އެއްވެސް މީހަކު ދުނިޔެއަށް އުފަންވަނީ އެމީހަކު ނުވަތަ އެމީހެއްގެ މައިން ބަފައިން ބޭނުންވާ ސިފައެއްގައެއް ނޫނެވެ. ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައިގައެވެ.
އެހެންކަމާއިއެކުވެސް މި ޙަޤީޤަތް ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެމީހަކީ ތިމާއަށް ސިފަ ހުތުރު މީހަކަށް ވެއްޖެނަމަ އެމީހަކު ދެކެ ފޫހިވެއެވެ. އަދި އެންމެ ހިތާމަހުރި އެއްކަމަކީ ދެމީހަކު ކައިވެނިކުރާ ފަހުން ބައިވެރިޔާގެ ބޭރުފުށުގެ ސިފައަށް ނުވަތަ ހަށިގަނޑުގެ ބައްޓަމަށް ބަދަލު އައިނަމަވެސް ފޫހިވެ ރުޅި އައުދެވޭތީއެވެ. ނަފްރަތުކުރެވޭތީއެވެ.
ހަމައެކަނި ފޫހިވަނީއެއްވެސް ނޫނެވެ. ނަފްރަތުވެސް އެބަކުރެއެވެ. ވަޒީފާ ދިނުމުގައިވެސް ތަފާތުކުރެއެވެ. މިފަދަ ކަންކަމަކީ އިންސާނިއްޔަތުކަމާއިވެސް ޚިލާފްވާ ކަންކަމެވެ.
މިފަދަ ޙާލުގައިވާ މީހުންވެސް މާޔޫސްނުވާށެވެ! ތިބާ ތިއަހުރީ ތިބާހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. އަދި މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!
ޔާ ﷲ! އިނބަ ﷲ މިއަޅާ ދުނިޔެއަށް ފޮނުއްވެވި ސިފަ ހުތުރުވެގެން ގިނަ ބައަކު މިއަޅާ ދެކެ ފޫހިވެއެވެ! އެކަމަށް މިއަޅާ އެއްވެސް ވަރަކަށް ކަންބޮޑެއްވެސް ނުވަމެވެ! މިއަޅާގެ ހަމައެކަނި ދުޢާއަކީ އިނބަ ﷲ ގެ ރުހިވޮޑިގަތުން މިއަލާއަށް މިންވަރުކޮށްދެއްވެވުމާއި އިނބަ ﷲ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މިއަޅާގެ މަރުގެންދަވައި އަދި އެ ގޮތުގައި މިއަޅާ މަޙްޝަރުކޮށް ދެއްވެވުމެވެ! އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން