ކުޑަ އަންހެން ދަރިފުޅު އޭނާވާން ބޭނުމީ ފިރިއަކަށް ކަމަށާ އެއީ އަނބިމީހާއަށް އަނިޔާކޮށް އަބަދު ރޮއްވަން ބޭނުންވާތީ ކަމަށް ޢާއިލާގެ ކުރިމަތީގަ ބުނަންޖެހުން- ވަރަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ކުޑަ އަންހެން ދަރިފުޅު އޭނާވާން ބޭނުމީ ފިރިއަކަށް ކަމަށާ އެއީ އަނބިމީހާއަށް އަނިޔާކޮށް އަބަދު ރޮއްވަން ބޭނުންވާތީ ކަމަށް ޢާއިލާގެ ކުރިމަތީގަ ބުނަންޖެހުން- ވަރަށް ޢިބްރަތްތެރި ފިލާވަޅެއް!

ކޮންމެ ދުވަހަކުވެސް ދަރިފުޅަށް ފެންނަ މަންޒަރަކީ ބައްޕަ ހެނދުނު ހޭލައި ފެންވަރައިގެން ސައިބޯންގޮސް ސައިބޯންފަށާހިސާބުން މަންމައާއި ވަރަށް ހަރުކަށިކޮށް މުޢާމަލާތުކޮށް ހަރުކަށި ޢަމަލުތައްކުރާ މަންޒަރެވެ. އޮފީހުން ގެއަށް އަންނަނީ ދަންވަރުއެވެ. ދަންވަރު ގެއަށް އައުމުން އެހައިލަސްވީ ކީއްވެގެންތޯ، ގުޅީމާ ފޯނުނުނަގަނީ ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ތަޅައި އަނިޔާކުރާ މަންޒަރެވެ. އެކަންކަމާއިހުރެ އަބަދު މަންމަ ރޯންއިންނަ މަންޒަރެވެ. 

ބައްޕަ މަންމައަށް ހަރުކަށިކަމާއިއެކު ބަސްތައް ބުނި ނަމަވެސް، ތަޅައި އަނިޔާކުރިނަމަވެސް ދަރިފުޅާއިމެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. ބަސްބުނެ ހަދަނީވެސް ވަރަށް ލޯބިންނެވެ. އެހެންކަމުން ބައްޕަ ހީކޮށްގެން ހުރީ މަންމައަށް ކަންކަން ކުރާގޮތާއިމެދު ދަރިފުޅު ކަންބޮޑުނުވާނެ ކަމަށެވެ. 

ކުއްޖާގެ އުމުރުން 10 ވަރަކަށް އަހަރުގައި ދެމަފިރިންގެ ޢާއިލާގެ ދެފަރާތުގެ މީހުން އެމީހުންގެ ދަރިން ގޮވައިގެން އައިސް ގޭގައި އުޅުނު ދުވަހެކެވެ. ކުދިންނާއިއެކު ކުޅެން އުޅެމުން ގޮސް ދެމަފިރިއަކަށް ވެގެން ކުޅެން ފަށަން އުޅުނު ވަގުތެވެ. ދަރިފުޅަކީ އަންހެންކުއްޖެނަމަވެސް އޭނާ ބޭނުންވީ ފިރިމީހާއަށްވާށެވެ. އެހެންވެ އަންހެނަކަށްވާއިރު ފިރިމީހާއަށްވާން ބޭނުންވަނީ ކީއްވެގެންތޯ ބައްޕަ ސުވާލުކުރުމުން ކިޔައިދިނެވެ. 

"އަހަރެން ބޭނުންވަނީ ބައްޕަ އުޅޭގޮތަށް އުޅޭށެވެ. ހެނދުނު ތެދުވެ ސައިބޯން އިނދެގެންވެސް އަނބިމީހާއަށް އެއްޗެތިގޮވުމުން ދުވަސްފަށާށެވެ. އޮފީހުގައި އުޅެފައި ގެއަށް އަންނާނީ މެންދަންވުމުންނެވެ. އެކަމާއި ސުވާލުކޮށްފިނަމަ އަނބިމީހާގެ ގައިގައި ތަޅައިގަންނާނީއެވެ. ދުވަހަކުވެސް ރީތިކޮށް ވާހަކައެއް ނުދައްކާނަމެވެ. ދައްކާނީ އެންމެ ހަރުކަށި ޢިބާރާތުންނެވެ. އަބަދު ބައިންދާނީ އަނބިމީހާ ރޮއްވައިފައެވެ. މިކަންކަން މިގޮތަށް ކުރެވޭނީ އަހަރެންނަކީ ފިރިމީހާކަމަށްވެގެން ނޫން ހެއްޔެވެ؟" 

ކުއްޖާގެ ވާހަކަ ނިމުމުން ކޮންމެ މީހަކަށްވެސް ބަލައިލެވުނީ އަނެކާގެ މޫނަށެވެ. ކުއްޖާގެ މަންމައަށް ރޮވެން ފެށިއެވެ. ބައްޕަ ލަދުން ފުރަގަހަށް އެނބުރުނެވެ. އަމިއްލަ ދަރިފުޅު ދެފަރާތުގެ ޢާއިލާއަށް އެކިޔައިދިނީ އޭނާގެ ބައްޕައަށް ކޮންމެ ދުވަހަކު ކުރެވޭ ކަންކަން ކަމުގައިވުމުން އިތުރަށް ބުނާނީ ބުނެވޭނީ ކީކޭހެއްޔެވެ؟ 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމަކުން ފާހަގަކޮށްލެވުނު ބައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިއަދުވެސް އަޅުގަނޑަކީ ހަމަ އެފަދަ ޙާލުގައި ދިރިއުޅެންޖެހިފައިވާ އަންހެނަކަށްވުމުންނެވެ. އެ ފިރިމީހާ ކަންކަން އެކުރާ ގޮތާއި އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ކަންކަންކުރާ ގޮތާއި ހަމައެއްވެސް ތަފާތެއް ނެތެވެ. 

މިހެން ބުނުމުން އަނިޔާލިބެން ފުދިގެން އިންނަނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. އެއީ 4 ދަރިން ތިބުމުންނެވެ. ގޮވައިގެން ގޮސް ވަންނާނެ ތަނެއް ނެތުމުންނެވެ. ދޫކޮށްލާފައި ހިނގައްޖެނަމަ ދަރިންނަށް ޖައްސާނެ ޙާލެއް ނުވެސް އެނގޭތީއެވެ. މިހެން އިނދެ ހަށިގަނޑު ގިރިގެން މަރުވިނަމަވެސް ދަރިންނަށްޓަކައި އެންމެ ފަހުވަގުތާއި ހަމައަށް ދުނިޔޭގައި އިންނަން ބޭނުންވާތީއެވެ. 

އަޅުގަނޑަކީ ވަރަށް ބޮޑު އެކަނިވެރިއަކީމެވެ. އެހީތެރިވެދޭނެ އެކަކުވެސް ނެތެވެ. ވީމާ ﷲ ތަޢާލާ ގެ ހެޔޮ ރަޙްމަތަށް އެދި ދުޢާކުރުންމަތީގައި އިނުން ނޫން ގޮތެއް އަޅުގަނޑަކަށް ނެތެވެ. މިފަދަ ނިކަމެތިކަމެއް، ހިތްދަތިކަމެއް އެއްވެސް އަންހެނަކަށް މިންވަރު ނުކުރެއްވެވުން އެދި ދުޢާކުރަމެވެ.

 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން