ފިރިހެނުންގެ ތަނަވަސްކަމަށް ވެރިވެގަތުމަށްޓަކައި އެހެން މީހުންގެ ދަރިން ފިރިމީހާގެ ބޮލުގައި އެޅުވުމާއިބެހޭ ގޮތުން ވަރަށްފަހުން "ޙަޤީޤީ ޙާދިސާ" ސިލްސިލާގައި ލިޔެފައިވާ ވާހަކައަކާއި ގުޅިގެން އަޅުގަނޑުވެސް ބޭނުންވަނީ ހަމަ އެޗޭނަށް ބޮޅެއް އިތުރުކޮށްލާށެވެ.
އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ އަކީވެސް ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އެންމެ ތަނަވަސް މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް އަޅުގަނޑުގެ ޢާއިލާއަކީވެސް ހަމަ ފުދޭވަރެއްގެ ތަނަވަސްކަންހުރި ޢާއިލާއެކެވެ. ފިރިމީހާއަކީވެސް އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދައިގެންހުރި ފުދުންތެރިއެކެވެ. ދިރިއުޅެމުން ދިއައީ އަޅުގަނޑުގެ މައިންބަފައިންގެ ގެއިން އަޅުގަނޑަށް ދީފައިވާ ފްލެޓެއްގައެވެ.
ކައިވެންޏަށް 6 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ފިރިމީހާހުރީ މާޔޫސްކަމުގައެވެ. ނަމަވެސް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން އޭނާ ބޭނުމެއް ނުވެއެވެ. އެކަމުގެ ވާހަކަ ދެއްކި ނަމަވެސް ބުނާނީ އެބާވަތުގެ ކަމަކާއި އުޅޭނީ ކައިވެންޏަށް 10 އަހަރުވާއިރު ދަރިއަކު ނުލިބިއްޖެނަމަ ކަމަށެވެ. އެހައިތަނަށް ކެތްތެރިވާނީ ކަމަށެވެ.
އެހެން ބުނަމުން އައި ފިރިމީހާ ކުއްލިއަކަށް އެއްރޭ ގެއަށް އައީ މާބަނޑު އަންހެނަކު ގޮވައިގެންނެވެ. ހީވާގޮތުން އޭނާގެ ބަނޑަށް 4 މަސްވަރުވެދާނެއެވެ. ފިރިމީހާ ބުނީ އެއީ އޭނާގެ ދެވަނަ އނބިމީހާ ކަމަށާއި ދަރިއަކު ހޯދުމުގެ ބޭނުމުގައި ކައިވެނިކުރިތަނުން ބަލިވެއިނީކަމަށެވެ. އަދި އެދެނީ މިގޭގައި ބައިންދައިލަދިނުން ކަމަށެވެ.
އެވަގުތު ހިތަށް ވަރަށް އަސަރުކުރިއެވެ. އެހައިބޮޑަށް އަސަރުކުރީ ބުނެވެސް ނުލައި އެވަރުކަމެއް ކުރުމުންނެވެ. އެހެންކަމާއިއެކުވެސް 2 ވަނަ އަނބިމީހާ ބަލައިގަތީމެވެ. އެކުގައި ދިރިއުޅެން ފެށީމެވެ. އެހީތެރިވެސްވީމެވެ.
ދުވަސްކޮޅަކުން އެއްކަމެއް ފާހަގަކުރެވެން ފެށިއެވެ. ކޮންމެވެސް މީހަކު އޭނާއަށް ގުޅައި ފައިސާގެ ވާހަކަދައްކާ ކަމާއި އަނެއް ދުވަހު ފިރިމީހާގެ އަތުން އޭނާ ފައިސާ ހޯދައިގެން އެމީހާއަށްދޭ ކަމެވެ. އެކަމަށް ފާރަލަމުން ގޮސް ފައިސާ އެދެނީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނަކަށްކަން އެނގުނެވެ. އެކަން އެނގުމުން ކަންބޮޑުވުން އިތުރުވިއެވެ.
ކިތަންމެ ސިއްރުން ކަންކަންކުރި ނަމަވެސް ކޮންމެ ކަމެއްވެސް ފަޅާއަރައި ބޭޒާރުވުމުގެ ވަގުތު އަންނާނެއެވެ. އޭނާ ހަނދާންނެތި ގޭގައި ފޯނުބާއްވާފައި ބޭރަށް ދިއަ ދުވަހަކު ފޯނަށް ކޯލެއް އައުމުން ފޯނު ނަގާފައި އަނގައިން ނުބުނެ މަޑުކޮށްލީމެވެ. އެކޮޅުން ދިއައީ ވާހަކަ ދައްކަމުންނެވެ. "ކޮބާ އަދިވެސް ބާކީކޮޅު ދެވޭވަރެއް ނުވޭތަ؟ މިހާރު މާގިނަދުވަސްވެގެން މިދަނީ. މިހާރު ވަރަށް ޓައިޓްވެގެން މިއުޅެނީ. މާދަމާ އިރުއޮއްސުމުގެ ކުރިން ފައިސާކޮޅު އެކުގަ ނުދިނިއްޔާ ފިރިމީހާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން. ދަރިފުޅުގެ ބައްޕައަކީ އަހަރެންކަން މިބުނެދޭނަން. މިބުނި އެއްޗެއް ސާފުވެއްޖެއެއްނު. ބާއީ." ބުނެފައި ފޯނުކަނޑައިލީއެވެ.
ފޯނު ބޭއްވުމުން ނަންބަރު ބަލައިގެން އަޅުގަނޑު ޢާންމުކޮށް ބޭނުން ނުކުރާ ނަންބަރަކުން ގުޅާފައި ބުނީމެވެ. "ފައިސާ މިހާރުހުރީ އަތުގައެވެ. ހަވީރު 5 ޖަހާއިރު ބަލައި އަންނާށެވެ. ގޭގައި މީހަކު ނޫޅޭނެއެވެ. އަންނަ ގޮތަސް ގެއަށް ވަންނާށެވެ."
އޭނާ އެއިރުވެސް ހުރީ މުޅިން ރަނގަޅަށް ނޫންކަމުން އެއީ ވާހަކަ ދެއްކީ އެހެން އަނހެނަކުކަމެއްވެސް ނަގައި ނުގަނެވުނެވެ. ފިރިމީހާ ހަވީރު ގެއަށް އައުމުން ބޭރަށް ދިއަނުދީ ހިފެހެއްޓީމެވެ. ބޭރުން ޕިއްޒާ ގެނުވައިގެން ސައިބުއިމުގެ ކަންކަން އިންތިޒާމުކޮށް ޕާޓިއެއް ބޭއްވީމެވެ.
އޭނާ ގަޑިއަށް އައުމުން ވައްދައި ގޮނޑީގައި ބެއިންދުމުން ހަގު އަނބި ދިއައީ ސިއްސައިގެންނެވެ. މޫނު ކުނިވެއްޖެއެވެ. އެވަގުތު ބުނީމެވެ. "ފިރިމީހާއެވެ. މިވާހަކަ ދައްކަން ލަދުވެސް ގަނެއެވެ. ދެރަވެސް ވެއެވެ. ނަމަވެސް މިޒުވާނާ ބުނާ ގޮތުން ހަގުއަނބީގެ ބަނޑުގައިވަނީ އޭނާގެ ދަރިއެކެވެ. އެކަން ސިއްރުކުރަން ދޭންޖެހޭ ފައިސާއިން ބައެއް އަދި އޭނާއަށް ނުލިބި އެބަވެއެވެ. ވީމާ އެބައި އަދާކޮށް ސިއްރުކޮށްދިނުމާ އެހެން މީހެއްގެ ދަރިއަކާ ޙަވާލުވުން އޮތީ ފިރިމީހާގެ އަތްމަތީގައެވެ."
ދެމީހުންވެސް އާގަނެގަނެފައި ދޮގުހަދަން މަސައްކަތްކުރިއެވެ. ނަމަވެސް ކަންކަން އެނގުނު ގޮތާއި ގެއަށް އޭނާ އައި ސަބަބު ކިޔައިދިނުމުން ދެއްކޭނެ ވާހަކައެއް ނެތުމުން ކުރިއަކަށް ނުގެންދެވުނެވެ. ހަގު އަނބި ރޯންފަށައިފިއެވެ. މެއަސް ތަދެއް އަރާކަމަށް ހެދެން އުޅެންފަށައިފިއެވެ.
އެވަގުތު އަޅުގަނޑު ބުނީ މިއީ ޑްރާމާ ކުޅުމުގެ ވަގުތެއް ނޫން ކަމަށާއި ދެންވެސް ތެދުބަހުން ވާހަކަދައްކައި މާފަށް އެދުމުގެ ވަގުތުކަމަށެވެ. ޑްރާމާ ކުޅުނަސް ދޮގުހެދިނަމަވެސް ހޮސްޕިޓަލުން މިހާރުވެސް ޙަޤީޤަތް ޗެކްކޮށްލެވޭނެ ކަމަށެވެ.
އޭނާ ދެފިރިހެނުންނާއި އެކުގައި ޒިނޭކޮށްފައިވުމުން ޓެސްޓްކޮށް ޙަޤީޤަތް ހާމަވިއިރު ދަރިފުޅުވީ ފިރިމީހާގެ ދަރިއަކަށް ނޫނެވެ. އޭނާގެ ދަރިއަކަށެވެ. ކައިވެނިކުރީވެސް ބަލިވެ އިނުމުންނެވެ. ފިރިމީހާ ހީކުރީ ބަލިވެއިނީ އޭނާއަށް ކަމަށެވެ. އެހެންވެ އަވަސްއަވަހަށް ކައިވެނިކުރީއެވެ.
އެހިސާބުން ފިރިމީހާ އަޅުގަނޑުގެ ކިބައިން މާފަށް އެދުނެވެ. ނަމަވެސް މާފުކުރަން އަޅުގަނޑުގެ ހިތް އެއްބަހެއް ނުވިއެވެ. އެންމެ ސަބަބަކާއި ހުރެއެވެ. އެސަބަބަކީ ކައިވެނިނުކޮށް ހުރެ އޭނާއާއިއެކު ޒިނޭކުރުމުގެ ހަޑިމުޑުދާރު ޢަމަލުކޮށްފައިވާތީއެވެ. ޒިނޭކުރަން ބިރުނުގަންނަ މީހެއްގެ ހިތުގައި ﷲ އަށް ބިރުވެތިކަމެއް ނުއޮންނާނެތީއެވެ.
އެހިސާބުން ޞުލްޙައިގައި ކައިވެނި ރޫޅައިލީއެވެ. ދެވަނަ އަނބިމީހާ ވަރިކުރާކަށް އަޅުގަނޑު ނުބުނަމެވެ. އެއީ އަޅުގަނޑާއި ބެހޭ ކަމަކަށް ނުވާތީއެވެ. ނަމަވެސް ވަރިކުރީ ދެމީހުން އެކުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ހަމަ މިބާވަތުގެ ކުދިން ވިހައިދޭ އަންހެނުން ގިނަވެއްޖެ ކަމަށް ކުރީ ވާހަކައިގައި ބުނެފައި އެވަނީ ވަރަށް ބޮޑު ތެދެއް ކަމަށެވެ. މިފަދަ ކަންކަން ގިނަވަމުން މިދަނީ ދަރިފުޅުގެ އަޞްލު އޮޅުވައިލުމަކީ ކިހާބޮޑު ފާފައެއްކަމާއިމެދު ވިސްނައި ބިރުވެތިވާ އަންހެނުން މަދުވަމުން އަންނާތީއެވެ. ޒިނޭ ކުރުމަކީ ބޮޑު ފާފައެއް ކަމުގައި ނުދެކެވޭތީއެވެ.
އަޅުގަނޑަށް ބުނެވޭނީ އަޅުގަނޑުގެ ވާހަކައެވެ. އަޅުގަނޑުގެ 2 ފިރިން ފިޔަވައި އަޅުގަނޑުގެ އަޢުރަ ފެނުނު އެއްވެސް ފިރިހެނަކު ނުހުންނާނެކަން ހަމަ ޔަޤީނެވެ!
- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް