އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެކަމަށް ބެލެވޭ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލު ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާޤް ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ ވަރަށް މަޑުމަޑުން ކުރިއަށް ދަނިކޮށް ބާރު ސްޕީޑްގައި ޤައުމުގެ ކަންކަން ކުރިއަށް ގެންދެވުނީ "ބިރުކަނޑާލައި" ޤާސިމް ހުށަހެޅުއްވި ބަޖެޓުން ކަމަށާއި މިއީ އެންމެންނަށްފެނިފައިވާ ކަމެއް ކަމަށެވެ. "އެހެންވީމާ އެބަ ޔަޤީންވޭ އިޤްޠިޞޯދީ ދާއިރާއިން މަތީ ތައުލީމު ތަކެއް ޙާޞިލުކުރައްވާފައި ނުވި ނަމަވެސް ޤާސިމް އިބްރާހީމްގެ ކިބައިގައި ޤައުމު ތަރައްޤިކުރުމުގެ ޤާބިލުކަން އެބަހުރިކަން. ހަމަ އެއާއިއެކު ސަރުކާތރުގަ ހުންނަވައިގެންނާއި އަމިއްލަފުޅު ގޮތުން ކުރައްވާފައިވާ ކަންކަމުން ޔަޤީންކަން އެބަލިބޭ އެމަނިކުފާނަކީ ތެދުވެރިއެއްކަމަށް."
"އަޅުގަނޑަކީ ޕާސަނަލީ ޤާސިމާ އެއްވެސް ގުލުމެއް އޮތް މީހެއް ނޫން. ދުވަހަކުވެސް ޕާސަނަލް ގުޅުމެއް ނުބާއްވަން. އެންމެފަހުންވެސް ބައްދަލުވީ މީގެ 4 އަހަރުކުރިން ޖަރުމަނުން. އަޅުގަނޑު މިވާހަކަ މިދައްކަނީ ޤާސިމްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުނެވެގެނެއް ނޫން. މިހައިތަނަށްވެސް މިއައީ ހަމަ އެއްވެސް މީހެއްގެ އެހީތެރިކަން ލިބިގެނެއް ނޫން. ހަމަ އަމިއްލަ މަސައްކަތުން. އަދިވެސް ކުރިއަށްދާން ބޭނުންވަނީ ހަމަ އަމިއްލަ މަސައްކަތުން."
"މިހާރު މިފެންނަ ގޮތުން އަޅުގަނޑަށް ޤަބޫލުކުރެވެނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ނުދޭނެކަމަށް. ވީމާ ދެން ކުރިމަތިލާނެ ކަމަށް އަޑުއިވެމުން އަންނަ ކެންޑިޑޭޓުންނަށް ބަލާއިރު ތިބެންޖެހެނީ ކަންބޮޑުވުމެއްގެ ތެރޭގަ. ޤާސިމް އިބްރާހީމްގެ ޤާބިލުކަމަކީ ފެނި ޔަޤީންކުރެވިފައިވާ ކަންކަން. އެހެންވެ އެމޭރުމުން އަޅުގަނޑު މިބުނަނީ. އަޅުގަނޑަށް އެފަދަ ބަހެއް ބުނެވުނީމާ ހިތްހަމަ ނުޖެހިގެން ބައެއް މީހުން އެބަގުޅާ. އެކަމަކު ޑިމޮކްރަސީއެއްގަ ކޮންމެ މީހަކަށްވެސް އޮންނާނެ އެމީހަކަށް ފެންނަ އެއްޗެއް ބުނުމުގެ ޙައްޤު. އަޅުގަނޑު ބޭނުންކުރީ އަޅުގަނޑުގެ ޙައްޤު."
"ބައަކަށް ޤަބޫކުރެވުނަސް ނުކުރެވުނަސް މިސަރުކާރު ދެމިއޮތުމުގައިވެސް އެންމެ ބޮޑީ ޤާސިމްގެ ދައުރު. ޤާސިމް ސަރުކާރާއިއެކު ހުންނެވިކަން. މިއީވެސް ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް."
ފިރާޤް މިމޭރުމުން ވިދާޅުވީ މިހާރު މި އޮތް ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމަށް ކަމަށް ސޯޝަލްމީޑިއާގައި ވިދާޅުވި ބަސްފުޅަކާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ފިރާޤް ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގެ ސިޔާސީ އުދަރެހުގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު، މިހާރު މި އޮތް ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނެ ޤާސިމް ނޫން ދެވަނަ ބޭފުޅަކު ނެތް ކަމަށެވެ.