ނަމަނަމަ މުށްބާރުމީހަކަށް ނުވާށެވެ! މުނާފިޤުންގެ ލިސްޓުގައި ލިޔެވިއްޖެނަމަ އެއީ ހާދަބިރުހުރި ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނަމަނަމަ މުށްބާރުމީހަކަށް ނުވާށެވެ! މުނާފިޤުންގެ ލިސްޓުގައި ލިޔެވިއްޖެނަމަ އެއީ ހާދަބިރުހުރި ކަމެކެވެ!

ﷲ ތަޢާލާ ވަޙީކުރއްވަވާފައިވެއެވެ. 

"މުނާފިޤް ފިރިހެނުންނާއި، މުނާފިޤް އަންހެނުންނީ، އޭގެ އެއްބައަކު އަނެއްބައެއްގެ ތެރެއިންވާ ބައެކެވެ. އެއުރެން ނުބައިކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ  އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، މުނާފިޤުންނަކީ، ހަމަ ފާސިޤުންނެވެ." (އައްތައުބާ: 67) 

މިއާޔަތުން އެނގިގެން މިދަނީ ﷲ ތަޢަލާގެ މަގުގައި ހޭދަނުކޮށް މުށްބާރުކުރުމަކީ މުނާފިޤުންގެ ސިފައެއް ކަމެވެ. މުނާފިޤުން ތިބޭހުށީ ނަރަކައިގެ އެންމެ އަޑީގައެވެ. ނުވަތަ އެންމެ ގަދަފަދަ ޢަޛާބުގައެވެ. ވީއިރު މުނާފިޤުންގެ ތެރޭގައި ހިމެނިދާނެކަމަށް ބިރުވެތި ނުވަނީ ހެއްޔެވެ؟ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބު ލިބޭ މީހަކަށްވާން އެދޭނީ ވެސް ކާކުހެއްޔެވެ؟ 

މީގެ އިތުރުން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ މީހުންގެ ވާހަކަވެސް އެވަނީ ބަޔާން ކުރައްވަވައިފައެވެ. "އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ  އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ." 

މިބަސްފުޅުން އެނގިގެންދަނީ ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ މީހުންގެ މަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވާނެކަމެވެ. އެފަދަ މީހަކު ކަމުގައި ވެއްޖެ ނަމަ ލިބިގެންދާނެ ދެރަ ނިކަން ވިސްނައިލަބަލާށެވެ! 

ލިބޭ ހުސްވަގުތުތައް ގޭމްކުޅޭށާއި އެހެންވެސް ކަންކަމުގައި ހޭދަކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރާ މީހުންނަށް މިއާޔަތުން އިންޒާރު ނުލިބެނީ ހެއްޔެވެ؟ މުޅި ދުވާލާ ރޭގަނޑުގެ ވަގުތައް ބޭކާރު ކަންކަމުގައި ހޭދަކުރާ މީހުން ބިރުވެތިވާން ނުވޭހެއްޔެވެ؟ ސަލާމަތް ކަމަކީ ހޯދުމުން ލިބެން އޮތް އެއްޗެކެވެ. ފުރުޞަތު އޮއްވައި ސަލާމަތްކަން ލިބިގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން