މިއަދުގެ ބިންހެލުމާއިމެދު ވިސްނައިލާށެވެ! ޙަޤީޤަތް ޤަބޫލުކުރާ މީހުން ބުނަނީ އަހަރެމެންގެ ބަދަލުގަ އެހެން ބައަކު ދުނިޔޭގަ ލައްވަވަން ލަސްވެއްޖެ ކަމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
މިއަދުގެ ބިންހެލުމާއިމެދު ވިސްނައިލާށެވެ! ޙަޤީޤަތް ޤަބޫލުކުރާ މީހުން ބުނަނީ އަހަރެމެންގެ ބަދަލުގަ އެހެން ބައަކު ދުނިޔޭގަ ލައްވަވަން ލަސްވެއްޖެ ކަމަށެވެ!

"---- އަދި ތިއަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިއަބައިމީހުންގެ ބަދަލުގައި ތިއަބައިމީހުން ނޫންބައަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިއަބައިމީހުންފަދަ ބައަކު ކަމުގައި އެއުރެން ނުވާނެތެވެ" ﷲ ތައާލާގެ ވަޙީ ބަސްފުޅުގައި އޮތީ މިފަދައިންނެވެ.

މި ވަޙީ ބަސްފުޅުގެ މާނަ ތަފްސީރު ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ހާމަކުރައްވަވައެވެ. އެއިގެ ތެރޭގައި ﷲ ތައާލާއަށް ކިޔަމަންތެރި ނުވާ އަޅުން ނެތި ކުރައްވަވައި ކިޔަމަންތެރިވާނެ އިންސާނުންތަކެއް ލެވެވުންވެސް ހިމެނޭކަން ފާހަގަކުރަމެވެ. 

އާޔަތް ފެށިގެން އަންނަނީ ﷲ ތައާލާގެ މަގުގައި ހޭދަކުރަން ގޮވައިލެވުމުން ދަހިވެތިވެ އެކަމަށް އިންކާރުކުރާ މީހުންގެ ވާހަކައިންނެވެ. މީސްތަކުންގެ ތެރޭގައި އެފަދަ މީހުން ތިބިކަމުގެ ވާހަކައިންނެވެ. 

ފުންކޮށް ވިސްނާލައިފިނަމަ އެންމެ ފުރަތަމަ ކަމަކީ ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ﷲ ތައާލާއަށް ކިޔަމަންތެރިވުމެވެ. އެކަންކަމަށް މިކިޔަނީ އީމާންތެރިކަމެވެ. މިއަދު ދުނިޔޭގައި ތިންބައިކުޅަ ދެބައަކީ ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނެވެ. އަދި އޮތް އެންމެ ބޮޑު އެއް ހިތާމައަކީ "ތިމަންމެން މިތިބީ އީމާންވެގެން" ކަމަށް ބުނި ނަމަވެސް ޢަމަލުން އެކަން ނުދެއްކޭ މީހުންގެ އަދަދު ގިނަކަމެވެ. މަދު މީހަކަށް ނޫނީ އަމަލުން އެމީހާގެ އީމާންކަން ދައްކައި ނުދެވޭ ކަމެވެ. 

އަދިވެސް އާޔަތުގައި ވެއެވެ. "--- އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސު ގެ ފަރާތުންނެވެ. ﷲ އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިއަބައިމީހުންނެވެ." 

މިބަސްފުޅާއިމެދު މިގޮތަށްވެސް ވިސްނައިލާށެވެ! ﷲ ތަޢާލާއަށް އީމާންވެ ﷲ ތަޢާލާގެ މަގުގައި ކުރިއަށް ނުދިއުމުން އެކަމުގެ ނުބައިކަން ވަނީ ހަމަ އެމީހަކަށެވެ. އޭނާގެ ނުބައިކަމުން ހުރިހާ ގެއްލުންތަކެއް ލިބޭނީވެސް ހަމަ އެމީހަކަށެވެ. އެކަމަކުން ﷲ ތައާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް ދެރަކަމެއް ނެތެވެ. ހުރިހާ ދެރައެއް ލިބުންވެސް އޮތީ ހަމަ އެމީހަކަށެވެ. ހުރިހާ ފުރިހަމަކަމެއް ﷲ ތައާލާއަށް ލިބިވޮޑިގެންވެއެވެ. ގެއްލުން ލިބި ފާފަވެރިވެ ޢަޛާބު ލިބޭނެ ބައަކީވެސް ހަމަ އިންސާނުންނެވެ! 

ކީރިތި ޤުރްއާނުގައިވާ ވަހީ ބަސްފުޅުތަކާއިމެދު ފުންކޮށް ނަޒަރު ހިންގައިލުމުން މިފަދަ އެތައް ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. ޙައްޤުމަގު ވިސްނޭނެއެވެ. ހިތާމައަކީ އެކަން ކުރުމަށް ނުވަތަ ވިސްނައި ފިކުރުކުރުމަށް މީސްތަކުން ޣާފިލުވެފައިވާ ކަމެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހާލަތަށް މީސްތަކުންގެ ކަންކަން ދިއުމުން ﷲ ތަޢާލާ އިންޒާރުތައް ފޮނުއްވަވާނެތެވެ! ވިސްނައި ފިކުރުކޮށް ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމުގެ ފުރުޞަތު ދެއްވަވާނެތެވެ! 

"އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިއަތިބީއެވެ. ﷲ ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިއަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސު ގެ ފަރާތުންނެވެ. ﷲއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިއަބައިމީހުންނެވެ. އަދި ތިއަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިއަބައިމީހުންގެ ބަދަލުގައި ތިއަބައިމީހުން ނޫންބައަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިއަބައިމީހުންފަދަ ބައަކު ކަމުގައި އެއުރެން ނުވާނެތެވެ" (މުޙައްމަދު: 38)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަބައަކު އަދިވެސް ޝަކުވާކުރަނީ އެމީހަކަށް މަދުވެގެންނެވެ. ތިމާމެންގެ ކިބައިގައި ހުރި އުނިސިފަތަކާއި ނުކިޔަމަންތެރިކަމަށް ވިސްނައިލަނީ ވަރަށް މަދު މީހެކެވެ. އެހެން ކޮންކެމެއް ހެއްޔެވެ؟ ފަރުޟު ނަމާދަށް ރައްކައުތެރިވެވޭ މިންވަރާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ 

ހަމަޖެހިލައިގެން އިނދެ ފުންކޮށް ވިސްނައިލިފިނަމަ މިއަދު ދުނިޔޭގައި މިތިބަ އިންސާނުންގެ ބަދަލުގައި އެހެން ބައަކު ދުނިޔޭގައި ލައްވަވަން ލަސްވެއްޖެ ކަމަށް ޤަބޫލުކުރެވޭނެއެވެ! 

ވިސްނައި ފިކުރުކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! މީސްތަކުން ތައުބާވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާނަމަ އެބައަކަށް ހެޔޮ ގޮތްތައް ﷲ ތަޢާލާ މިންވަރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން