"ކިޔަވާ ހުރިހާ މާއްދާތަކެއް ވެސް ހުންނަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށެވެ. އެއީ އިސްލާމީ ޤައުމެއްގެ ސަރުކާރަށް އުނދަގޫ ކަމެއްނޫނެވެ. ބޭނުވީ އިސްލާމީ ވިސްނުމާއި، ފަންނީ ބޭފުޅުންނާ އިޚްލާޞްތެރި ކަމެވެ."
- ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް
ޝައިޚްގެ މިބަސްފުޅަކީ ދީނީ ޢިލްމުވެރިން އަބަދުވެސް ވިދާޅުވަމުން ގެންދަވާ ބަސްފުޅެކެވެ. ހިތާމައަކީ މިފަދަ ބަސްފުޅެއްގެ އަޑު އިވުނު ސަރުކާރެއް ފާއިތުވި 45 ވަރަކަށް އަހަރު ރާއްޖޭގައި ވެރިކަން ނުކުރާކަމެވެ.
ކޮންމެ ރައީސަކުވެސް ތައުލީމީ ވަޒީރަކުވެސް އިސްލާމް ދީނާ އިސްލާމް ދީންމަތީގައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ ވާހަކަތައް ދައްކައެވެ. ނަމަވެސް އެކަން ވެފައި އޮންނަނީ ހަމައެކަނި ތަޤްރީރުތަކުގައި ދައްކައިލާ ވާހަކަތަކަކަށެވެ. ޢަމަލީ ސިފައެއް ގެންނަން ކުރާ ކަންކަމަސްވުރެ ގިނައިން ފެންނަމުން މިދަނީ ކުދިން އިސްލާމް ދީނާއި ދުރުކުރުވަން ކުރާ ކަންކަކަމެވެ.
މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ކުރިމަތިވުމަށް މެދުވެރިވާ ސަބަބަކީ އެއީކަން ގިނަ ބައަކު ޤަބޫލުކުރެއެވެ.