ދަރިން ތަރުބިއްޔަތުކުރަންވާނީ އަމިއްލަ ނަފްސަށްވުރެ ﷲ އަށާ ރަސޫލް (ޞޢވ) އަށް ލޯބިކުރަން ދަސްކޮށްދީގެން!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަރިން ތަރުބިއްޔަތުކުރަންވާނީ އަމިއްލަ ނަފްސަށްވުރެ ﷲ އަށާ ރަސޫލް (ޞޢވ) އަށް ލޯބިކުރަން ދަސްކޮށްދީގެން!: ޑރ. ޢަލީ ޒާހިރު

ޞަޙާބީންގެ ތެރެއިން ސުހައިބުއްރޫމީ އަކީ މައްކާއަށް ބޭރުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ތަނަވަސްކަން ލިބިވަޑައިގަތީ މައްކާގައި ކުރެއްވެވި މަސައްކަތްޕުޅުންނެވެ. އެކަލޭގެފާނު މައްކާ ދޫކުރައްވައި މަދިނާއަށް ހިޖުރައަށް ވަޑައިގަންނަވަން އުޅުއްވެވުމުން މައްކާގެ މުޝްރިކުން އެކަމަށް ހުރަސް އެޅިއެވެ. އަދި ހުރިހާ މުދަލެއް ދޫކުރައްވާފައި ނޫނީ ވަޑައިނުގެންނެވޭނެ ކަމަށް ދެންނެވިއެވެ.

އެހިނދު އެމީހުން އެދުނުފަދައިން ހުރިހާ މުދަލާއި ތަނަވަސްކަން ދޫކޮށްލެއްވެވިއެވެ. ހިޖުރައަށް ވަޑައިގަތީ ހަމައެކަނި ތުރުކުރައްވައިގެން ހުންނެވި ފޭރާންކޮޅާއިއެކުގައެވެ.

މިފަދަ ތަރުބިއްޔަތެއްއ ލިބިވަޑައިގަތީ ރަސޫލް (ﷺ)ގެ އަރިއަހުންނެވެ. އެހެން ގޮތަކުން ނޫނެވެ. އެފަދަ ބޭފުޅުންނާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވަނީ މަދަޙަ ޢާއި ތައްރީފްގެ އާޔަތްތައް ބާވައިލައްވަވައިފައެވެ. އަމިއްލަފުޅު މުދައުވެރިކަން ޤުރްބާން ކުރައްވަވާފައި ﷲ އާއި ރަސޫލް (ﷺ)ގެ ލޯބި "ބައްލަވައިގަތުން" ﷲ ވަނީ ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.

ނޫޙުގެފާނާއި އެހެނިހެން ރަސޫލް ބޭކަލުންނަށްވެސް ﷲ ތަޢާލާ ބާވައިލެއްވެވީ ހަމަ އެއް ދީނެވެ. އެއީ އިސްލާމް ދީނެވެ. ﷲ ތައާލާ އަންގަވާފައިވަނީ އެދީނާއި އެއްގޮތަށް ދިރިއުޅުމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަން އެ ދީނާއި އެއްގޮތަށް ބައްޓަން ކުރުމަށެވެ.

ޞަޙާބީން ވަނީ އެބޭކަލުންގެ އަމިއްލަފުޅު ނަފްސްތަކާއި ހުރިހާ މުދަލެއް ﷲ އަށާއި ރަސޫލް (ﷺ) އަށް ލޯބިން ޤުރްބާން ކުރައްވައިފައެވެ. އަޅުގަނޑުމެންވެސް ޢަމަލުކުރަންވީ ހަމަ މިއުޞޫލުންނެވެ. އަޅުގަނޑުމެންގެ ދަރިންވެސް ތަރުބިއްޔަތު ކުރަންވީ ހަމަ މިއުޞޫލުންނެވެ. ކޮންމެ ކަމެއްވެސް ﷲ އެންގެވި ގޮތަށް ކުރުމަށެވެ. އިސްލާމް ދީނަކީ އެއީއެވެ.

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

މިއަދު އޮންލައިން