ކުޑަކުޑަ އެއްޗެއް- ބޮޑު ސަރަހައްދެއްގަ ހުޅުރޯކުރުވާ އެއްޗެއް- ބޮޑެތި ހުޅުގަނޑުތައް ނިއްވައިލާ އެއްޗެއް- ކޮން އެއްޗެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކުޑަކުޑަ އެއްޗެއް- ބޮޑު ސަރަހައްދެއްގަ ހުޅުރޯކުރުވާ އެއްޗެއް- ބޮޑެތި ހުޅުގަނޑުތައް ނިއްވައިލާ އެއްޗެއް- ކޮން އެއްޗެއް؟

މިރޭގެ މައުޟޫއަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބާރުގަދަ، އެންމެ އާދައާ ޚިލާފް ގުނަވަނުގެ ވާހަކައެވެ. ގުނަވަނާއިގެން ކުރިއަށްދަމާ ހިނގާށެވެ! 

އެގުނަވަނަކީ އިންސާނާގެ ދުލެވެ. ދުލަކީ އެއިގެ ޒާތުގައި ކިތަންމެ ކުޑަކުޑަ އެއްޗެއް ނަމަވެސް ކިތަންމެ ބޮޑު ސަރަހައްދެއްގައި ހުޅުޖަހައި އަންދާލުމުގެބާރުވެސް ދުލަށް ލިބިގެންވެއެވެ! ހަމައެފަދައިން ރޯވެ އަނދަމުންދާ ކިތަންމެ ބޮޑު ހުޅުގަނޑެއް ނިއްވައިލުމުގެ ބާރުވެސް ދުލަށް ލިބިގެންވެއެވެ. 

ދެން ސުވާލުކޮށްލަން ބޭނުންވަނީ ތިބާގެ ދުލާއިބެހޭގޮތުންނެވެ. ރަނގަޅަށް ވިސްނައިލުމަށްފަހު ބުނެބަލާށެވެ! ތިބާއަށް ދެއްވެވި ދޫ ބޭނުންކޮށްގެން ކިހައި ބޮޑު ސަރަހައްދެއް އަންދާލައިފިން ހެއްޔެވެ؟ ނޫނީ ކިހައި އަލިފާނެއް ނިއްވާލައިފިން ހެއްޔެވެ؟

ދެން މިބަޔާންކުރަނީ ތަންކޮޅެއް ތިލަކޮށެވެ. މީހާގެ ގުނަވަންތަކަށް ބަލައިފިނަމަ ދުލަކީ ވަރަށް ކުޑަކުޑަ ގުނަވަނެކެވެ. މިދައްކަނީ ހެޔޮލަފާ ވާހަކަ ދެއްކުމުން ކުރާ ފައިދާ އާއި ފިތުނަ އުފެއްދުމުން މެދުވެރިވާ ގޮތުގެ ވާހަކައެވެ. މި ދެކަންތައް ކުރަނީވެސް ހަމަ ދުލުންނެވެ. ދޫބޭނުންކޮށްގެންނެވެ. 

ގޭގައި، ޢާއިލާތެރޭގައި، އެކުވެރިންގެ ތެރޭގައި މިހެން ކިޔަމުން ގޮސް މުޖުތަމައުވެސް ހިމަނައިގެން ބަލާށެވެ! ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދުލުން ހިފުނީ ކޮން ބޭނުމެއްހެއްޔެވެ؟ ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ އެންމެ އަލިފާންގަނޑެއް ނިއްވައިލެވުނުހެއްޔެވެ؟ ނޫނީ ރޯވިއަ ނުދީ ހިފެހެއްޓުނު ހެއްޔެވެ؟ ހަމައެއާއިއެކު ވިސްނައިލާށެވެ! ހަމައެދޭ ބޭނުންކޮށްގެން ކިތައް އަލިފާންގަނޑު ރޯކުރެވިފައިވާނެ ހެއްޔެވެ؟ 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދުލާއި ޖިންސީ ގުނަވަން ސަލާމްކޮށްފި މީހަކު ސުވަރުގެ ވައްދަވައިދެއްވަން ޖާމިނުވެވަޑައިގަންނަވާނެ ކަމަށް އެއޮތީ އެކަމުގައި ހާދަބޮޑު މަތިވެރި ކަމެއް އޮތުމުންނެވެ. ވީމާ މިވާހަކަކޮޅު ދައްކާލުމުގެ ބޭނުމަކީ ތިމާ ސުވަރުގެ ވައްދަވާ ހަތިޔާރަކަށް ދޫ ބޭނުންކުރެވެން އޮއްވައި ހަމަ އެދޫ ބޭނުންކޮށްގެން ނަރަކައަށް ވަނުން ހުއްޓާލަން ބުނުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން