ޙަޤީޤީ ޙާދިސާ: ލޯބިވެރިޔާ އިމްތިޙާންކުރަން އެކުވެރިއަކު ފޮނުވީމާ ވީގޮތާ ލޯބިން ގުޅޭ ކޮންމެ ދެމީހަކަށް އަގުހުރި ފިލާވަޅެއް! ތަޖުރިބާއިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ޙަޤީޤީ ޙާދިސާ: ލޯބިވެރިޔާ އިމްތިޙާންކުރަން އެކުވެރިއަކު ފޮނުވީމާ ވީގޮތާ ލޯބިން ގުޅޭ ކޮންމެ ދެމީހަކަށް އަގުހުރި ފިލާވަޅެއް! ތަޖުރިބާއިން!

އެއީ ވަރަށް އެކުވެރިކަމާއިއެކު އުޅުނު 4 މީހުންނެވެ. ދެކެވުނު ވާހަކައެއްގެ ތެރެއިން އެކަކު ބުނީ މިޒަމާނުގައި އެއްވެސް އަނހެނަކަށް އިތުބާރުކުރަން ނުވާނެ ކަމަށެވެ. ލޯބިވެގެން އުޅުނަސް ކައިވެނިކޮށްގެން އުޅުނަސް ކަންކަން ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށެވެ. 

އެހެންބުނުމުން އެހެން އެކުވެރިއަކު ބުނީ އޭނާގެ ލޯބިވެރިޔާއަށް 100 އިންސައްތަ އިތުބާރުކުރާ ކަމަށާއި ހަމައެކަކަށްވެސް ގުޑުވައި ނުލެވޭނެ ކަމަށެވެ. އޭނާ އާއި ކައިވެނިކުރަން ނިންމީ ކަންކަން ވަރަށް ގާތުން ބެލުމަށްފަހުގައި ކަމަށެވެ. ދެން ތިބި އެކުވެރިން އޭނާގެ ވާހަކައަށް އެއްބަސްނުވުމުން އަނބިމީހާ އިމްތިޙާނުކޮށް އޭނާގެ ބަސް ފޭލްވެއްޖެ ނަމަ އިނާމުދިނުމަށް ކަނޑައެޅިއެވެ.

އެހިސާބުން އެކަކު އެކަމަށް ކުރިމަތިލައި މަސައްކަތް ފެށިއެވެ. ކުޑަ ދުވަސްކޮޅެއް ފަހުން ފެނުނީ އެކުވެރިޔާ އެކަން ކާމިޔާބުކޮށް ލޯބިވެރިޔާ އާއި ދެމީހުން ބައްދާލައިގެންތިބެ ލޯބިކުރަނިކޮށެވެ. އައިރުޅީގައި ގޮސް ލޯބިވެރިޔާއަށް އެއްޗެތި ގޮވާފައި ބޭވަފާތެރިވާންޖެހުނީ ކީއްވެގެންތޯ ސުވާލުކުރުމުން ކިޔައިދިނެވެ.

"އަހަރެންނަކީ އިންތިހާއަށް ލޯބި ބޭނުންވާ އަންހެނަކީމެވެ. ކަލޭގެ ކިބައިން ދުވަހަކުވެސް ލޯތްބެއް ނުލިބެއެވެ. މިބުނާ ވާހަކައަކީ އެންމެ ކުޑަމިނުން ލޯބިން ވާހަކަ ދައްކައިލަންވެސް ކަލެއަށް ނުއެނގޭ ވާހަކައެވެ. ކޮންމެހެން ބައްދައި އޮޅުލުމުގެ ވާހަކައެއް ނޫނެވެ. ދެވަނަ ކަމަކަށް ކަލެއަކީ ގުޅާލައި ޙާލުބަލާ މީހެއް ނޫނެވެ. ލޯބިވަނީ ބައްދަލުވީމައެވެ. މިދެ ކަންތަކަކީ އަހަރެން އެންމެ ބޮޑަށް ބޭނުންވާ ދެކަންތަކެވެ. އެ ދެ ކަންތައް ލިބުނީމާ ބަދަލުވެވުނީއެވެ." 

އެހެންބުނުމުން ވަރަށް ދެރަވެފައި އެކަންކަން އިޞްލާޙްކުރާނެ ކަމަށް ބުނުމުންވެސް ބުނީ މިހާރު ވަގުތު ފާއިތުވެއްޖެ ކަމަށާއި ވިސްނުން މުޅިން ބަދަލުވެއްޖެކަމަށެވެ. އެހެންކަމުން ދެން ރަނގަޅުވާނީ ދެމީހުން ދުރުވުން ކަމަށެވެ. 

މިވާހަކަކޮޅު މިހުށަހަޅައިލީ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަކަށްވުމުންނެވެ. ލޯބިވެގެން އުޅުނަސް ކައިވެނިކޮށްގެން އުޅުނަސް އަނެކާ އެންމެ ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ފުއްދައި ނުދެވޭނަމަ އެކަންކަން ލިބޭ ގޮތް މެދުވެރިވުމުން ވިސްނުން ބަދަލުވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. އެއީ ހަމަ ވަރަށް ގިނަ ފަހަރު ދެމީހުން ދުރުވާންޖެހޭ ސަބަބުކަމަށްވެސް އޮންނަނީވެފައެވެ. 

މިއީ ކޮންމެ ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ދެރަ ގޮތެއް މެދުވެރިވުމުން އަނެކަކު ކުށްވެރިކުރުމުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. ފައިދާކުރާނީ ކުރިއާލައި ކަންކަން ޙައްލުކުރުމުންނެވެ. 

ދެން އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ވިސްނޭގޮތުން ކައިވެނިކޮށް ދަރިން ނުލިބޭނަމަ ހިތްހަމަނުޖެހުމުގައި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ. ހިތްހަމަޖެހިގެން އެހެން މީހަކާއިއެކު ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަން ލިބިއްޖެނަމަ ފުރުޞަތުގެ ބޭނުން ނުހިފަންވީ ސަބަބެއްވެސް ނެތެވެ. ސަބަބަކީ އަމިއްލަ ހިތްހަމަޖެހުމާއި އުފާތައް ޤުރްބާންކޮށްގެން އެކުގައި އުޅުނަސް އެއްލާލަން ބޭނުންވުމުން އެއްލައިލާނެއެވެ. ވީޤުރްބާނީގެ އަގު އެއްވެސް ވަރަކަށް ވަޒަނެއް ނުކުރާނެއެވެ. ވީމާ ތިމާގެ ހިތް އެދޭ ސިފަތައް ހުރި މީހަކު ލިބިއްޖެނަމަ އެކަން ލިބިނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟

ނިންމާލުމުގެކުރިން މިކަމުގައި އަޅުގަނޑު ކަންތައްކުރިގޮތްވެސް ކިޔައިދޭނެއެވެ. އަޅުގަނޑަށް ލޯބިވެވުނު މީހާއަކީވެސް އަޅުގަނޑު އެދޭ ހުރިހާ ސިފަތަކެއް ހުރި މީހެއް ނޫނެވެ. އެހެންވީމާ އޭނާގެ ކިބައިގައި ނެތް ސިފަތައް ދެނެގަތުމަށްފަހު އިތުރަށް ބޭނުންވާ ސިފަތައް އަޅުގަނޑު ކިޔައިދިނީއެވެ. އޭނާ ދެކެ ލޯބިވީ އެސިފަތައް އޭނާ ލިބިގަތުމުންނެވެ. ކައިވެނިކުރީ އެކަން ޔަޤީންކުރުމަށްފަހުގައެވެ.

ކައިވެންޏަށް މިހާރު 15 އަހަރުވީއެވެ. އަދި މިހައިތަނަށް ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. ދުޢާއަކީ މިގޮތަށް ޢުމުރުއެކުގައި ވޭތިކޮށްލެވުމެވެ. އާމީން. 

- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން