އަޅުގަނޑުމެންގެ ތިބެނީ ދެބައިންނެވެ. އެއީ އަޅުގަނޑާއި އަޅުގަނޑުގެ ބޭބެއެވެ. ބައްޕަ ވަނީ ނިޔާވެފައެވެ. ހުރީ މަންމަ އެކަންޏެވެ.
އަޅުގަނޑު މަސައްކަތްކުރަނީ ބޭންކެއްގައެވެ. ބޭބެ މަސައްކަތްކުރަނީ އަމިއްލަ މީހެއްގެ ކުންފުންޏެއްގައެވެ. ކައިވެނިކުރުމަށްފަހު އަމިއްލަ ދިރިއުޅުމެއް އުޅެން އަނބިމީހާ ބޭނުންވުމުން ގެއިން ނުކުމެ ވަކިދިރިއުޅުމެއް އުޅެންފެށިއިރު ބޭބެގެ އެކައުންޓުގައި ފުދޭވަރަކަށް ފައިސާ ހުއްޓެވެ.
ބޭބެ ގެއިން ނުކުތަތާ 6 އަކަމަސްފަހުން އެނގުނީ ބޭބެ 3 ލައްކަ ރުފިޔާގެ ލޯނެއް ނެގިކަމެވެ. އެހެންވެ އެއީ ކޮންކަމެއްކުރަން ނެގިފައިސާއެއްކަން އޮޅުންފިލުވައިލުމުގެ ބޭނުމުގައި ބަންދު ދުވަހަކު ބޭބެ އުޅޭގެއަށް ދިއައިރު ބޭބެ ސިޓިންގ ރޫމްގައި އިނީ ވަރަށް ފިކުރުބޮޑުވެފައި އިން ފާޑަކަށެވެ. ފަހަރި ކޮބައިތޯ އަހައިލުމުން ބުނީ ބާޒާރަށް ގޮސް ކަމަށެވެ.
ކުއްލިއަކަށް ލޯނެއް ނެގީ އަމިއްލަ މަސައްކަތެއް ފަށަންތޯ ސުވާލުކުރުމުން ބޭބެ ބުނީ ލިބޭ މުސާރައިން އަނބިމީހާ ކުރަން ބޭނުންވާވަރަށް ޚަރަދު ނުކުރެވޭތީ ލޯނެއްނަގަންޖެހުނީ ކަމަށެވެ. އެހެންބުނިއިރު ބޭބެއަކީ މަހަކު 35،000 ގެ މުސާރައެއް ލިބޭ މީހެކެވެ. އަދި ދަރިއަކު ލިބުނީއެއްވެސް ނޫނެވެ. އުޅެނީ ބައްޕަގެ ގެއިން ލިބިފައިވާ ބައެއްގައެވެ. ކުލިދައްކާކަށް ނުޖެހޭނެއެވެ. ވީމާ މުސާރައަށް ލިބޭ އެހުރިހާ ފައިސާތަކަށް އަނބިމީހާ ކުރަނީ ކޮންކެމެއްތޯ ސުވާލުކުރުމުން ކޮޓަރިއަށް ގެންގޮސް ދައްކައިލުމުން ދިއައީ ސިއްސައިގެންނެވެ.
އަލަމާރިތައް ފުރާލާފައިވަނީ އަގުބޮޑު ގަހަނާތަކާއި އެންމެ އަގުބޮޑު ސެންޓާއި ފޭރާމާއި އެފަދަ ތަކެތިންނެވެ. ބޭބެބުނީ ކޮންމެ ދުވަހަކު ބާޒާރުގައި ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށާއި އެކަމާއިހުރެ މަސައްކަތުން އެނބުރި އަންނައިރު ކައްކާފައިވެސް ނުހުންނަ ކަމަށެވެ. އަނބިމީހާ ދޫކޮށްލަންވެސް ވިސްނާ ކަމަށާއި ނަމަވެސް ބަލިވެ އިނުމުން ގޮތެއް ނިންންމަން އުނދަގޫވެގެން އުޅެނީ ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "ދޮންބޭއެވެ. މިހާރު ދަރާފައި ތިއަވަނީ 3 ލައްކަ ރުފިޔާއަށެވެ. އެވަރަކުންވެސް ނުނިމޭނެއެވެ. ލޯނު ނުވެސް ދެއްކޭނެއެވެ. އިތުރަށް ލޯނުތައްވެސް ނަގަން ޖެހޭނެއެވެ. ވީމާ މިކަން ޙައްލުކުރަން އަހަރެންނަށް ދޫކޮށްލާށެވެ. ބޭނުންނުކޮށް އަލާމަރިތަކުގައި ހުރި އެއްޗެތި ވިއްކައިލާނީއެވެ. ބޭބެގެ އުޅުން ގެއަށް ބަދަލުކުރާނީއެވެ. މިތަންކުއްޔަށްދީގެން ލޯނު ދައްކާނީއެވެ. އެކަންކަމަށް ނުރުހޭނަމަ ވަރިވެގެން ދާން ދޫކޮށްލާށެވެ!
އަޅުގަނޑުގެ ހުށަހެޅުން ބޭބެ ޤަބޫލުކުރުމުން ވަގުތުން ފިޔަވަޅުއެޅީމެވެ. ރައްޓެހި ވިޔަފާރިވެރިއަކަށް ގުޅައި ފިހާރައިން މީހުން ގެނެސް ވަގުތުން ސާމާނުތައް ފޮނުވައިލީމެވެ. އަދި ގެތަޅުލާފައި ބޭބެ ގޮވައިގެން ދިއައީ ގެއަށެވެ. ގެއަށް ދިއުމަށްފަހު ބޭބެ ލައްވައި ފަހަރިއަށް ގުޅައި ދިރިއުޅުން ގެއަށް ބަދަލުކޮށްފިކަމަށާއި އެގެއަށް ދިއުމުގެ ބަދަލުގައި މަންމަގެ ގެއަށް އަންނަން ބުނުވީމެވެ.
ގެއަށް އައިސް ގެއަށް ގެނެސްފައި ހުރި އޭނާގެ އެއްޗެތީގެ ތެރޭގައި ބޭނުންނުކޮށް އަލަމާރީގައި ހުރިތަކެތި ނެތުމުން ސުވާކުރުމުން އެސުވާލަށް ޖަވާބުދިނީ އަޅުގަނޑެވެ. "ދޮންބެގެ ދަރިން ބައެއް ނަމަވެސް އަދާކުރެވޭތޯ އެއެއްޗެތި ވިއްކާލައިފީމެވެ. އަދި މީގެފަހުން ދަރަނި އަދާކުރެވެންދެން މުސާރައިންވެސް އެއްބައި ސީދާ ބޭންކަށް ޖަމާވާނެ ގޮތް ހަދާނަމެވެ. އެގޮތަށް ހެދުމުން އެއްވެސް ކަމަކަށް ދަތިވާނަމަ މަދުވާ ފައިސާ ކޮއްކޮދޭނަމެވެ. ދޮންބެއަކީ މަންމަ ފިޔަވައި ހުރި އަހަރެންގެ ހަމައެކަނި މީހާއެވެ. ވީމާ އަހަރެންގެ މުސާރަ އެކުގައި ދޮންބެއަށް ޚަރަދުކުރަންވެސް މިހުރީ ހަމަ ތައްޔާރަށެވެ. ނަމަވެސް ކަލޭތިއަކުރާ އަގުބޮޑު ބާޒާރުތައް ކުރާކަށް ނޫނެވެ!"
ފަހަރި ވަރަށް ރުޅިގަދަވިއެވެ. ހަޑިހުތުރު އެއްޗެތިވެސް ގޮވިއެވެ. ބޭނުބްވާ ތަކެތި ހޯދައި ނުދެވޭ ފިރިއަކާއިއެކު ދިރއުޅެން ބޭނުން ނުވާކަމަށްވެސް ބުންޏެވެ. އޭނާ ކީއެއްވެސް އެއްޗަކަށް އަހަރެމެން އެކަކުވެސް ޖަވާބު ނުދިނުމުން ގޭގައި އުޅެން ބޭނުން ނޫންކަމަށްބުނެފައި ނުކުމެގެން ދިއައީއެވެ. ދާން އުޅެން ފެށުމުން އެކަން ހުއްޓުވަން ދޮންބެ އުޅުނެވެ. ނަމަވެސް އޭނާ ދޮންބެއާއި ކައިވެނިކުރި މަޤްޞަދު ދެން އިތުރަށް ޙާޞިލްނުކުރެވޭނެކަން އެނގުމުން ނުކުމެގެންދިއައީއެވެ.
އެކަމުގެ ސަބަބުން ދޮންބެއަށް ލިބުނު ނަފްސާނީ ގެއްލުންތަކުން ސަލާމަތްކުރެވުނީ ވަރަށް ގިނަ މަސައްކަތް ދެމައިންކޮށްގެންދީގެންނެވެ. ދޮންބެއަށް ހަމަޖެހުން ލިބުނުތަނާހެން އަނބިމީހާ އެނބުރި އައިސް އެދުނީ ވިހައިގަދަވަންދެން ގޭގައި ބައިންދާލަދިނުމަށެވެ. އެކަމަށް 3 މައިން އެކުގައި އުފަލުން މަރުޙަބާކީމެވެ. ގޭގައި އިނދެ ވިހައި ގަދަވީމާ ދަރިފުޅު ދޫކޮށްލާފައި ނުކުމެގެންދިއައީއެވެ. ނުކުމެގެން ގޮސްފައި ވަރިއަށް އެދުމުން ދޮންބެ އޭނާ ވަރިކުރިއެވެ.
ދެން އެނބުރި ގެއަށް އައީ ދަރިފުޅަށް 4 އަހަރުގައެވެ. އެއިރު ދޮންބެ އިތުރު ކައިވެންޏެއްކޮށް ދަރިއަކުވެސް ވަނީ ލިބިފައެވެ. އެކަން އެނގުމުން އެދުނީ އޭނާގެ ދަރިފުޅު ބަލަން ގޭގައި ބައިންދައި ދިނުމަށެވެ. ބުނީ 2 ކައިވެނިކޮށްގެންވެސް ދިރިނުއުޅެވުނު ކަމަށާއި މިހާރު ދިރިއުޅޭނެ ތަނެއްވެސް ނެތް ކަމަށެވެ. އޭނާގެ މައިންބަފައިންވެސް އޭނާ ގެއަސް ނުވެއްދި ކަމަށެވެ.
މަންމަ ބުނީ އެއްވެސް ކަމަކަށް ދަތިވިއަނުދީ ކަންކަންކޮށްދެމުން ދަނިކޮށް އަދި ދަރިފުޅު ބެލުމުގައިވެސް އެހީތެރިވަމުން ދަނިކޮށް ދަރިފުޅަށް ގާތުން ނުދީ އެއްލާލާފައި ދިއަ މަންމައަކު އެދަރިފުޅު ބޮޑުވީމާ ލޯބިވާކަމަށް ޤަބޫލުނުކުރާ ކަމަށާއި ދޮންބެ ނުލާހިކު ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެނިކޮށް ދިރިއުޅުމުގައި ކަތުރުފަނި އަޅުވާނެ ފުރުޞަތުދޭން ބޭނުންނުވާ ކަމަށެވެ. އަދި 3 މީހުންނާ ކައިވެނިކޮށްގެން ދިރިނުއުޅުވުމުގެ އިތުރުން އަމިއްލަ މައިންބަފައިން ގެއަށް ނުވައްދާނީ އެދަރިއެއްގެ ކިބައިގައި ހުރި ސުންޕާކަން ބޮޑުކަމުން ކަމަށެވެ.
ތަކުރާރުކޮށް އެދުމުންވެސް މަންމަ ހަމައެޖަވާބުދިނުމުން ގެއިން ނުކުމެގެންދިއައީ ވަރަށް ދެރަވެފައި ހުރެގެންނެވެ. ފެންކަޅިވެފައި ހުރެގެންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ދޮންބެގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. އެއްވެސް އުޅުމެއް ނެތް އަންހެނަކާއި ކައިވެނިކުރެވުމުން ކަންކަން މެދުވެރިވި ގޮތެވެ. ޢިބްރަތް ޙާޞިލުކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް މިވާހަކައަކީ ރަނގަޅު ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
ދިރިއުޅުމުގެ ކަންކަމުގައި އަންހެނުންގެ ވިސްނުމަކީ އުނި އެއްޗެއްކަމަށް ޤަބޫލުކުރާ މީހުންނަށް ބުނެލަން ބޭނުންވަނީ ހަމަގައިމުވެސް ދޮންބެގެ ދިރިއުޅުން ސަލާމަތްކުރެވުނީ އަޅުގަނޑުގެ ވިސްނުމަށް ޢަމަލުކޮށްގެންނެވެ. އަޅުގަނޑަކީވެސް އަންހެނަކީމެވެ. ވީމާ ފިރިހެނަކަށްވުމަކީ ކޮންމެ ކަމެއްގައި އެންމެ މޮޅު ގޮތް ވިސްނޭނެ ސަބަބުކަމަށް ދުށުމަކީ މޮޔަކަމެކެވެ. އޮޑި ފެތެމުންދާއިރު ސަލާމަތްކުރުމުގައި ހެޔޮލަފާ އަންހެނުންގެ ވިސްނުން މާފުރިހަމަކަމަށް ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟
ދެން ނަޞޭޙަތުގެ ގޮތުން ބުނެލަން ބޭނުންވަނީ އަޚަކު ނުވަތަ އުޚުތަކު ހަލާކުގެ ތެރެއަށްދާން ދޫކޮށްނުލާށެވެ. ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެއީއެވެ.
- ޝިރުމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް