ބަލި ޙާލުގައި އޮންނަ ކޮންމެ މީހަކީ މާލީ ގޮތުން ދަތިޙާލުގައި އޮތް މީހަކަށްނުވާނެއެވެ. ވީމާ އެމީޙުންނަށް ފައިސާ އާއި ތަކެއްޗަކީ މުހިންމު އެއްޗަކަށް ނުވެދާނެއެވެ. ފައިސާ އާއި ތަކެތި މުހިންމުވާނީ ބަލިމީހުންގެ ތެރެއިން ދަތިޙާލުގައި ތިބި ބައަކަށެވެ.
ބަލި ޙާލުގައިވާ ފަޤީރުންނަށްވެސް އަދި ތަނަވަސް މީހުންނަށްވެސް އަދި ކޮންމެ މީހަކަށްވެސް ބޭނުންވާ އެކައްޗެއްވެއެވެ. އެއީ ވީހާގިނަބައެއްގެ ހެޔޮދުޢާއެވެ. ވީމާ މަސައްކަތް ހުންނަ ގޮތުން އެމީހަކު ޒިޔާރަތްކުރަންޖެހޭ ބަލިމީހުންނަށް ކޮންމެ ދުވަހަކު ޒިޔާރަތް ނުކުރެވުނަސް އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ!
ބަލިމީހާގެ ގާތަށް ނުދިއަ ނަމަވެސް ދުޢާ ކުރެވޭނެއެވެ. މިބަޔާންކުރި ސަބަބުތަކަށްޓަކައި ބަލިމީހާގެ ގާތަށް ގޮސްވެސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ބަލިމީހާއަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ. ބަލިމީހުންނަށް ޒިޔާރަތްކުރުމާއި އެމީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއްވެސްމެއެވެ. ވީމާ އެކަމުގައި ފަރުވާކުޑަނުކުރާށެވެ.
ހަމައެއާއިއެކު ކޮންމެ މީހަކުވެސް ވިސްނައިލަންވީ ތިމާއަކީވެސް ކޮންމެ ވަގުތަކުވެސް ބަލިވެދާނެ މީހެއްކަމެވެ. އެހެން މީހުންގެ އަޅައިލުމާއި ހެޔޮ ދުޢާއަށް ކޮންމެ ވަގުތަކުވެސް ބޭނުން ބޮޑުވެދާނެ މީހެއްކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން