރުމުން ނަރަކައަށް ވަންނަން ޖެހޭނެކަން އެނގޭ ފާފަތައް ކުރުންމަތީގައި ތިއްބައި މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރައަވަވަނީއެވެ. 

މީސްތަކުންނޭވެ ނަރަކަ އާއިމެދު ބިރުވެތިވާށެވެ! ފާފައެއް ކޮށްލުމުން ލިބޭ ވަގުތީ ހިތްހަމަޖެހުމުގެ ބޭނުމުގައި އުޚުރަވީ ހަޔާތް ނަރައިކައިގައި ހޭދަކުރަން ޖެހިއްޖެ ނަމަ ލިބޭނެ އަނިޔާ އާއި ކެކުޅުން ހިތްތަކަށް ގެންނާށެވެ! ﷲ ތައާލާއަށް ބުއްދި ދެއްވެވީ މިކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ބުއްދީގެ ބޭނުންކޮށްގެން ނަރަކައިން ސަލާމަތްވާން މަސައްކަތް ނުކުރެވޭ ނަމަ ﷲ ތައާލާ ތިބާއަށް ބުއްދި ދެއްވެވި ބޭނުން ތިއަ ބާކީކޮށްލަނީއެވެ! 

އެކަމުގެ ހުރިހާ ޒިންމާއެއް ވެސް ނަގަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. އެކަމުގެ ޒިންމާ އިބިލީސްވެސް ޤިޔާމަތް ދުވަހު ނުނަގާނެ ކަމުގެ ވާހަކަ ކުރީރޭގެ ދަރުސްގައި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ބަޔާންކޮށްދިނީމެވެ. 

ގިނަ ބައަކު ނަރަކައަށް ވަންނަނީ ނަރަކައަށް ވަންނަން ޖެހޭނެކަން އެނގިތިބެ ކުރާ ޢަމަލުތަކުންނެވެ! އެއްވެސް ހާލެއްގައި އެއްވެސް މީހެއްގެ ސަބަބަކުން ނޫނެވެ. އަދި ޝައިޠޯނާގެ ސަބަބަކުން ވެސް ނޫނެވެ! ވީމާ މިކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނާލަން އަދިވެސް ހަމަ ނުވަނީ ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން