ތިބާގެ މަތިން ﷲ ހަނދުމަކުރައްވަވާނަމަ ތިބާއަށް ދެރައެއް ދެވޭނީ ކާކަށް؟ އެފަދަ މީހަކަށް ވެވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން ހޯދެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިބާގެ މަތިން ﷲ ހަނދުމަކުރައްވަވާނަމަ ތިބާއަށް ދެރައެއް ދެވޭނީ ކާކަށް؟ އެފަދަ މީހަކަށް ވެވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން ހޯދެން އެބައޮތް!

އަހަރެމެން އެންމެންނަކީ ވެސް ހަމަ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. އެކަލާނގެ އަޅުތަކުންނެވެ. އެހެންކަމާއިއެކުވެސް ތަނަވަސްކަމުގެ އަހުލުވެރިން އެމީހުންގެ ގާތުގައި މަސައްކަތްކުރާ އިންސާނުންނަކީ އަޅުންކަމުގައި އެބަ ދެކެއެވެ. އަނެއް ބައަކު ކައިވެނިކުރެވުމުން އަނބިމީހާއަކީ އަޅަކު ކަމުގައި އެބަ ދެކެއެވެ.

މިފަދައިން އިންސާނުން އަޅުވެތިކޮށްގެން ގެންގުޅޭ މީހުން އެމީހުން ގެންގުޅޭ އަޅުންގެމަތިން ހަނދާނެއް ނުކުރެއެވެ. އެއީ އެއްވެސް ބައެއްގެ ގޮތަކުވެސް ނުދެކެއެވެ.

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ! ކޮންމެ މީހަކީވެސް އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެ އަޅަކަށްވުމުގެ ފުރުޞަތު މިވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ކުރަން އޮތް ކަމަކީ ހަމައެކަނި މިއާޔަތް ހަނދުމަކޮށް ޢަމަލުކުރަންވީއެވެ!

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)

ވީމާ ލިބޭ ކޮންމެ ވަގުތަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެމީހާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކަށް ﷲ ތަޢާލާ އެމިހާގެ މަތިން ހަނދުމަކުރައްވަވާނެތެވެ! އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުން ކަމުގައިވާއިރު މިއީ ދެއްވަވާފައިވާ ކިހައި މަތިވެރި ފުރުޞަތެއް ހެއްޔެވެ؟ ފުރުޞަތުގެ ބޭނުން ހިފުން ގިނަކުރާށެވެ! ﷲ ތައާލާގެ ޙަޟްރަތާއި ކުއްތަންވާން ގަދައަޅައި މަސައްކަތް ކުރާށެވެ! ހުރިހާ ކުރިއެރުމެއްވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން