ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު
________________________________________
ނަންބަރު 2016/12 ދިވެހިރާއްޖޭގެ ޖިނާޢީ އިޖްރާޢާތުގެ ޤާނޫނަށް ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު
ބިލު ހުށަހެޅީ
ޤާސިމް އިބްރާހީމް / މާމިގިލިދާއިރާ
22 އޯގަސްޓް 2022
ބިލު ހުށަހަޅާ ސަބަބު
މި ބިލު، (2016/12 ދިވެހިރާއްޖޭގެ ޖިނާޢީ އިޖްރާޢާތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫން) މަޖިލީހަށް ހުށަހެޅުމަށް އަޅުގަނޑު ބޭނުންވީ، ޖިނާޢީ އިޖްރާޢާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ "ޖިނާޢީ އިޖްރާޢާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ "ޖިނާޢީ ބޮޑު ކުށް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރޭގައި އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވަފައިވާ ހުތުރު ފާޙިޝް ޢަމަލެއް ކަމުގައިވާ "ލިވާޠު" އަދި "ސިޙާޤު" ގެ ކުށް ހިމެނޭންޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއްކަމަށް ދެކި، އެފަދަ ޢަމަލު ކުރާ ފަރާތްތައް ތަޙްޤީޤީ މަރުޙަލާއަށް ފަހު ފަސޭހައިން މުޖުތަމަޢުގެ ތެރެއަށް ދޫވެފައި ތިބޭނަމަ، ޝަރީޢަތުގެ މަރުޙަލާ ނިމުމުގެ ކުރީންވެސް އެ ނުރައްކާތެރި ވަޙުޝީ ޢަމަލު އެހެން ބަޔަކާއި އެކު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
އެއްޖިންސުން ގުޅުންހިންގި މީހުންނަކީ މުޖްތަމަޢަށް ނުރައްކާތެރި ބަޔެއްކަމީ ހަމަޔަޤީނުންވެސް އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫނެވެ. އަދި އެފަދަ މީހެއްގެ ވަސްވާސް އެމީހާގެ އަމިއްލަ ޢާއިލާއަށާއި، މުޅި މުޖުތަމަޢަށް ފޯރުމުގެ ކުރިން އެބައިމީހުން މުޖްތަމަޢުން އެކަހެރި ކުރަންޖެހޭ ކަމީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބަޔަކު ރުހިގެން އެކަހެރިކޮށް ތިބެ ކުރާނަމަ އެއްވެސް މައްސަލައެއް ނޫންކަމަށް ދެކޭ ސިޔާސީ މީހުން މިހާރު ނެތްތޯއެވެ. އެހެންކަމުން މުޖްތަމަޢު ގަޑުބަޑުކުރަން މިފަދަ މީހުން ދޫކޮށްލައިގެން ނުވާނެ އެވެ. މިއީ އިސްލާމީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ޤައުމު ހިންގަން ތިއްބެވި ވެރީންނާއި، ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ނުހަނު ސީރިއަސް ކަމާއެކު މިއަދު ވިސްނާ ވަޑައިގަންނަވާން ޖެހިފައިވާ ކަމެކެވެ. ޤައުމުގެ ބޮޑުންގެ ތެރެއިން ބަޔަކު މިފަދަ ޢަމަލުތައް ކުރާމީހުން ޙިމާޔަތް ކުރާހިސާބަށް ދިއުމަކީ އަދި އަމުދުން ލަދުވެތި ކަމުގެ އިންތިހާ ކަމުގައި ނޫނީ ނުވޭތޯއެވެ.
އިސްލާމީ ޝަރީޢަތުގައި "ލިވާޠު" އަދި "ސިޙާޤް" ގެ ކުށާއި ބެހޭ ގޮތުން (އެއްޖިންސުން ގުޅުންހިންގުން) ކީރިތި ޤުރުއާން އާއި ކައު އިތުރު ރަސޫލުﷲ ﷺ ގެ ސުންނަތުގައިވާ ގޮތުން މިއީ ނުހަނު ހުތުރުކަން ބޮޑު ފާޙިޝް ޢަމަލުތަކެކެވެ. ޢިލްމުވެރިންގެ މެދުގައި މި ހުތުރު ޢަމަލުގެ ޙުކުމާއި ބެހޭ ގޮތުން ޚިލާފު ތަކެއް އެބަހުއްޓެވެ. ޝައްކެތްނެތް ގޮތުގައި ލިވާޠު ކުރުމަކީ އެކަންކުރާ މީހުންގެ އިތުރުން އެހެން އިންސާނުންނަށް ނުރައްކަލަކަށް ނުވާނަމަ، ﷲ ތަޢާލާ ޞަދޫމު އެފުށް މިފުށަށް ނުޖެއްސެވީހެވެ.
މިއީ ނުހަނުބޮޑު ޖިނާޢީ ކުށެއްކަމާއި މެދު ޝައްކެއްނެތެވެ. އެހެން ކަމުން ރާއްޖޭގެ ޖިނާޢީ ޢިޖްރާޢާތުގެ ޤާނޫނުގަައި ބޮޑެތި ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނިފައި އޮންނާން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. ރާއްޖޭގެ މިއަދުގެ ޙާލަކީ، ދެމީހަކު އެކަހެރިވެ، ރުހުމުގައި ޒިނޭ ކުރުމާއި، ލިވާޠު ކުރުން އެއީ ބޮޑުކަމެއް ނޫންކަމަށް ދެކޭމީހުން މި އިސްލާމީ މުޖުތަމަޢުގައި މިހާރު އުޅެމުން ނުދޭތޯއެވެ. ﷲ ތަޢާލާ ޙަރަމްކުރެއްވި ބޮޑެތި މުޑުދާރު ފާޙިޝް ޢަމަލު ތަކަކީ ބޮޑު ކަމެއް ނޫންކަމަށް ދޭހަވާ ޢިބާރާތުން ބައެއް ސިޔާސީ ފަރާތްތައް ވާހަކަ ދައްކަމުން ނުދޭތޯއެވެ.؟
ކީރިތި ޤުރުއާނުގެ އަލްޢައްރާފު ސޫރަތުގެ 80 ވަނަ އާޔަތާއި 81 ވަނަ އާޔަތުގައި، ލޫޠުގެ ފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެ ފާނު ވިދާޅުވި ބަސްފުޅު ހަނދުމަކުރުމަށް އިންސާނުންނަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަންނަނިވި އަމުރުފުޅަށް ބަލާލަމާތޯއެވެ. ﷲ ވަޙީކުރެއްވިއެވެ. وَلُوطًا إِذْ قالَ لِقَوْمِهِ أَتَأْتُونَ الْفاحِشَةَ ما سَبَقَكُمْ بِها مِنْ أَحَدٍ مِنَ الْعالَمِينَ (80) إِنَّكُمْ لَتَأْتُونَ الرِّجالَ شَهْوَةً مِنْ دُونِ النِّساءِ بَلْ أَنْتُمْ قَوْمٌ مُسْرِفُونَ (81) މިދެ އާޔަތުގެ މާނައިގައި ވެއެވެ. "އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤަޥްމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމްތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ޝަހްވާނީގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ"
އަދިވެސް ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 82 ވަނައާޔަތާއި 83 ވަނަ އާޔަތުގައި ލޫޠުގެ ފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ފޮނުއްވުނު ޢަޒާބުގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވައި އަންގަވައިފައި ވެއެވެ. {فَلَمَّا جاءَ أَمْرُنا جَعَلْنا عالِيَها سافِلَها وَأَمْطَرْنا عَلَيْها حِجارَةً مِنْ سِجِّيلٍ مَنْضُودٍ (82) مُسَوَّمَةً عِنْدَ رَبِّكَ وَما هِيَ مِنَ الظَّالِمِينَ بِبَعِيدٍ (83)) މާނައީ: "ދެންފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރެވިފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ."
މާލިކީ މަޛުހަބާއި ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ލިވާޠު ކުރާމީހާގެ އަދަބަކީ ރަޖްމުކުރުމެވެ. މިކަމުގައި ބިކާރުވެރިއެއް މުޙްޞަނެއް ތަފާތެއް ނެތެވެ. މިކަމުގެ ދަލީލަކީ ރަސޫލުﷲގެފާނުގެ ބަސްފުޅު "مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ." 1 ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުޅަމުންދިޔަ ޢަމަލު ކުރިމީހަކު ތިޔަބައިމީހުންނަށް ފެނިއްޖެނަމަ އެކަންކުރިމީހާ އާއި ކުރެވުނުމީހާ މަރާލާށެވެ. "އެހެން ބަސްފުޅެއްގައިވެއެވެ." ފަހެ، ތިޔަބައިމިހުން، މަތީގައިއޮތް މީހާއާއި ދަށުގައި އޮތްމީހާ ރަޖްމުކުރާށެވެ."
ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ މެދުގައި ލިވާޠުކުރާމީހާގެ އަދަބަކީ ޒިނޭގެ އަދަބެވެ. ޢާންމުގޮތެއްގައި ރާއްޖޭގައި ޢަމަލު ކުރަމުންއަންނަނީ ޝާފިޢީ މަޛްހަބާއި އެއްގޮތަށް ކަމަށްވާއިރު، މިމަޛުހަބުގައި ލިވާޠުކުރި މީހަކީ މުޙްޞނެއްކަމުގައިވާ ނަމަ އޭނާގެ އަދަބަކަށް ވާންޖެހޭނީ ރަޖްމު ކުރުމެވެ. މުޙްސަނަކަށް ނުވާނަމަ އޭނާގެ އަދަބަކީ ސަތޭކަފަހަރުން ޙައްދު ޖެހުމަށް ފަހު އަރުވައިލުމެވެ. މިކަމުގެ ދަލީލަކީ އަބޫ މޫސަލްއަޝްޢަރީގެ އރިހުން ވާރިދުވެފައިވާ އަންނަނިވި ބަސްފުޅެވެ. "ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. "إذا أتَى الرَّجلُ الرَّجلَ فهُما زانيانِ "3 ފިރިހެނަކު ފިރިހެނަކާއެކު ފާޙިޝް ޢަމަލެއް ހިންގައިފިނަމަ (ލިވާޠު ކޮށްފިނަމަ) ފަހެ އެދެމީހުންނަކީ ޒިނޭކުރި ދެމީހުންނެވެ." މިހެންވެ ޝާފިޢީން ލިވާޠު އަދި ސިހްޤު ޒިނޭ އަށް ޤިޔާސް ކުރައްވާފައި ވަނީއެވެ. އެހެންކަމުން ޒިނޭ ސާބިތުކުރުމަށް އަންގަވާފައިވާ އުޞޫލުން، ލިވާޠާއި، ސިޙްޤު އާއި މެދު ޢަމަލު ކުރަންޖެހޭނެއެވެ.
ރާއްޖޭގެ ޤާނޫނުލް އުޤޫބަތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާގޮތުން (ހުއްދަނޫން ޖިންސީ ގުޅުން) ޒިނޭއާއި އެއްޖިންސުން ގުޅުން ހިންގުން ދަރަޖަ ކޮށްފައިވަނީ، އެކުށެއް ކުރި މީހަކާއި އިނދެގެން ހުރެ ކަމުގައިވާ ނަމަ އެއީ ޖިނާޢަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 92 ވަނަ މާއްދާގައިވާ ގޮތުން ޖިނާޢަތުގެ މިންގަނޑުން
1 رواه – بن ماجة، الترمذى ،ابيد اود
2 حاشليمة الدشوقى 4/314
3 البيهقى
5 ވަނަ ދަރަޖައިގެ ޖިނާޢަތަށް ޖަލުގައި ބަންދުކުރުމަށް ހުއްދަކުރެވިގެންވާ މިންވަރަކީ 2 އަހަރު ދުވަހަށް ވުރެ ގިނަ ނޫން މުއްދަތެކެވެ. މިއީ ޒިނޭފަދަ ފާޙިޝް ޢަމަލެއް ކުރުމުން ދޭން އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ޝަރުޢީ އަދަބަށް ބަލާއިރު ވަރަށް އާދައިގެ ތައުޒީރީ އަދަބެކެވެ. އެހެނީ ޒިނޭ ސާބިތު ކުރުމުގައި ޢިއްތިރާފެއް ނެތް ނަމަ 4 ފިރިހެނުންގެ ހެކިބަސް ބޭނުންވާނެތީއާއި މިފަދަ ޙާލަތެއްގައި ޒިނޭ ސާބިތުކުރުމަކީ ނުހަނު ދަތިކަމަކަށް ވާނޭތީ، ވަޟުޢީ ޤަނޫނުން މި މިންގަނޑު އެކަށީގެންވާ ކަމަށް ފެނިގެން ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ މިނުބައި ޢަމަލާއި ބަލާއިރު ވަރަށް ކުޑަ އަދަބެކެވެ.
ޤާނޫން ޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ގައިވ ގޮތުން މީހަކާ ނީނދެ ކާވެންޏެއްގެ މަތީގައި ހުރި މީހަކާ އެކު ޒިނޭ ނުވަތަ ލިބާޠު ކޮށްފިނަމަ އެއީ ޖުނަޙުގެ 1ވަނަ ދަރަޖައިގެ ކުށެއްކަމަށް ބަޔާންކޮށްފައިވާ އިރު، (ށ) ގެ (3) ގައި ބުނަނީ މީހަކަ ނީނދެހުރެ، ކާވެންޏެއްގެ މަތީގައި ނުވާ މީހަކާއެކު ކުރި ކުށެއްކަމުގައިވާނަމަ، އެއީ ޖުނަޙުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމުގައެވެ. ޖުނަޙުގެ 1ވަނަ ދަރަޖައިގައި ޖަލަށް ލެވޭނޭ އެންމެ ދިގު މުއްދަތަކީ 1 އަހަރު ދުވަހެވެ. އަދި ޖުނަޙުގެ 2ވަނ ދަރަޖައިގައި ޖަލަށްލެވޭނޭ އެންމެ ދިގު މުއްދަތަކީ 6 މަސްދުވަހެވެ. މިއީ މި އިސްލާމީ ޤައުމުގައި، ޒިނޭއާއި ލިވާޠު އަދި ސިޙްޤު ކުރާ މީހުންނަށް ދިނުމަށް ޤާނޫނުލް ޢުޤޫބާތުގައި ބަޔާންވެފައިވާ އަދަބު މިހާރު އޮތް ގޮތެވެ.
ޤާނޫނުލް ޢުޤޫބާތަށް ވުރެ ފަހުން ވުޖޫދުވެފައިވާ ޤާނޫން ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫން)ގެ 24 ވަނަ މާއްދާގައި "އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް" ބަޔާން ކޮށްފައިވެއެވެ. އެގޮތުން ދެމީހަކު ރުހުމުގައި އެ ޢަމަލު ހިންގައިފިނަމަ އެއީ ކުށެއް ކަމަށް ބަޔާން ކޮށް އެ ކުށުގެ އަދަބަކީ 5 އަހަރާއި، 7 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުމަށް އަދަބު ކަނޑައަޅާފައި ވެއެވެ. އަދި އެ ޢަމަލު ހިންގީ އެތަނުން އެކެއްގެ ނުރުހުމުގައި ކަމުގައިވާ ނަމަ އަދަބަކީ، 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް މިމާއްދާގައި އަދަބުކަނޑައަޅާފައި ވެއެވެ. މިއީ ދިވެހިރާއްޖޭގެ ޖިންސީ ކުށާއި ބެހޭ ޤާނޫނުގައި ﷲ ނަހީ ކުރައްވާފައިވާ މި ހުތުރުކަންބޮޑު ފާޙިޝް ޢަމަލު ކުރާމީހުންނަށް ދެވޭ އަދަބު އޮތްގޮތެވެ. މިއީ ލިވާޠު އަދި ސިޙާޤު ފަދަ ފާޙިޝްކަން ކަން ބޮޑު ފާފައެއް ކުރުމުން އެކަމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ މިންގަނޑުން ސާބިތު ނުވާނަމަ އަދަބުގެ ބަދަލުގައި އަހަރުމެންގެ ރާއްޖޭގައި ކަނޑައަޅާފައިވާ ތަޢުޒީރީ އަދަބެކެވެ.
އެހެނަސް މިނޭވާގައި ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާ އަކީ ޖިންސީ ކުށުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި (ޤާނޫނުގެ މަޤާމު) ގެ (ހ) އަދި (ށ) ގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އެކުށުގެ ރުކުންތައް ފުރިހަމަވާނަމަ އިސްލާމީ ޝަރީޢަތުގައިވާ އަދަބު ދެވޭނޭ ކަން ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން އެއްޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލުތަކަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހުރިހާ ގޮތަކުންވެސް ހިމެނޭ ކުށެއް ކަމާމެދު ދެބަސް ވެވޭނޭޖާގައެއް ނެތެވެ.
ނަމަވެސް ފަހަކަށް އައިސް، ދިވެހިރާއްޖޭގައި މިހުތުރު ކަންބޮޑު ޢަމަލު ބަޔަކު ރޭވުންތެރި ކަމާއެކު ހިންގައި، އެވާހަކަތަކާއި މަންޒަރުތައް މީސްމީޑިއާގެ މަންސަތަކުގައި ފަތުރައި، މިޢަމަލު ޕްރޮމޯޓް ކުރަމުންދާ ދަނޑިވަޅެއްގައި، މި ޢަމަލުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތަޙްޤީޤަށް ބަންދު ކުރި މީހުންވެސް ޢާއްމުންގެ ތެރެއަށް ދޫކޮށްލީ، މި ކުށަކީ 2016/12 ޖިނާއީ އިޖްރާޢާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑު ކުށަކަށް ނުވާތީކަމަށް ވެއެވެ. އަދި އެއާއި އެކު އެމީހުންގެ މައްޗަށް ތަޙްޤީޤް ނިމި ދަޢުވާ ކުރަން ފޮނުވިފައިވާތީ ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގެން ކަމަށް ވެއެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ފަނޑިޔާރު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރަންވީ ކަންކަމުގެ ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދުކަނޑައެޅިފައިވާ ހުތުރުކަންބޮޑު ފާޙިޝް ޢަމަލު ހިންގާ މީހުން މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. މިއިޞްލާޙްގެ ބޭނުމަކީ ދިވެހިން މިނުރައްކާތެރި ފާޙިޝް ޢަމަލު ކުރާމީހުންގެ ނުބައިކަމުން ދުރުކޮށް މުޖުތަމަޢުން އެކަހެރިކޮށް ތިބުން އެއީ އެންމެ އަޢުލާކަން ބޮޑު ގޮތްކަމުގައި އަޅުގަނޑު ދެކޭތީ އެވެ. އެހެންކަމުން މިކުށަކީ ޖިނާއީ އިޖްރާއާތުގެ ޤާނޫނުގައި ބަޔާންކުރާ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށް އެދި އަޅުގަނޑު މިއިޞްލާޙް ހުށަހަޅަމެވެ.
ލިވާޠު ފަދަ ފާޙިޝް ޢަމަލުތަކަކީ ކީރިތި ﷲ އާއި ރަސޫލާ ލައުނަތް ލައްވާފައިވާ ޢަމަލު ތަކަށްވެފައި މި ޢަމަލު ޕްރޮމޯޓް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ މި ފަދަ ދަނޑިވަޅެއްގައި މި ޢަމަލާއި މެދު ސަމާލުވެ މިފަދަ ޢަމަލުތަކުން ރައްޔިތުން ރައްކާތެރިވެ ތިބުމަށްޓަކައި ހުށަހެޅޭ މި އިސްލާޙަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ ތާއީދަށް އަޅުގަނޑު އެދެމެވެ.
_______________________________`
ألحَمد للهِ رَبِّ الْعَالَمِيْن، الصَّلاَةُ وَالسَّلاَم عَلَى َنَبِيِّنَا مُحَمَّدْ وَعَلَى آلِهِ وَأصْحَابِهِ أجْمَعِيْن : أمَابَعْد
2016/12 ދިވެހިރާއްޖޭގެ ޖިނާއީ އިޖްރާއާތުގެ ޤާނޫން އަށް ވަނަ އިޞްލާހް ގެނައުމުގެ ޤާނޫން
ޤާނޫން ނަންބަރު 2016/12 (ޖިނާއީ އިޖްރާއާތުގެ ޤާނޫނު) އަށް އަންނަނިވި އިސްލާޙު ގެނައުން
1. ބުނެވިދިޔަ ޤާނޫނުގެ 22 ވަނަ މާއްދާގެ (ދ) ގެ ތިރިއަށް އަކުރެއް އިތުރު ކޮށް އެއީ 22 ވަނަ މާއްދާގެ (ތ) ކަމުގައި ކަނޑައަޅާ އަންނަނިވި ގޮތަށް ޢިޞްލާޙް ހިމެނުމެވެ.1.
|
ޖިނާއީ ބޮޑެތިކުށް |
22 |
(ތ) |
ލިވާތު ގެ ކުށާއި ސިޙާޤު ގެ ކުށްތައް: |
2. ޤާނޫނަށް ޢަމަލު ކުރަން ފެށުން.
މިޤާނޫނަށް ޢަމަލު ކުރަން ފަށާނީ، މި ޤާނޫން ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރާ ތާރީޚުން ފެށިގެންނެވެ.
ހުށަހެޅީ: ޤާސިމް އިބްރާހީމް (މާމިގިލި ދާއިރާ)
22 އޯގަސްޓް 2022