މަގުމައްޗަށް ވެއްޓުނު ފަޤީރަކު ނަގައި އެހީތެރިވެދިން އަންހެނަކަށް އޭނާގެ ބޮސްގެ ކައިވެނި ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
މަގުމައްޗަށް ވެއްޓުނު ފަޤީރަކު ނަގައި އެހީތެރިވެދިން އަންހެނަކަށް އޭނާގެ ބޮސްގެ ކައިވެނި ލިބުނު ގޮތުގެ ވާހަކަ-

ޝައު އާއި ދީބާއަކީ ރެސްޓޯރަންޓެއްގައި މަސައްކަތްކުރާ ދެއެކުވެރިންނެވެ. ޝައުއަކީ މެނޭޖަރެވެ. ދީބާއަކީ އާދައިގެ ވެއިޓަރެކެވެ. ދެމީހުން ހިނގާފައި ދަނިކޮށް ފެންނަނީ ލައިގެންހުރި ގަމީސްވެސް ވީދިފައިވާ ފަޤީރަކު މަގުމައްޗަށް ވެއްޓުނު ތަނެވެ. ދެ އަންހެނުންނާއި ވަރަށް ކައިރިއަށެވެ. 

ޝައުބުނީ އެގޮތަށް ވެއްޓޭހައި މީހުންނަގަން އުޅުމަކީ ބޭކާރުކަމެއް ކަމަށެވެ. ނަމަވެސް ދީބާ ދުވެގޮސް އޭނާ ނެގިއެވެ. އަދި އެހީޓެރިވެދީ ހިނގައި ގަނެވެންދެން އަތުގައި ހިފަހައްޓައިގެންވެސް ހުއްޓެވެ. 

އެއިގެ 3 ރޭ ފަހުން ފައިސާވެރިއަކު ރެސްޓޯރަންޓަށް ޒިޔާރަތްކުރިއެވެ. އޯޑަރުކުރީ އެތަނުން ލިބެންހުރި އެންމެ އަގުބޮޑު ކެއުމަށެވެ. ކަންދިމާވި ގޮތުން އޭނާއަށް ޚިދުމަތް ދިނީ ދީބާއެވެ. 

ކައި ނިމިގެން ދީބާ ކުރާ މަސައްކަތާއިބެހޭ ގޮތުން ސުވާލުކުރުމުން ދީބާ އޭނާއަކީ ރެސްޓޯރަންޓުގެ ވެއިޓަރެއް ކަމަށް ބުންޏެވެ. އަދި މަސައްކަތްކުރަނީ ވަރަށް ކުރާ ހިތުން ކަމަށްވެސް ބުންޏެވެ. 

ތަނަވަސް މީހާ ޢާއި ދީބާ އާއި ދެމީހުން ވަރަށް ގަޔާވެ ތިބެގެން ވާހަކަދައްކާތަން ފެނުމުން ޝައު ގޮސް އޭނާއަކީ މެނޭޖަރުކަމަށް ބުނެ އަމިއްލައަށް ތަޢާރްފަވެ އެއްވެސް އިތުރު ޚިދުމަތަކަށް ބޭނުންވޭތޯ ސުވާލުކުރުމުން އޭނާ ބުނީ ވާހަކަދައްކަން ބޭނުންވަނީ ދީބާ އާއި ކަމަށެވެ. 

އޭނާ ދީބާގެ ކިބައިން އެދުނީ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށެވެ. ދީބާ ބުނީ ޑިޔުޓީގައި ހުރެގެން ގޮޏޑީގައި އިށީނުމަކީ މަނާކަމެއް ކަމަށެވެ. ދެން އޭނާ ސުވާލުކުރީ ދީބާއަށް އޭނާ ފާހަގަކުރެވޭތޯއެވެ؟ ނުކުރެވޭ ކަމަށް ބުނުމުން ފަޤީރަކަށް ހެދިގެން މަގުމަތީގައި އުޅުނު ދުވަހު ބޮލުގައި އަޅައިގެންހުރި ވިގް ނަގައި ބޮލުގައި އަޅާފައި ސުވާލުކުރުމުން ދީބާއަށް އެއީ ކާކުކަން އެނގުނެވެ. އެއީ ކުރީ ދުވަހު މަގުމައްޗަށް ވެއްޓިފައި އޮއްވާ ނެގި ފަޤީރު މީހާއެވެ. 

އޭނާ ބުންޏެވެ. "މިގޮނޑީގައި މިހާރު ކަލެއަށް އިށީނދެވޭނެއެވެ. މިތަނުގެ މުވައްޒިފުންނަށް އަހަރެން ނުއެނގުނު ނަމަވެސް މިއީ އަހަރެންގެ ރެސްޓޯރަންޓެކެވެ. އެދުވަހު ފަޤީރެއްގެ ހެދުން އަޅައިގެން ނުކުމެ އުޅުނީ ކައިވެނިކުރާނެ ހިތްހެޔޮ، އިންސާނިއްޔަތުކަންހުރި، އަޚްލާޤް ރަނގަޅު ކުއްޖަކު ހޯދުމުގެ ބޭނުމުގައެވެ. އާދައިގެ ފެންފައިވާނުގައި ހިނގަން ނުފަރިތަވީމާ ފައިކައްސާލައިގެން ވެއްޓުނީއެވެ. އެވަގުތު ކަލޭ ކޮށްދިން ޚިދުމަތުގެ ސަބަބުން އިމްތިޙާނުން ކަލޭ ފާސްވެއްޖެއެވެ. ބޭނުންވަނީ ކައިވެނިކުރާށެވެ. ހަމަ މިހާރު އަހަރެންނާއިއެކު އަހަރެންގެ ގެއަށް ހިނގާށެވެ." 

ދީބާ އެކަމަށް ރުހުމުން ދީބާ ގޮވައިގެން ނުކުންނަމުން ޝައު ގާތުގައި ބުނީ ޝައުއަކީ އިންސާނިއްޔަތުކަން ނެތް އަންހެނަކަށްވުމުން އިންސާނުންނަށް ޚިދުމަތްކުރާ މިފަދަ ތަނެއްގެ ވަޒީފާއަށް ކަމުނުދާކަމަށާއި އަނގަންޖެހޭ އެންގުން ޝައުއަށް އަންގާނެ ކަމަށެވެ. އެހެން ބުނެފައި ދީބާގެ އަތުގައި ހިފައިގެން ނުކުމެ އެންމެ އަގުބޮޑުކާރަކަށް އެރިތަން ބަލަން ޝައު ފެންކަޅިވެފައި ހުއްޓެވެ. 

މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. ކައިވެނިކުރާނެ އަންހެނަކު ހޯދަން ފަޤީރަކަށް ހެދިގެން ރާއްޖޭގެ ރަށްރަށުގެ މަގުމަތީގައި ނުއުޅެފާނެއެވެ. ނަމަވެސް މިވާހަކައިން ލިބޭ ޢިބްރަތަށް ވިސްނައިލާށެވެ. ދީބާ އިޚްލާޞްތެރިކަމާއިއެކު އެހީތެރިވީ ފަޤީރަކަށެވެ. އޭނާ ފަޤީރު ވީމާ ވެއްޓުމުން އަޅައިލާނެ އެއްވެސް މީހަކުނުވެފައި އޮތް މީހަކަށެވެ. އަދި އެކުވެރިޔާގެ ނުރުހުމުގައެވެ. އެކަމުގެ އަގު އޭނާއަށް ލިބުނު ގޮތް ނިކަން ދެކެބަލާށެވެ. 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެންމެންވެސް ދަސްކުރަންޖެހޭ ފިލާވަޅެކެވެ. ﷲ އަންގަވާފައިވާ ފަދައިން އިންސާނީ ވާޖިބު އަދާކުރާ މީހަކަށްވުމުން ކުރާ ފައިދާ އެނގިގެންދާ ފިލާވަޅެކެވެ. އަޅުގަނޑު ވިސްނީ ހަމައެކަނި މިވާހަކައިން ލިބިދޭ ޢިބްރަތަށެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ޢިބްރަތަކަސްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން