ޤިޞާޞް ހިފުމަށް އަމުރުކުރައްވަވައި ކީރިތި ޤުރްއާނުގައި އޮތް އާޔަތް އިއްޔެގެ ހުކުރު ޚުޠުބާގައި ވަނީ ހިމަނައިފައެވެ. ޤިޞާޞް ހިފުމަކީ ފަރުދުންނަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އެއީ ދައުލަތުން ކުރަންޖެހޭ ކަމެކެވެ. އެއީ ކުރަން ދައުލަތުގެ މައްޗަށް ﷲ ވާޖިބުކުރައްވަވާފައިވާ ކަމެކެވެ.
وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ
"އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." (އަލްބަޤަރާ: 179)
ޤިޞާޞް ހިފުމަށް ކީރިތި ޤުރްއާނުގައި އޮތް ނަމަވެސް އެކަން ނުކުރާނެކަން މިސްރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރެއްވެވީ ދާދިފަހުންނެވެ. ހޯމް މިނިސްޓަރު ވިދާޅުވީ މިސަރުކާރުން ޢަމަލުކުރާނީ ކުރީގެ ސަރުކާރުތަކުން ޢަމަލުކުރިފަދައިން ކަމަށެވެ.
އެހެންވިދާޅުވި އިރު ﷲ ތަޢާލާ ވަކި ގޮތަކަށް ޙުކުމް ބާވައިލައްވަވާފައިވާ ކަމެއް ކުރީގެ ސަރުކާރުތަކުން ޢަމަލުކުރި ގޮތަށް ކުރުން ހުއްދަކުރާ އެއްވެސް ދަލީލެއް އެމަނިކުފާނެ ދައްކަވާފައެއް ނުވެއެވެ.
1 (صحيح) عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ: أَنَّ يَهُودِيًّا رَضَّ رَأْسَ جَارِيَةٍ بَيْنَ حَجَرَيْنِ، قِيلَ: مَنْ فَعَلَ هَذَا بِكِ؟ أَفُلَانٌ أَفُلَانٌ؟ حَتَّى سُمِّيَ الْيَهُودِيُّ، فَأَوْمَأَتْ بِرَأْسِهَا، فَأُخِذَ الْيَهُودِيُّ فَاعْتَرَفَ فَأَمَرَ بِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرُضَّ رَأْسُهُ بَيْنَ حَجَرَيْنِ. [رواه البخاري / كتاب: الخصومات / باب: ما يذكر في الأشخاص/ رقم: ٢٤١٣]
،މާނައީ: "އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ޔަހޫދީއަކު ކުޑަ އަންހެން ކުއްޖެއްގެ [ނުވަތަ އަޅުއަންހެން ކުއްޖެއްގެ] ބޯ ދެހިލަގަނޑުގެ މެދަށްލާ ޗިސްކޮށްލިއެވެ. އެ[އަންހެންކުއްޖާއަށް] ސުވާލުކުރެވުނެއެވެ. ތިބާއަށް މިހެން ހެދީ ކާކު ހެއްޔެވެ؟ މިވެނި އެވެނި މީހެއް ހެއްޔެވެ؟ އެފަދައިން ސުވާލުކުރަމުންގޮސް ޔަހޫދީ މީހާގެ ނަންގަނެވުމުން އެކުއްޖާގެ ބޮލުން އިޝާރާތްކުރިއެވެ. ފަހެ އެޔަހޫދީ މީހާ ހައްޔަރުކުރުމުން އޭނާ އެކަމަށް އިޢުތިރާފުވިއެވެ. ފަހެ އޭނާއާ މެދު ނަބިއްޔާ صلى الله عليه وسلم އަމުރުކުރެއްވިއެވެ. ފަހެ އޭނާގެ ބޯވެސް ދެ ހިލަގަނޑުގެ މެދުގައި ޗިސްކޮށްލެވުނެވެ."
(صحيح) رسول الله صلى الله عليه وسلم ޒަމާނުގައި ރަށްފުށު ހިސާބެއްގެ މީހަކު އޭނާގެ ދަރިފުޅު މީހެއްގެ ގާތަށް އުޖޫރައަށް މަސައްކަތް ކުރަން ފޮނުވުމުން، އެމީހާގެ (އެބަހީ މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާއާއެކު އޭނާ ޒިނޭކުރިއެވެ. މިމައްސަލާގައި رسول الله صلى الله عليه وسلم ޙުކުމްކުރެއްވީ ޒިނޭކުރި ފިރިހެންމީހާ އަކީ ޣައިރު މުޙުޞަނަކަށް ވުމުން އޭނާގެގައިގައި ސަތޭކަ އެތިފަހަރު ޖަޙާ އެއްއަހަރު ދުވަހަށް އަރުވާ ލުމަށެވެ. ދެން އެތާ ހުންނެވި އުނައިސް ކިޔާ ޞަޙާބީ ބޭކަލަކަށް ޙަދީޘްފުޅު ކުރެއްވިއެވެ (((وَاغْدُ يَا أُنَيْسُ عَلَى امْرَأَةِ هَذَا فَإِنْ اعْتَرَفَتْ فَارْجُمْهَا)) "އޭ އުނައިސްއެވެ. މިމީހާގެ (އެބަހީ މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާގެ ގާތަށް ގޮސް އޭނާ (ޒިނޭކުރިކަމަށް) އިޢުތިރާފުވެއްޖެނަމަ އޭނާ ރަޖަމު ކުރާށެވެ". ދެން ފަހެ އެއަންހެންމީހާ އިޢުތިރާފުވުމުން އޭނާ ރަޖަމު ކުރެވުނެވެ . " ބައްލަވާ صحيح البخاري / كتاب الحدود / باب: الإعتراف بالزنا / حديث رقم:٦٨٢٧،٦٨٢٨ "
ޙަދީޘްގެ މަސްދަރު: ދިސަލަފިއްޔާ
ކަންއޮތީ މިފަދައިންކަމަސްވުމުން ޚުޠުބާގައި ހަމަ އެކަނި އާޔަތެއް ކިޔައިލުމަކުން ފުދޭކަށް ނެތެވެ. ދައުލަތުން ޢަމަލުކުރަންވީ ކުރީގެ ސަރުކާރުތަކުންކަން ނުވަތަ ޤުރްއާނާއި ސުންނަތާއި އެއްގޮތަކަށްކަން ދައުލަތަށް، ހޯމް މިނިސްޓަރަށް ބުނެދޭނެ އެބަޖެހެއެވެ.
މިލިޔުމާއި ގުޅިގެން އުފައްދާނެ ސުވާލަކީ "ކުރިން ޢިލްމްވެރިން ކޮބައިހެއްޔެވެ؟" ޖަވާބު ވަރަށް ސާފެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރަން ޢިލްމުވެރިން ގެންދަވަނީ އަބަދުވެސް ގޮވާލައްވަމުންނެވެ. ވެރިކަންކުރާ ވެރިން އެމީހުންނަކީ ﷲ ތަޢާލާއަށްވުރެ މަތިން އައިސް ތިބި ބައެއް ކަމަށް ޤަބޫލުކުރާތީ އެމީހުންނަކީ ހަރުކަށިފިކުރު ކުރިއެރުވުމުގައި ހައްދުފަހަނައަޅާފައި ތިބި ބައަކަށްވުމުން ޢިލްމުވެރިންގެ އަޑުއަހަން ބޭނުންނުވަނީއެވެ!