ދުނިޔެއަށްވުރެ އާޚިރަތް އެދޭ ވިޔަފާރިވެރިންނަށް ޢުޘްމާންގެފާނު ދެއްކެވި ނަމޫނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދުނިޔެއަށްވުރެ އާޚިރަތް އެދޭ ވިޔަފާރިވެރިންނަށް ޢުޘްމާންގެފާނު ދެއްކެވި ނަމޫނާ!

ދުނިޔެއަށްވުރެ އާޚިރަތް އެދޭނަމަ ވިޔަފާރިވެރިން އަމަލުކުރަންވީ ގޮތުގެ ނަމޫނާ އިސްލާމީ އުންމަތަށް ދައްކަވައިދެއްވުމުގައި އެންމެ ކުރީސަފުގައި ހުންނެވީ ޢުޘްމާންގެފާނެވެ. ޢުޘްމާނުގެފާނު ދެއްކެވި ނަމޫނާއަކީ މިފަދަ ކަމެއްގައި މުޅި ދުނިޔެވެސް ފަޚުރުވެރިވާނެ ނަމޫނާއެކެވެ. 

ބޭނުންފުޅު ވަރަކަށް ފައިދާ އިތުރުކުރެއްވި ނަމަވެސް މަދިނާގެ ޔަހޫދީ ވިޔަފާރިވެރިން މުޅި ވިޔަފާރި ޤާފިލާގެ މުދާތައް އެކުގައި ގަންނަން ބޭނުންވެގެން ބޮޑު އަގު ހުށަހަޅަމުން ދަނިކޮށް އެއަށްވުރެ މާބޮޑު ފައިދާ ލިބިވަޑައިގަންނަވަން އެބައޮތް ކަމަށް ޢުޘްމާންގެފާނު ވިދާޅުވުމުން ޔަހޫދީ ވިޔަފާރިވެރިންނަށް ލިބުނީ ސިހުމެކެވެ. 

ޢުޘްމާނުގެފާނަށް ޔަހޫދީ ވިޔަފާރިވެރިން 4 ގުނަ ފައިދާ ހުށަހެޅިއެވެ. ނަމަވެސް ﷲ ތަޢާލާ 10 ގުނައިން ފެށިގެން 700 ގުނައަށް އިތުރުކޮށްދެއްވަވާނެ އިރު 4 ގުނަ ޢުޘްމާންގެފާނު ޤަބޫލުފުޅު ނުކުރެއްވެވީއެވެ. ކޮންފަދަ މަތިވެރި ވިޔަފާރިއެއްތޯއެވެ؟ 

ވިޔަފާރިން ބޮޑު ފައިދާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އަތުގައި ހުރި ތަކެތި ވީހައި ހެޔޮ އަގުގައި ވިއްކާށެވެ. ހެޔޮ އަގުގައި ވިއްކުމަކީވެސް ޞަދަޤާތުގެ ތެރެއިން ހިމެނޭނެ ކަމެކެވެ. އެހެނީ އޭނާ އެ ދޫކޮށްލަނީ ލިބެން އޮތް ފައިދާގެ ބައެކެވެ. ވީމާ ތަކެތީގެ އަގު ހެޔޮކުރަންވީވެސް ﷲ ގެ ރަހްމަތަށް އެދިގެންނެވެ. 

ޢުޘްމާންގެފާނުގެ މުޅި ވިޔަފާރި ޤާފިލާ ޞަދަޤާތްކުރައްވައި ޢަމަލުފުޅު ކުރެއްވެވި ގޮތް އިޚްތިޔާރުކުރާށެވެ! ރައްޔިތުންގެ ޒުރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރަން ޖެހޭ އެއްވެސް އެއްޗެއްގެ އަގު ބޮޑު ނުކުރާށެވެ! ވީހައި ހެޔޮ އަގެއްގައި އެފަދަ ތަކެތި ވިއްކާވެ! ހިތްނިޔަތް ﷲ ތަޢާލާއަށް ޚާލިޞްކޮށްގެން އެގޮތުގައި ވިޔަފާރިކުރާނަމަ އެމީހެއްގެ ވިޔަފާރީގައި އެކަލާނގެ ބަރަކާތް ލައްވަވައި އެތައް ގުނައަކަށް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން