ވަޒީފާއެއް ނުލިބުމުން ސަލާން ނުޖަހައި އަމިއްލަ މަސައްކަތުން ދިރިއުޅެން މަސައްކަތްކުރި އަޚްލާޤް ރަނގަޅު ޒުވާނަކަށް ތަނަވަސް އަންހެނަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ވަޒީފާއެއް ނުލިބުމުން ސަލާން ނުޖަހައި އަމިއްލަ މަސައްކަތުން ދިރިއުޅެން މަސައްކަތްކުރި އަޚްލާޤް ރަނގަޅު ޒުވާނަކަށް ތަނަވަސް އަންހެނަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އެއީ ފަޤީރު ޒުވާނެކެވެ. މާމޮޅަށް ކިޔެވިފައި ނެތުމުން ވަޒީފާއެއް ލިބުންވީ ވަރަށް ދަތިކަމަކަށެވެ. އެކަމުގައި މާޔޫސްވެގެން ހުރުމުގެ ބަދަލުގައި އޭނާ ޤަޞްދުކުރީ މަގުމައްޗަށް ނުކުމެ މީސްމީހުންނަށް މަސައްކަތްކޮށްދޭށެވެ. ގޭގެއަށް ގޮސްގެންވެސް މަސައްކަތްކޮށްދޭށެވެ. ސަލާންޖަހައިގެން ހޯދާ ފައިސާއަށްވުރެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާގެ ބަރަކާތް އިތުރުވާނެތީއެވެ.

ފުރަތަމަ މަސައްކަތަކަށް ކުރަންފެށިކަމަކީ ސްޕަމާކެޓްތަކުން ގިނަ ޢަދަދަކަށް އެއްޗެތި ގަނެގެން ނުކުންނަ މީހުންގެ ތަކެތި ކާރަށް ނުވަތަ ގެއަށް އުފުލައިދިނުމެވެ. އެ މަސައްކަތުން ފައިސާކޮޅެއް ލިބުމުން ނޫހުގައި އޭނާގެ އިޝްތިހާރެއް ޖެހިއެވެ. ފޭސްބުކްގައިވެސް އިޝްތިހާރެއް ޖެހިއެވެ. ގޭގެއަށް ގޮސް މަސައްކަތްކޮށްދޭ މީހެއްގެ ގޮތުގައެވެ.

ދުވަސްކޮޅަކުން ކޮންމެ ދުވަހަކުހެން މަސައްކަތްލިބެން ފަށައިފިއެވެ. ލިބޭ އާމްދަނީވެސް ބޮޑުތަނުން އިތުރުވެއްޖެއެވެ. ވަޒީފާއެއް އަދާކުރުމަށްވުރެ މާގިނަ ފައިސާ ލިބެން ފަށައިފިއެވެ.

އެއްދުވަހަކު ގޭގައި މަސައްކަތެއް ކުރުވަން ބޭނުންވެގެން އަންހެނަކު ގުޅުމުން ދިއައިރު އޭނާއަކީ މިލިއަނަރެކެވެ. ދެއްކި މަސައްކަތްތައްކޮށް ނިމުމުން އަގުއަދާކުރުމަށްފަހު ކޮފީތަށްޓެއް ބޯލަން މަޑުކޮށްލަން ދައުވަތުދިނުމުން އޭނާ އެ ދައުވަތު ޤަބޫލުކުރިއެވެ.

ކޮފީބޯންތިބެގެން ދެއްކި ވާހަކަތަކުން އެޒުވާނާއަކީ ވަރަށް އަޚްލާޤް ރަނގަޅު އަދި ޒިންމާދާރު ޒުވާނެއްކަން އޭނާއަށް އެނގުނެވެ. އެހެންވެ މިހާރުކުރާ ގޮތަށް މަސައްކަތްކުރުމުން މަހަކު ލިބޭ އާމްދަނީ އޮޅުންފިލުވުމަށްފަހު އޭނާ ބުނީ މަހަކު މިހާރު ލިބޭވަރަށް ފައިސާ ދޭނެ ކަމަށާއި އޭނާގެ މުވައްޒިފެއްގެ ގޮތުގައި އެގޭގައި މަޑުކޮށް ދިނުމަށް އެދޭ ކަމަށެވެ. ހުންނާނެ ކޮޓަރިއަކާއި ކެއުމާއި އެހެންކަންކަންވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ޒުވާނާ އެކަންކަން ޤަބޫލުކޮށް އޭނާގެ މުވައްޒިފަކަށްވިއެވެ. ކޮންމެ ދުވަހަކު ތަންތަނަށްގޮސް މަސައްކަތްކުރުމުގެ ބަދަލުގައި އެއް ތަނެއްގައި ހުރެގެން މަސައްކަތްކުރުމުން ލުއިވެފައި ލިބޭ އާމްދަނީ ގަރަންޓީވާނެތީއެވެ.

އެ އަންހެންމީހާގެ ލޯބިވެރިއަކު ހުރެއެވެ. ދެމީހުންގެ މެދުގައި އެކުވެރިކަމެއް ނުއޮވެއެވެ. އަބަދުހެން އޮންނަނީ ދެބަސްވެ ޒުވާބުކުރުމެވެ. މިޒުވާނާއަކީ އަޚްލާޤް ރަނގަޅު ޒުވާނަކަށްވުމުން ދުވަސްކޮޅަކުން އަނހެން މީހާ އޭނާދެކެ ލޯބިވާންފެށިއެވެ. އަދި ގާތްކުރަން ފެށިއެވެ. ބޭރަށްދާއިރު ބޮޑީގާށޑެއްގެ ގޮތުގައި ގެންދަން ފެށިއެވެ.

އެގޮތުގައި އަހަރެއްހައި ދުވަހު ގެންގުޅުމުން ޒުވާނާގެ ހުރި ތެދުވެރިކަމާއި އަމާނާތްތެރިކަންވެސް ޔަޤީންކުރެވުނެވެ. އެހިސާބުން އަންހެންމީހާ ބޭނުންވީ އޭނާ އާއި ކައިވެނިކުރާށެވެ. އެކަން ހުށަހެޅުމުން ޒުވާނާ އެކަންވެސް ޤަބޫލުކުރިއެވެ.

ދެމީހުން ކައިވެނިކޮށް ކައިވެންޏަށް 16 އަހަރުވެއްޖެއެވެ. 4 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން އަންނަނީ ހަމަ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ.

އަޅުގަނޑު މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރަން ބޭނުންވީ ރިވެތި އަޚްލާޤް ހުރުރެފައި ތެދުވެރިކަން ހުރިނަމަ އެމީހަކަށް އުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެކަން މިވާހަކައިންވެސް އެނގިގެންދާތީއެވެ. މިއަދު އަހަރެމެންގެ ތެރެއިން ގެއްލިގެން މިއުޅެނީ ރިވެތި އަޚްލާޤާއި ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.

މިވާހަކައިގެ ޒާތަށް ބެލުމުން ބައެއް މީހުންނަށް މާ ކަމުދާ ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ޢިބްރަތްތެރި އަދި ވިސްނައިފިނަމަ ފައިދާކުރާނެ ވާހަކައެކެވެ.

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން