2019 ވަނަ އަހަރު ފެތުރެން ފެށި ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ބޮޑު ބިރަކަށްވެގެން އައިދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދައުރުކުރި އެއް ޕޯސްޓަކީ "މުސްތަޤްބަލުގަ މުސްލިމުންގެ ނަމާދާއި ރޯދަ ޑޮކްޓަރުންގެ ބޭސް ސިޓީގައި ލިޔާނެ!" ކަމަށް ޖޯޖް ބާނާޑް ޝޯ ވިދާޅުވެފައިވާ ބަސްފުޅެކެވެ.
2 ނޮވެންބަރ 1950 ގައި ނިޔާވެފައިވާ ޖޯޖް ބާނާޑް ޝޯގެ މިނޫން ވެސް ބައެއް ބަސްފުޅުތަކުގައި އިސްލާމް ދީނުގެ ވާހަކަތައް ގެންނަވާފައި އެބަހުއްޓެވެ. އެގޮތުން 450 ވަރަކަށް ބަސްފުޅުގައި އިސްލާމް ދީނުގެ ވާހަކަތައް ގެންނަވާފައިވާކަމަށް ބެލެވެއެވެ.
މިއަދުނޫހުން މިކަމުގެ ހަނދާން އައުކޮށްލަން ބޭނުންވީ އިސްލާމް ދީނުގައިވާ އެކިއެކި ކަންކަމާއި ގުޅިގެން އެއީ ނާތަހުޒީބު ނުވަތަ އެއްވެސް ފައިދާއެއް ނެތް ކަންކަން ކަމަށް ބުނެ ސޯޝަލްމީޑިއާގައި ވާހަކަތައް ފަތުރާ މީހުންނަށް ރައްދެއްގެ ގޮތުންނެވެ.
ޖޯޖަކީ މުސްލިމެއްކަން އެނގޭކަށް ނެތެވެ. ނަމަވެސް މުޅި ދުނިޔެ ތަޢްރީފްކުރާ ޢިލްމުވެރިއެކެވެ. މިއަދުވެސް ގިނަ ބައަކު އޭނާގެ ފޮތްތައް ކިޔައެވެ. ތަޢްރީފްވެސް ކުރެއެވެ. އެފަދަ މީހަކު މިފަދަ ބަހެއް ބުނެފައިވާ ސަބަބާއިމެދު ފުންކޮށް ވިސްނައިލުން ރަނގަޅުވާނެއެވެ.
ތިރީގައި އެވަނީ ޖޯޖްގެ މިބަސްފުޅު އެއިރު އެހައިބާރަށް ފަތުރަމުން ގެންދާތީ މިއަދުނޫހުގައި އެއިރު ލިޔުނު ލިޔުމެކެވެ. މިހާރުވެސް ކިޔައިލުމުން ފައިދާކުރާނެ ގުޅުންހުރި ލިޔުމެކެވެ.
އެކަން (ޖޯޖް ބުނެފައިވާ ކަންތައް) މިއަދު ދަނީ ކުރެވެމުންނެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްވެސް ފުރަތަމަ ކަމެއްގެ ގޮތުންވެސް ޑޮކްޓަރުން އަންގަނީ އިސްލާމް ދީނުގައި ޙަރާމްކުރައްވާފައިވާ ބަނގުރާ ނުބުއިމަށާއި ދުންފަތުގެ އިސްތިޢްމާލުކުރުން ފަދަ ކަންކަން ނުކުރުމަށެވެ. މުޅި ދުނިޔެ ގޭބަންދުކޮށް އެންގީ ޢާއިލާތައް އެކުގައި ދިރިއުޅުމަށެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރުގައި ނުއުޅުމަށެވެ. ސާފުތާހިރުވުމަށެވެ.
މިފަދަ ކޮންމެ ކަމަކީ މީގެ 1400 އަހަރަށްވުރެ ކުރިން އިސްލާމް ދީނުގައި އަމަލުކުރަން އަންގަވާފައިވާ ކަންކަމެވެ.
މީގެ އިތުރުން ހަކުރުބައްޔާއި ލޭމައްޗަށް ދިއުމާއި ހަށިގަނޑު ފަލަވުން ފަދަ ޢާންމު ކަންކަމާއި ގުޅިގެންވެސް ޑޮކްޓަރުން އިރުޝާދު ދެއްވަނީ އިސްލާމް ދީނުގައި އަމަލުކުރަން އަންގަވާފައިވާ ކަންކަން ކުރުމަށެވެ. ކެއިންބުއިމުގައިވެސް އިސްލާމް ދީނުގައި ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރުމަށެވެ. އެންމެކުޑަމިނުން ގިނައިން ނުކެއުމަށާއި ކާތަކެއްޗާއި އެއްވަރަށް ފެން ބުއިމަށާއި ބަނޑުފުރައި ނުކެއުމަށްވެސް އަންގައެވެ. އަދި މިފަދަ ބަލިތަކާއި ގުޅިގެންވެސް ގަނގުރާ ނުބުއިމަށާއި ދުންފަތުގެ އިސްތިޢްމާލް ނުކުރުމަށް އަންގައެވެ.
ކޮންމެ ދީނެއްގެ ޑޮކްޓަރެއް ނަމަވެސް ރޯދަ ހިފުމަކީ ޞިއްހަތަށް ފައިދާ ހުރި ކަމެއް ކަމަށް އެއްބަސްވެއެވެ. ބޮޑު ބައްޔެއް ނެތް ނަމަ ރޯދަ ހިފުމުން ޞިއްޙަތަށް އެތައް ފައިދާތަކެއް ކުރާކަމަށް އެއްބަސްވެއެވެ. ރޯދަ ހިފަން ހިތްވަރުދެއެވެ. ހަމަ އެކަނި ނުކިޔަނީ "ރޯދަ" މިނަމެވެ.
އިސްލާމް ދީނުގައި ނުކުރަން އަންގާފައިވާ އެއްވެސް ކަމެއް ކުރާކަށް ހަމަ އެންމެ ޑޮކަޓަރަކުވެސް ނުއަންގައެވެ. ވީމާ މިކަންކަމުން އެނގިގެންދަނީ ޑޮކްޓަރުން އެގެންދަނީ އިސްލާމް ދީނުގައި ހުރި ކަންކަން ބޭސް ސިޓީތަކުގައި ލިޔަމުން ކަމެވެ.