ފަޅި ސިކުންތަކަށްވެސް ޝައިޠޯނާގެ އަޅަކަށްވުން: ލަދުވެތިވާންޖެހޭ، ގެއްލުން ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފަޅި ސިކުންތަކަށްވެސް ޝައިޠޯނާގެ އަޅަކަށްވުން: ލަދުވެތިވާންޖެހޭ، ގެއްލުން ބޮޑު ކަމެއް!

"މަސްތުވާތަކެއްޗާއި ބަނގުރަލަކީ ހުރިހާ ނުބައި ކަމެއްގެ ފެށުމެވެ. އިސްލާމް ދީނުގައި އޮތީ އެންމެ ހިނދުކޮޅަކަށްވެސް ބުއްދި ފިލުވައި ނުލުމަށެވެ. ބުއްދި ފިލައިފިނަމަ ތިބާ ވާނީ ޝައިޠޯނާގެ އަޅަކަށެވެ! އެއިރުން ކުރެވޭނީ ތިބާ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. އެއިރުން ކުރެވޭނީ ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަމެވެ!" 

މިޢީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ. "މަސްތުވާތަކެއްޗާއި ބަނގުރަލަކީ ހުރިހާ ނުބައި ކަމެއްގެ ފެށުމެވެ." ވިދާޅުވެފައިވާއިރު އެއީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ސަބަބަކީ އެއްޗެތި ބޭނުންކުރުމުން އިންސާނާގެ ބުއްދިފިލައިދާތީއެވެ. 

ބުއްދިފިލައިދިއުމުން ކުރަންޖެހިލުންވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ސަބަބަކީ ޖެހިލުންވާންވެސް ނުއެނގޭނެތީއެވެ. ބުއްދިފިލައި ދިއުމުން ބޮޑެތި ޖަރީމާތައް އެބަ ހިންގެއެވެ. ފަހުން ލަދުން ލޯހުޅުވާލަން ނުކުރެވޭވަރުގެ ދަށުދަރަޖައިގެ ކަންކަން އެބަކުރެވެއެވެ. 

މިސާލަކަށް ބުނާނަމަ މަސްތުގެ ޙާލުގައި ހުންނަ ވަގުތު ކައިވެނި ހެޔޮނުވާ މީހުންގެ ކުރިމަތީގައި ބަރަހަނާ ޙާލުގައި އެބަ އުޅެވެއެވެ. ހަމަހޭގައި ހުރެ ދުލުން ނުބުނާނެ ބަސްތައް އެބަ ބުނެވެއެވެ. ފަހުން އެކަންކަން ކުރެވުނުކަން ހަނދާންވުމުން ލަދުން ކަރުނައަޅަންޖެހެއެވެ. 

އެކަން އެވާ ސަބަބުވެސް އެވަނީ ބަޔާންކުރައްވައިފައެވެ. " ބުއްދި ފިލައިފިނަމަ ތިބާ ވާނީ ޝައިޠޯނާގެ އަޅަކަށެވެ! އެއިރުން ކުރެވޭނީ ތިބާ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. އެއިރުން ކުރެވޭނީ ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަމެވެ!" 

ވީމާ ޝައިޠޯނާގެ އަޅަކަށް އެންމެ ފަޅި ސިކުންތަކަށްވެސް ނުވުމަށް ފަސްފަށުން ނަބޭޙަތްތެރިވަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން