ޙަޤީޤީ ޙާދިސާ: ފަޤީރުވީމާ މުވައްޒިފުން މަލާމާތް ކުރަމުންއައި ނީނާއަށް އޮފީހުގެ ވެރިކަން ލިބުނު ގޮތާ ނީނާ ލޯފަން މީހަކާ ކައިވެނިކުރުމުން އޭނާގެ ލޮލަށް ފެނުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 55ސ
ޙަޤީޤީ ޙާދިސާ: ފަޤީރުވީމާ މުވައްޒިފުން މަލާމާތް ކުރަމުންއައި ނީނާއަށް އޮފީހުގެ ވެރިކަން ލިބުނު ގޮތާ ނީނާ ލޯފަން މީހަކާ ކައިވެނިކުރުމުން އޭނާގެ ލޮލަށް ފެނުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ މަންމަޢާއި ބައްޕައަކީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދެމަފިރިންނަށް ލިބުނު ހަމަ އެކަނި ދަރިފުޅަކީ އަޅުގަނޑު ނީނާއެވެ. އަޅުގަނޑުގެ އުމުރުން 14 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. 15 އަހަރުގައި ކާފަ ނިޔާވެއްޖެއެވެ. ކާފަ ނިޔާވުމުން ކާފަގެ ގެއާއި މުދައު ބެހީ ބައްޕައަށް ނުދީއެވެ. އެއީ ކާފައަށްވުރެ ކުރިން ބައްޕަ މަރުވެފައިވުމުންނެވެ. 

މަންމައަށް ޖެހުނީ އަޅުގަނޑު ގޮވައިގެން ގެއިން ނުކުންނާށެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ 17 އަހަރެވެ. މަންމައަކީ ރާއްޖެތެރޭ އަންހެނަކަށްވުމުން މާލޭގައި ގެދޮރެއް ނެތެވެ. އެހެންވެ މަންމަ ދިއައީ މަންމަގެ ރައްޓެއްސެއްގެ ގެއަށެވެ. އެގޭގެ ނޯކަރެއްގެ ގޮތުގައި މަންމަ މަސައްކަތްކޮށްދީގެން އަޅުގަނޑު ގޮވައިގެން އުޅެމުން ދިއައީ ވަރަށް ދަތިޙާލުގައެވެ. އެމަސައްކަތުގެ އަގަކަށް އެގޭމީހުން ކޮށްދިން ކަމަކީ އަޅުގަނޑަށް ކިޔަވައިދިނުމެވެ. އެކަން އެމީހުން ކޮށްދިނެވެ. 

ކިޔަވައި ނިމިގެން އަޅުގަނޑުގެ އުމުރުން 21 އަހަރުގައި ވަޒިފާއަދާކުރަން ފަށައިފީމެވެ. އެއީ އެހިސާބުން އިތުރަށް ކިޔެވެން އޮތީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން ކަމުގައިވާތީއެވެ. އަދި މަންމައަށް އެހީތެރިވެދެވެން އޮތީވެސް ފައިސާ ލިބިގެން ކަމަށްވާތީއެވެ. އަޅުގަނޑަށް ވަޒީފާ ލިބުނުތަނާހެން މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެހެންވެ ގޭގައި މަސައްކަތްކޮށްނުދެވޭތީ އެގެއިން ނުކުންނަން ޖެހިއްޖެއެވެ. 

ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެގެއިން ނުކުތީމެވެ. ލިބޭ މުސާރަ ކުޑަކަމުން ދިރިއުޅެންޖެހޭނީ ވަރަށް ދަތިޙާލުގައިކަން އެނގިހުރެއެވެ. އަދި މަތީ ތަޢްލީމް ޙާޞިލުކުރަން ކުރަމުން އައި އުންމީދުތައްވެސް ގެއްލުނީކަންވެސް އެނގިހުރެއެވެ. ނަމަވެސް އަޅުގަނޑު ވަކީލުކުރީ ﷲ އަށެވެ. މަންމަ އަޅުގަނޑަށްޓަކައި ވީ މަތިވެރި ޤުރްބާނީގެ ބަދަލު ދިނުމަކީ އަޅުގަނޑުގެ ޢަޒުމް ކަމުގައި ހެދީމެވެ. 

މަންމަ އަޅުގަނޑަށް ވަރަށް ހިތްވަރުދިނެވެ. އަޅުގަނޑަށްޓަކައި ވަރަށް ގިނައިން ހެޔޮދުޢާކޮށްދިނެވެ. އަޅުގަނޑު މަންމަ ބަލަމުން ދިއައީ އެކަން ކުރެވޭނެ އެންމެ ރަނގަޅަށެވެ. އެކަން މަންމަ ޤަބޫލުކުރެއެވެ. އޮފީހުގައި މަސައްކަތްކުރާ ކުދިންގެ ތެރެއިން އެންމެ ދަތިޙާލުގައި އުޅެނީ އަޅުގަނޑުކަމަށްވުމުން ލާނެ ރީތި ހެދުން ނުލިބޭތީ އެހެންކުދިން ކުރާ ފުރައްސާރައިގެ އަޑުވެސް އިވެއެވެ. ނަމަވެސް ދެރައެއް ނުވަމެވެ. އަގުބޮޑު ރީތި ހެދުން ގިނަކުރުމަށްވުރެ އަޅުގަނޑު އިސްކަން ދިނީ މަންމަގެ ކަންކަމަށެވެ. މަންމަ އުފަލުގައި ބެއިންދުމަށެވެ. 

ތަންތަނުން އެއްޗެތި ގެނެސްގެން ކާނެ ފައިސާ ނުހުންނާތީ އަޅުގަނޑު އޮފީހަށް ދަނީ މެންދުރަށް ކައްކާފައި އެއިން އެތިކޮޅެއް ހިފައިގެންނެވެ. އެހެންކުދިން ތަންތަނުން އެއްޗެތި ގެނެސްގެން ކައިހަދާއިރު އަޅުގަނޑުގެ އެގެންވަރު ނުހުންނާތީވެސް ކުދިން އަޅުގަނޑަށް މަލާމާތް ކުރެއެވެ. އެކަމާއިވެސް ދެރައެއް ނުވަމެވެ. ފަސްއިނގިލި އެއްވަރު ނޫންވީމާ އެންމެންގެ ހުރިހާ ކަންކަން އެއްފެންވަރުގައި ނުހުންނާނެކަން އަޅުގަނޑު ޤަބޫލުކުރާތީ އެފަދަ އަޑެއް އިވުނަސް އަޅައިވެސް ނުލަމެވެ. އަޑު އިވުނުކަމަށްވެސް ނުހަދަމެވެ. 

އަޅުގަނޑު ހިތްވަރު ހޯދަނީ އަޅުކަމުންނެވެ. އޮފީހުގައިވެސް ނަމާދުކުރަމެވެ. ގެއަށް އައިސް ނަމާދުކުރާކަށް ނަމާދުފަހެއް ނުކުރަމެވެ. އެހެން އުޅުމުގެ ތެރޭގައި އެއްދުވަހު ނަމާދުކޮށްގެން ދުޢާކުރަން އިންދާ ދޮރުހުޅުވައިލުމުން ބަލައިލެވުނެވެ. އެއީ އަޅުގަނޑު ނޫން އެހެން ކުއްޖަކު އޮފީހުގައި ނަމާދުނުކުރާތީއެވެ. ދުވަހަކުވެސް އެއްވެސް ކުއްޖަކު ނަމާދުކުރާތަނުގެ ދޮރުވެސް ނުހުޅުވާތީއެވެ. 

ދޮރުހުޅުވީ ބޮސްގެ އަނބިމީހާއެވެ. އަޅުގަނޑު ދުޢާކޮށް ނިމިގެން ނަމާދުދޮޅި ބޭލިތަނުން މެޑަމް ބުނީ ބޮސްގެ ކޮޓަރިއަށް ދިއުމަށެވެ. 

ބޮސްގެ ކޮޓަރިއަށް ދިއައިރު ދެމަފިރިން އެކުގައި ސޯފާގައި ތިއްބެވެ. މެޑަމް އަޅުގަނޑުގެ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރުމުން އަޅުގަނޑުގެ ނިކަމެތިކަމުގެ ވާހަކަތައް ކިޔައިދިނީމެވެ. ކިޔައިދީ ނިމުމުން އަޅުގަނޑަށް 1000 ރުފިޔާ ދީފައި ބުނީ ހަދިޔާއެއް ކަމަށާއި އަދި ފަހުން ބައްދަލުކުރާނެކަމަށެވެ. 1000 ރުފިޔާއަކީވެސް އަޅުގަނޑަށް ވަރަށް ބޮޑު އެއްޗަކަށްވާތީ ވަރަށް އުފާވިއެވެ. އެހެންވެ ވަރަށް ބޮޑަށް ޝުކުރުއަދާކުރީމެވެ. އެދުވަހު ގެއަށް ދިއައީ އެފައިސާއަށް އެކުގައި މަންމައަސް ބޭނުންވާނެ ތަކެތި ގަނެގެންނެވެ. 

އެއިގެފަހުން ތިންވަނަ ދުވަހުގެ ރެއެވެ. ޢިޝާ ނަމާދުކޮށް ނިމުނުތަނާ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވީ މަންމައެވެ. އަޅުގަނޑު އިނީ ޛިކްރުކުރަން މުސައްލަ މަތީގައެވެ. ދޮރުހުޅުވިއިރު ބޮސްގެ ދެމަފިރިންނެވެ. އަވަސް އަވަހަށް ތެދުވެ މަރްޙަބާކިޔައި ކޮޓަރިއަށް ވެއްދީމެވެ. އިށީންނާނެ ގޮނޑިއެއް ނެތުމުން އެނދުގައި އިށީންނަން ބުނީމެވެ. 

ދެމަފިރިން ބުނީ ދެކެން ބޭނުންވި ކަންކަން ފެނިއްޖެކަމަށެވެ. އަޅުގަނޑު އުޅޭ ދަތިޙާލެވެ. މަންމަގެ ބަލިޙާލެވެ. އަޅުގަނޑު ގާތުގައި ބުނީ ބޭނުންވަނީ އަޅުގަނޑުމެން ދެމައިން އެމީހުންގެ ގެއަށް ބަދަލުކުރަން ކަމަށެވެ. އަދި އެކަން ޤަބޫލުކުރާނަމަ ދައްކަންހުރި ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. 

އަޅުގަނޑުމެން ދެމައިން އެކަން ޤަބޫލުކުރުމުން އަނެއް ދުވަހު އަޅުގަނޑުމެން އެގެއަށް ބަދަލުކޮށްފިއެވެ. އުޅެން ދިނީ ގެއާއި ވަކިން ހުރި ކޮޓަރިއެކެވެ. ސިޓިންރޫމަކާއި ބަދިގެވެސް ހުރި ކޮޓަރިއެކެވެ. ބުނީ ވަކިން ނުކެއްކުމަށާއި ގެއިން ކާން ލިބޭނެ ކަމަށެވެ. ކޮޓަރީގައި ކާން ބޭނުންނަމަ ހިފައިގެން އައިސް ކޮޓަރީގައި ކެއިނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. 

އެގޭގައި ދެމައިން ގެންގުޅޭތާ 4 ވަނަ މަހު އެއްރޭ ދެމަފިރިން އެކުގައި ކޮޓަރިއަށް އައިސް ބުނީ މިއައީ ވާހަކައެއް ކާލަން ބޭނުންވެގެން ކަމަށެވެ. އެވާހަކައަކީ ދެމައިން ރުހި ޤަބޫލުނަމަ އެމީހުންގެ ދޮށީ ދަރިފުޅާއި އަޅުގަނޑާއި ކައިވެނިކޮށްދޭން ބޭނުންވާ ކަމަށެވެ. އެއީ ލޯފަން ކުއްޖަކަށްވުމުން ކޮންމެ ކޮންމެ އަނހެނަކާއި ކައިވެނިނުކުރުވައި އަޅުގަނޑު ފަދަ ހެޔޮލަފާ ކުއްޖަކާއި ކައިވެނިކުރުވަން ބޭނުންވަނީ ކަމަށެވެ. ނުރުހޭނަމަވެސް ގެއިން ނުނެރޭނެ ކަމަށާއި ޢުމުރަށް ނުވަތަ އަޅުގަނޑުމެން ބޭނުންހައި ދުވަހަކު އެގޭގައި ބައިތިއްބާނެ ކަމަށެވެ. 

މަންމަ އިންދައި އެހެން ބުނުމުން ވަރަށް ލަދުގަތެވެ. އެހެންވެ އަނގައިން ބުނަން ނުކުރި މަޑުކޮށްލުމުން މަންމަ ބުނީ އެކަމަށް ރުހެން ފެންނަ ކަމަށެވެ. މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! އިވުމާއި ފެނުމަކީ ވެސް ﷲ ދެއްވެވުމުން ލިބޭ އަދި މިންވަރުކުރެއްވެވުމުން ގެއްލިގެންދާވެސް ނިޢުމަތެވެ. ވީމާ ﷲ އަށް ވަކީލްކޮށް އެކަން ޤަބޫލުކުރާށެވެ! ލޮލަށް ފެންނަ މީހަކާ ކައިވެނިކުރާތަނުންވެސް އިރާދަ ކުރައްވަވައިފިނަމަ ދެލޯ އަނދިރިވެސް ވެދާނެއެވެ. ވީމާ އެއީ އެހައިބޮޑަށް ވިސްނަންޖެހޭ ކަމެއް ނޫނެވެ. ހަމަގައިމުވެސް ދެލޮލަށް ފެންނަ ނުބައި މީހަކަށްވުރެ ދެލޮލަށް ނުފެނުނަސް ރަނގަޅު މީހަކު މާރަނގަޅުވާނެއެވެ." 

މަންމަގެ ނިންމުން އަޑުއިވުމުން އަޅުގަނޑު ރުހުން ދިނީމެވެ. ޖެހިގެން އައި ހުކުރުވިލޭރޭ ކައިވެނިކޮށްދީފިއެވެ. އޭނާވީ ވަރަށް ހެޔޮލަފާ ޒުވާނަކަށެވެ. އެކުގައި ދިރިއުޅެމުން ގޮސް ހައަކަމަސްވީތަނާ އާދައިގެމަތިން ލޯ ޑޮކްޓަރަށް ދައްކާލަން މަދުރޭއަށް ދިއައިމެވެ. އަޅުގަނޑުގެ މަންމަ އާއި ފިރިމީހާގެ މަންމަ ޢާއި ބައްޕަވެސް ދިއައެވެ. ޓެސްޓްތައް ހަދާފައި ބުނީ ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށާއި އޮޕަރޭޝަނަކުން ރަނގަޅުވުމުގެ ފުރުޞަތު މިހާރު އެބައޮތް ކަމަށެވެ. ނަމަވެސް ޔަޤީން ނޫން ކަމަށެވެ. 

ކޮންމެ ކަމެއްގައިވެސް ޔަޤީންކަން ލިބެނީ އެކަމެއް ﷲ ހިންމަވައި ދެއްވެވުމުން ކަމުގައިވާތީ ﷲ އަށް ވަކީލްކޮށް އޮޕަރޭޝަންކުރީއެވެ. އިރާދަފުޅުން އޮޕަރޭޝަން ކާމިޔާބުވިއެވެ. އޭނާގެ މަންމަ އާއި ބައްޕައަށްވެސް ބުނެވުނެވެ. "މިއީ ނީނާއަށްޓަކައި ލެއްވެވި ރަޙްމަތެކެވެ. ނީނާކުރި ދުޢާތަކުގެ ފައިދާއެވެ." 

އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެއީ އެމީހުންގެ ވިސްނުމެވެ. ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ބުނެވެން އޮތް އެއްޗަކީ ކައިވެންޏަށް 8 އަހަރުވީއެވެ. ފިރިމީހާގެ ލޮލުގެ ފެނުން އެންމެ ފުރިހަމައެވެ. 4 ދަރިން ލިބިއްޖެއެވެ. އެެހެންކަމާއިއެކުވެސް ކިޔަވަން ކުރިންވެސް އުންމީދުކުރިވަރަށް މަތީ ތަޢުލީމްވެސް ޙާޞިލުކުރެވިއްޖެއެވެ. ދިރިއުޅެމުން މިދަނީ ހަމަ ވަރަށް އުފަލުގައެވެ. 

އަޅުގަނޑު ފަޤީރުވެ ނިކަމެތިވީމާ ފުރައްސާރަކުރި ގިނަ ކުދިން މިހާރުވެސް ވަޒީފާގައި އެބަތިއްބެވެ. ކުންފުނި ހިންގުމުގައި އިސްކޮށް މިތިބީ އަޅުގަނޑާއި ފިރިމީހާއެވެ. އަޅުގަނޑު ފެނުމުން ބައެއް ކުދިންނަށް މިހާރުވެސް ނުބައި ގޮތްތަކެއްވެއެވެ. އެއީ އަޅުގަނޑާއިމެދު އެމީހުންނަށް ކަންކަންކުރެވުނު ގޮތުންނެވެ. ބުނެވިފައިވާ ބަސްތަކުންނެވެ. 

އަޅުގަނޑު އޮންނާނީ ފުރަތަމަ ދުވަހުވެސް ހުރިހާ އެކުވެރިންނަށް މާފުކޮށްފައެވެ. އަޅުގަނޑުގެ ހިތުގައި އެއްވެސް ވަރަކަށް ބުރަކަމެއް ނުބާއްވމެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިލާންޖެހުނު ކަންކަމެވެ. އަޅުގަނޑު ފުރަތަމަ ކަމަކަށްވެސް ފާހަގަކޮށްލާނީ އަހަރެމެންގެ އުފާތަކަށް ނުބަލައި މައިންބަފައިން އުފާކޮށްދިނުމުގެ މުހިންމު ކަމެވެ. އެމީހުންގެ ހެޔޮދުޢާގެ ބާރެވެ. ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ އެކުގައި ފަޤީރުންވެސް އުޅޭނެކަން ޤަބޫލުކޮށް މަލާމާތާއި ފުރައްސާރަ ނުކުރުމުގެ މުހިންމު ކަމެވެ. އަދި ކުރިނަމަވެސް އަޅައިވެން ނުލުމުން ކުރާނެ ފައިދާއެވެ.

މަސައްކަތުގައިވެސް ދިރިއުޅުމުގައިވެސް ކުރިއެރުން ލިބެނީ ﷲ ދެއްވެވުމުންނެވެ. އެއީ ލާ ހެދުމުގެ ފެންވަރަކުން ޖަހާ އަގުބޮޑު ސެންޓުގެ ފެންވަރަކުން އަދި މީރުހައި އެއްޗެތި ކައިއުޅޭ މިންވަރުން ހޯދެން އޮތްކަމެއް ނޫނެވެ. ކުރިއެރުން އެދޭމީހާ ﷲ ގެ މަގުގައި ސާބިތުވީމާ އެމީހަކަށް ބޭނުންވާ ހުރިހާ ކަންކަން ﷲ މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ

އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކައިން ފައިދާކުރާނެ ކަމަށެވެ.

 

- ނީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން