ހިތްދަތިކަމެއް ނުވަތަ ދަތިޙާލެއް ކުރިމަތިވުމުން ޝަކުވާ ކުރެވޭ މީހާ އެވަނީ ދެދުނިޔެއިން ގެއްލިފަ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިތްދަތިކަމެއް ނުވަތަ ދަތިޙާލެއް ކުރިމަތިވުމުން ޝަކުވާ ކުރެވޭ މީހާ އެވަނީ ދެދުނިޔެއިން ގެއްލިފަ!: ޤުރްއާން

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ﷲ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެކަމަށް އުފާކުރެއެވެ. ބަލި ނުވެ ގަދަވެ ހުންނައިރު އެކަމަށް އުފާކުރެއެވެ. ނަމަވެސް މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ނަމަ ޝަކުވާ ކުރެއެވެ.

މިއީ ކީއްވެގެން ކުރިމަތި ކުރެއްވެވި ކަމެއްތޯ ސުވާލުކުރެއެވެ. އަދި ތިމާ އުޅެނީ މިވެނި މީހަކަށްވުރެ މާރަނގަޅަށް ކަމަށާއި އޭނާ މާ ގޯސްކޮށް އުޅޭއިރުވެސް އެއްވެސް ތަކްލީފެއް ނުޖައްސަވާ ކަމަށްވެސް ބުނެވެއެވެ.

އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އަޑުއަހާށެވެ!

"ޝައްކެއްގެމަތީގައި ތިބެގެން، ﷲ އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާއަށް ބަލާއެއް މުޞީބާތެއް ޖެހިއްޖެނަމަ، ކުފުރުވެރިކަމަށް ފުރޮޅިދެއެވެ. އޭނާއަށް ދުނިޔެއާއި އާޚީރަތް ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ." (އަލްޙައްޖު: 11)

މިއާޔަތުން އެނގިގެންދަނީ އެފަދަ މީހުންނަކީ ދުޔެއާއި އާޚިރަތް ގެއްލިފައިވާ ބައެއް ކަމެވެ. ވީމާ މިކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ! ޝައްކުގެ މަތީގައި ހުރެ ﷲ ތަޢާލާއަށް އަޅުކަންކުރާ މީހަކަށްވެ ދުނިޔެ އާއި އާޚިރަތް ނަގައި ނުލާށެވެ! ޔަޤީންކަމާއިއެކު އަޅުކަންކޮށް ދެ ދުނިޔެ ބާއްޖަވެރިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން