ހެޔޮ ބަސްތައް ބުނުމުގެ ފައިދާކުރާނީ ފަތިހު ހޭލަންކެރޭ އަދި ގުދުވާން ކެރޭ މީހުންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހެޔޮ ބަސްތައް ބުނުމުގެ ފައިދާކުރާނީ ފަތިހު ހޭލަންކެރޭ އަދި ގުދުވާން ކެރޭ މީހުންނަށެވެ!

ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ކޮންމެ މީހަކުވެސް ނަމާދުކުރުމަށެވެ. ފިރިހެނުން މިސްކިތަށް ގޮސް ޖަމާޢަތުގައި ބައިވެރިވުމަށެވެ. ނިސޯބު ހަމަވާވަރުގެ ތަނަވަސްކަން ހުރިނަމަ ޒަކާތް ދެއްކުމަށެވެ. ާޒުރުވެރިން ނޫން މީހުން ރަމަޟާން މަހު ރޯދަ ހިފުމަށެވެ. ކުޅަދާނަކަން ލިބިގެންވާ ޙައްޖުވުމަށެވެ.

ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވުމަށްފަހު ފަރުޟުތައް އަދާނުކުރާނަމަ އެއީ ފުރިހަމަ މުސްލިމަކު ކަމުގައެއް ނުވެއެވެ. ޤަޞްދުގައި ނަމާދު އެލުމަކީ ދީނުން ބޭރުވާ ކަމެކެވެ. ވީމާ އެނގިގެން މިދަނީ ހަމައެކަނި ދައްކާ ވާހަކައަކުން ފުރިހަމަ އިސްލާމަކަށް ނުވެވޭނެ ކަމެވެ.

މިހާރަކަށް އައިސް ހެޔޮ ބަސްތައް ބުނާ މީހުން ވަރަށް ގިނަވެއްޖެއެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާޓްފޯނެއް އޮންނާތީ ކޮންމެވެސް މޮޅު ބަހެއް ބުނެލުމަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމެކެވެ. ދީނީ، އިޖުތިމާޢީ އަދި ޤައުމީ ކަންކަމުގައި ހެޔޮ ބަސްތައް ބުނުމަކީ ދީނީ ގޮތުންވެސް ކުރަންޖެހޭ ކަންކަމެވެ. ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ދީ ހޭލުންތެރިކުރުވުމަކީ ވެސް ހަމަ އަޅުކަމެވެ.

އެހެންކަމާއިއެކުވެސް ބުނާ ބަހުގެ ފައިދާ އެމީހަކަށް ކުރާނީ ފަތިހު ހޭލައި ފަތިސް ނަމާދުކުރާ މީހުންނަށެވެ. ދެން ހުރި ނަމާދުތައްވެސް ކުރާ މީހުންނަށެވެ. އެންމެ މަދުންވެސް ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ވަރަށް ގުދުވާންކެރޭ މީހުންނަށެވެ. ވީމާ ފުރަތަމަކަމަކަށް ތިމާއަކީ ގުދުވާ މީހެއް ކަމުގައިވާށެވެ!

އިސްލާމް ދީނުގައި އޮތީ ހަމައެކަނި ބަސްބުނުމެއް ނޫނެވެ. އިސްލާމް ދީނުގައި އޮތީ ބަސް ބުނުމާއިއެކު ޢަމަލުކުރުމެވެ. ގުދުވުމެވެ. އެއީ ފަރުޟު ނަމާދުކުރުމެވެ. ރުކޫޢު ސުޖޫދު ކުރުމެވެ. އެކަންކަން ނުކުރެވޭނަމަ ހަމައެކަނި ދުލުން ބުނާ ބަހަކުން ކުރާނެ ފައިދާއެއް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން