ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަނބިދަރިންނަށް އަތްފޯރުވޭ ފަށަށް ގާތް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަނބިދަރިންނަށް އަތްފޯރުވޭ ފަށަށް ގާތް ނުކުރާށެވެ!

 

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.

"އެމީހަކީ ތިބާގެ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަނބިދަރިންނަށް އަތްފޯރުވޭ ފަށަށް ގާތް ނުކުރާށެވެ! ޝައިޠޯނާ ދެމެދަށްވަދެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފާނެ ކަމަށް އަބަދުވެސް ވިސްނަންވާނެއެވެ! ވީމާ އެއްވެސް މީހަކަށް އެ ފުރުޞަތު ނުދޭށެވެ!"

ބައެއް މީހުން ވިސްނާ ނުލައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިންނާއި ގާތް ގުޅުން އުފައްދައި މަސްހުނިވުމުގެ ފުރުޞަތު އެކުވެރިންނަށް ދެއެވެ. އެއީ އެކުވެރިޔާއަށް ވަރަށް ބޮޑަށް އިތުބާރުކުރެވޭތީ ކުރެވޭ ކަމެކެވެ. ހިތާމައަކީ ފުރަތަމަކަމަކަށް އެހައި ބޮޑަށް އިތުބާރުކުރެވިދާނެ ހަަމއެކަކުވެސް މިހާރު ނެތްކަމެވެ.

ދެވަނަ ކަމަކީ ޝައިޠޯނާ އަބަދުވެސް ހުންނާނީ ދެމަފިރިއެއްގެ ދެމެދަށް ވަދެގަންނާނެ ފުރުޞަތަކަށް ބަލަބަލައެވެ. ޚާއްޞަކޮށް އެއީ ލޯބިން ރަނގަޅު ގޮތުގައި ދިރިއުޅޭ ދެމަފިރިންނަމަ ދެމަފިރިންގެ ދެމެދަށް ވަދެގަންނަން ޝައިޠޯނާ ވަކިން ބޮޑަށް މަސައްކަތްކުރާނެއެވެ.

އެންމެ ބޮޑު އެއްކަމަކީ ޝައިޠޯނާއަށް އޭތި ބޭނުންވާ ގޮތް ކާމިޔާބު ނުކުރެވުނުނަމަ، ދެމީހުން ލައްވައި ނުބައި އަމަލެއް ނުކުރެވުނުނަމަ އެހިސާބުން ދެން ޝައިޠޯނާ މަސައްކަތްކުރާނީ އަނެކާގެ ހިތުގައި ނުބައި ޝައްކުތައް އުފެއްދުވުމަށެވެ. އެއީ އެންމެ ނުރައްކާތެރިކަން ބޮޑު ކަންތަކެވެ.

ކުޑަކުޑަ މިސާލެއްވެސް ބުނެފާނަމެވެ. ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާއަށް އެފަދަ ފުރުޞަތެއް ފިރިމީހާ ދިނުމުން މަގުފުރެދުމަށް އިބިލީސް ދިން ވަސްވާސްތަކަށް ދެމީހުން ނުހެއްލުނީއެވެ. އެހިސާބުން ދެން ޝައިޠޯނާ މަސައްކަތްކުރާނީ ކޮންމެވެސް ގޮތަކުން ފިރިމީހާގެ ހިތުގައި ނުބައި ޝައްކުތަކެއް އުފެއްދުވުމަށެވެ. އެޙާލަތުގައި އެއްވެސް ޙަޤީޤަތެއް ނެތް ކުދިކުދި ކަންކަން އެއީ ވަރަށް ބޮޑެތި ކަންކަމުގެ ގޮތުގައި ދައްކުވާނެއެވެ.

ވީމާ މިހިރީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ!

 

 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން