ދުނިޔޭގެ ޙަޔާތުގަ ޢިއްޒަތްތެރިންނާ ތަނަވަސް މީހުންގެ ފަހަތުގަ ހުންނަންޖެހޭތީ ކަންބޮޑުވުމެއް ނެތް! ޤިޔާމަތް ދުވަހު ނިކަމެތިން ތިބޭނީ މާކުރީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުނިޔޭގެ ޙަޔާތުގަ ޢިއްޒަތްތެރިންނާ ތަނަވަސް މީހުންގެ ފަހަތުގަ ހުންނަންޖެހޭތީ ކަންބޮޑުވުމެއް ނެތް! ޤިޔާމަތް ދުވަހު ނިކަމެތިން ތިބޭނީ މާކުރީގަ!

މިދުނިޔޭގައި ނިކަމެތިންނަށް ސީޓު ލިބެނީ އިއްޒަތްތެރިންނާއި މަހުޖަނުންގެ ފަހަތުންނެވެ. އެމީހުން ބޭނުންވަރަކަށް ޖާގަ ހިފުމަށްފަހު ބާކީހުރިނަމައެވެ. ނަމަވެސް މަރުވުމުން އެކަން އޮތީ އެގޮތަކަށް ނޫނެވެ.

ދުނިޔޭގައި ކިތަންމެ ބޮޑު އިއްޒަތެއްގައި އުޅުނު ނަމަވެސް، ކިތަންމެ ބޮޑު މުއްސަނދި ކަމެއްގައި އުޅުނު ނަމަވެސް މަރުވާ ހިސާބުން އެކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހަކު މަރަށް ތައްޔާރުވެ ހުރި މިންވަރަކުން މެނުވީއެވެ. އާޚިރަތަށް ގެންދާނެ ހެޔޮ ޢަމަލުތައް ކޮށްފައިވާ މިންވަރަކުން މެނުވީއެވެ.

އެމީހަކީ ދުނިޔޭގައި ކިތަންމެ ނިކަމެތި ޙާލުގައި އުޅުނު މީހެއް ނަމަވެސް މަރަށް ތައްޔާރުވެގެން ހުރި ނަމަ މަރުވާ ވަގުތުން ފެށިގެން އޭނާ ދުނިޔޭގައި ހުރެ ހޯދި ނުވަތަ އެއްކުރި މުއްސަނދިކަމުގެ ފައިދާ ލިބެން ފާށާނެއެވެ. ވީމާ ގަދައަޅައި މަސައްކަތް ކުރަންވީ ދުނިޔަވީ މުއްސަނދިކަމާއި ޢިއްޒަތަކަށް ނޫނެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރަށް ތައްޔާރުވުމަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަންގިގޮވީމާ އެއަޑު ނުއިވޭނަމަ އެމީހަކީ ވަރަށް ބޮޑު ނިކަމެތިކަމެއްގައިވާ މީހެކެވެ. ދުނިޔޭގައި އެމީހެއްގެ ކިތަންމެ ބޮޑު އިއްޒަތަކާއި ތަނަވަސްކަމެއް ހުރިނަމަވެސް އެމީހަކީ ނިކަމެތިކަން ލިބިގެންވާ މީހެކެވެ. އެކަން އިޙްޞާޞް ކުރެވިގެންދާނީ މަރުވުމުންނެވެ. ބުއްދިވެރިންނަކީ ދުނިޔޭގައި ތިބެ އެކަން އިޙްޞާޞްކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާ މީހުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން