ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ ދުލުގެ ސަބަބުން- މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ ދުލުގެ ސަބަބުން- މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް: މުފްތީ މެންކް

ކައިވެނިކުރާއިރު ޢާންމު ގޮތެއްގައި ޤުރްއާނުގެ 3 އާޔަތް ކިޔާނެއެވެ. ފުރަތަމަވެސް ކިޔާނީ ތަޤްވާވެރިވުމުގެ އާޔަތުންނެވެ. އެމީހެއްގެ ދޫ ރައްކައުތެރިނުކުރެވޭ މީހަކަށް ތަޤްވާވެރިއެއް ނުވެވޭނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އަދި ދަރިންނަށް ނުބައި ބަސްތައް ބުނެވޭނަމަ ކައިވެނީގެ ފުރަތަމަ އަދި އެންމެ މުހިންމު ކަންތައް ފޭލްވީއެވެ. 

ހަމަ އެއާއިއެކު ވިސްނައިލާށެވެ! އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީވެސް އެމީހުންގެ ދުލުގެ ސަބަބުންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މިހާރު މިދައްކަނީ އެންމެ ގިނަ ކައިވެނިތައް ހަމަ އެދުލުގެ ސަބަބުން ރޫޅިގެންދާ ވާހަކައެވެ. 

ބައެއް މީހުންނަށްވާ ގޮތަކީ ކިރިޔާ ކަމެއް ދިމާވާއިރަށްވެސް ހިތުގައި މާބޮޑު ޙަސަދަވެރިކަމެއް ނެތް ނަމަވެސް ނުބައި ބަސްމަގު ބޭނުންކުރެވެނީއެވެ. އެކަމުގެ ސަބަބުން އަނެކާގެ ހިތް ކުދިކުދިކޮށް ކޮށައިލެވެނީއެވެ. އެހަންޖަރުގެ ތޫނުކަން ބޮޑުވެފައި ވިހަގަދަކަމުން އަނެކާ ކޮށްދީފައި ހުންނަ ރަނގަޅު ކަންތައްތައްވެސް ހިތުން ފިލައިގެންދަނީއެވެ. 

އެކުވެރިންނޭވެ! ދުލުން ބުނާ ބަސްތައް ނުބައިނަމަ ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ އޭނާ އާއިމެދު ﷲ ތަޢާލާ ރުހިވޮޑިނުގެން އޭނާކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދައި ތިމާކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރެއްވެވުން އެދިގެންވެސް ދޫރައްކައުތެރިކުރަން އެބަޖެހެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން