ޙަޤީޤީ ޙާދިސާ: މަތީ މަޤާމު ލިބުމުން ޒުވާން ލޯބިވެރިން ހޯދައި އަނބިމީހާ ނިކަމެތިކޮށްލާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ޙަޤީޤީ ޙާދިސާ: މަތީ މަޤާމު ލިބުމުން ޒުވާން ލޯބިވެރިން ހޯދައި އަނބިމީހާ ނިކަމެތިކޮށްލާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އެއީވެސް ހަމަ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. ފިރިމީހާއަކީ އަމިއްލަ ކުންފުންޏެއްގެ އިސްމަޤާމެއްގައި މަސައްކަތްކުރާ މީހެކެވެ. އަނބިމީހާއަކީ ވެސް ފުދޭވަރެއްގެ ފެންވަރު ރަނގަޅު މަތީ މަޤާމެއްގައި މަސައްކަތްކުރާ އަންހެނެކެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާގެ ކަންކަން ބަދަލުވާންފެށިއެވެ. ގެއަށް އަންނަ ގަދި ލަސްވާންފެށިއެވެ. ގެއަށް އައިނަމަވެސް ނުކައި ނިދުމާއި އަނބިމީހާ އާއި ވާހަކަ ދެއްކުން މަދުވުން ފަދަ މައްސަލަޔައް ކުރިމަތިވާން ފެށިއެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ މަސައްކަތްކުރީ ޝަކުވާއެއް ނުކޮށް އެކުގައި ދިރިއުޅެވޭތޯއެވެ. އެއީ އަހަރުނުވާ ތުއްތު ދަރިއަކު އޮތުމުންނެވެ. 

އެއްރޭ ފިރިމީހާ ގެއަށް އައިއިރު ކޮލުގައި ވަރަށް ކުލަފަނޑު ރެޑްމާކެއް އިނެވެ. އެކަމެއް އޭނާއަކަށް ނުއެނގެއެވެ. އެރޭވެސް ކާން ބުނުމުން މާބޮޑަށް ވަރުބަލިވެފައި ކަމަށްބުނެ ނިދީއެވެ. 

އަނބިމީހާ އަނެއްދުވަހު ފިރިމީހާ މަސައްކަތްކުރާ އޮފީހަށް ދިއައެވެ. ފިރިމީހާ އާއި ބައްދަލުކުރަން ކަމަސްބުނެފައި ހިނގައިގަތުމުން އޭނާ ހުއްޓުވާކަށް ރިސިޕްޝަނުގައިތިބި ކުދިން މަސައްކަތެއް ނުކުރާތީ ގޮސް ފިރިމީހާގެ ކެބިންގެ ދޮރު ހުޅުވައިލިއިރު ސެކެޓްރީ އާއި ދެމީހުން ލޯބިކުރަނީއެވެ. 

ސެކެޓްރީ ވަރަށް ދެރަވިއެވެ. މާފަށްވެސް އެދުނެވެ. ބުނީ ބޮސްގެ އަންތބަކު އިންނަކަން ނުއެނގޭކަމަށާއި އެނގުނުނަމަ ދެމަފިރިއެއްގެ ދެމެދަށް ނުވަންނާނެ ކަމަށެވެ. އަނބިމީހާ ބުނީ އޭނާ ކުށްވެރިކުރަނީ އޭނާގެ ފިރިމީހާ ކަމަށާއި އެހެން މީހަކު ކުށްވެރިކުރަން ބޭނުންނުވާ ކަމަށެވެ. އެހެން ބުނެފައި ފިރިމީހާ އާއިއެކު އިތުރަށް ދިރިއުޅެން ބޭނުން ނޫން ކަމަށާއި ގެއަށް ނުދިއުމަށް ބުނެފައި ނުކުމެގެން ދިއައީއެވެ. 

ދެމަފިރިން ދިރިއުޅެމުން އައީ އަނބިމީހާ ކުއްޔަށް ހިފާފައިވާ ފްލެޓެއްގައެވެ. ކުލި ދައްކަމުން އައީ ދެމީހުންނަށް ލިބޭ މުސާރައިންނެވެ. އެހެންކަމުން ފިރިމީހާގެ އަތުން ފައިސާ ލިބުން ހުއްޓުމުން އަނބިމީހާއަށް މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. އެޙާލަތުގައިވެސް އަނބިމީހާ މަސައްކަތްކުރީ ކެތްތެރިވެ ތެދުވެރިކަންމަތީގައި ސާބިތުވުމަށެވެ. އެއްވެސް މީހެއްގެ އެހީތެރިކަން ނުހޯދައި އަމިއްލައަށް ކަންކަން ހަމަޖެއްސުމަށެވެ. 

އަނބިމީހާ އޭނާގެ ތަޤްވާވެރިކަން އިތުރުކުރިއެވެ. ދަމުނަމާދުކޮށް ޤުރްއާން ކިޔަވައި ދުޢާކުރަން އިންނަ ވަގުތު ގިނަކުރިއެވެ. އެކަމުގެ ނަތީޖާ ފެނިގެންދިއައީ ވަރަށް އަވަހަށެވެ. އިސާހިތަކު އޭނާގެ ވަޒީފާ މަތިވެ ކުލި ދައްކައިގެން އުޅެލެވޭވަރަށް މުސާރަ ބޮޑުވިއެވެ. ވަރިވެ ޢިއްދަ ހަމަވިތަނާހެން ކައިވެނިކުރާނެ ހެޔޮލަފާ މީހަކު ލިބުނެވެ. 

ދެމީހުން ކައިވެނިކުރިތާ މަހެއްހައި ދުވަސްވެސް ނުވަނީސް ކުރީގެ ފިރިމީހާ އޭނާ ހޯދަން ދިއައެވެ. ބުނީ ސެކެތްރީ އާއިއެކު ހިންގުނު ގުޅުން ފަޅާއެރުމުން ވަޒީފާއިން ވަކިކުރިކަމަށެވެ. ނުބައި ރެކޯޑެއް އޮތުމުން ވަޒީފާއެއްވެސް ނުލިބުނު ކަމަށެވެ. އޭނާއަށް މާފުކޮށްދިނުމަށް އެދޭކަމަށާއި ދެ މީހުން އަލުން ގުޅެން ބޭނުންވާ ކަމަށެވެ.

"އަނބިމީހާ ބުނީ ﷲ މަޤާމު ދެއްވެވުމުން އެކަމަށް ޝުކުރުވެރިވާން ނުއެނގޭ މީހުންނަށް އެއްވެސް މީހަކާއިއެކު ދުވަހަކުވެސް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ ކަމަށެވެ. ދެންވެސް ތައުބާވެ ދުޢާކުރީމާ ރަނގަޅު ގޮތް މިންވަރުކުރައްވަވާނެ ކަމަށެވެ. އަދިވެސް ބުންޏެވެ. "އެކަނި އުމުރު ދުވަހު އިންނަން ޖެހުނަސް ޚިޔާނާތްތެރިވި މީހަކާއި ގުޅެން ބޭނުމެއް ނޫނެވެ. އަހަރެންގެ ފިރިއަކު މިހާރުވެސް އެބަހުއްޓެވެ. އިރާދަފުޅުން އަދި ވަރަށް ރަނގަޅެވެ. ހުރިހާ ގޮތަކުންވެސް ކަލެއަށްވުރެ މާބޮޑަށްވެސް ރަނގަޅެވެ. އޭނާ ލިބުނީ އަހަރެން ކުރި ދުޢާއިންނެވެ. ކަލޭވެސް ދުޢާކުރާށެވެ. ކަލެއަކީ އަޅާނުލި ނަމަވެސް ދަރިފުޅުގެ ބައްޕަވީމާ އަހަރެންވެސް ކަލެއަށްޓަކާ ހެޔޮދުޢާކުރާނަމެވެ." 

ވާހަކަ އެހިސާބަށް ދިއަތަނާ މިހާރުގެ ފިރިމީހާ ގެއަށް އައުމުން ކުރީގެ ފިރިމީހާ ގެއިން ނުކުމެގެންދިއައީ ރޮއި ކަރުނައަޅަމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ ވާހަކައެވެ. އޭޑނާގެ ކުރީގެ ފިރިމީހާ އޭނާ ގާތަށް އާދޭސްކުރަންދިއައީ މިމަހުގެ ކުރީކޮޅުގައެވެ. ވީމާ މިއީ މާކުރީގައި ހިނގާފައިވާ ކަމެއްވެސް ނޫނެވެ. 

އަޅުގަނޑަކީވެސް ފުރަތަމަ ފިރިމީހާގެ ކިބައިން ހަމަ މިފަދަ ގޮތަކަށް އަނިޔާލިބުނު މީހެކެވެ. އޮފީހުގެ ވެރިއެއްގެ ފެންވަރަށް ދެވުމުން ދެދަރިންނާއިއެކު ވަރިކޮށްލާފައި ފޮނުވައިލީވެސް އޮފީހުގައި މަސައްކަތްކުރާ މުވައްޒިފަކު ދެކެ ލޯބިވެގެންނެވެ. އެއިގެ ފަހުން މިހާރު 4 އަހަރުވީއެވެ. ސަބަބެއް ނުއެނގެއެވެ. އަދިވެސް ހުރީ ކައިވެންޏެއް ނުކޮށެވެ. އެހެންކަމާއިއެކުވެސް ވަރިކުރި ދުވަހުން ފެށިގެން މިހައިތަނަށް ދަރިންނަށް ބައިރުފިޔާއެއްގެ މިންވަރުވެސް ދިއްކޮށް ނުލައެވެ. އެކުދިންގެ ހުރިހާ ޚަރަދެއް ކޮށްދެނީ މިހާރުގެ ފިރިމީހާއެވެ. އަޅުގަނޑަށްވެސް އެފަދަ ހެޔޮލަފާ ފިރިއަކު ލިބުނީ ނިކަމެތިވެ ޙާލުގައި ޖެހުނު ދުވަހު ކެތްތެރިވެ ކުރި ދުޢާއިންނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ފިރިމީހާގެ ކިބައިން ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހުނަސް ކެތްތެރިވެ ދުޢާކުރުމުގައި ސާބިތުވާށެވެ! މާރަނގަޅު ގޮތްތައް ﷲ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- ޛުލައިޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން