ﷲ ތައާލާ ކުރިމަތި ކުރައްވަވާ އިމްތިޙާންތަކުން ޢިބްރަތް ޙާޞިލު ނުކުރެވޭ ސަބަބު ކީރިތި ޤުރުއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ﷲ ގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.
"ޙައްޤަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަން ރަސްކަލާނގެ އާޔަތްތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއަކަށް އެއުރެންނެއް އީމާނެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާއާޔަތްކާމެދު ޣާފިލު ވެގެންވާ ބައަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 146)
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ﷲ ތަޢާލާގެ މަގު ފެނުމުން ޢަމަލުނުކުރާ މީހުން މިއާޔަތަށް ވިސްނައިލުން ބުއްދިވެރިއެވެ. އެކަލާނގެ މަގުން އެމީހަކު އެއްކިބާ ކުރައްވަވައިފިނަމަ އެމީހަކަށް ދެން ކުރިމަތިލާން ޖެހޭނެ މުޞީބާތްތަކަށް ބިރުވެތިވުން ހުއްޓެވެ.
ﷲ ތަޢާލާގެ މަގު އެމީހަކަށް ދެއްކެވުމަކީ ދެއްވަވާނެ އެންމެ ބޮޑު ނިޢްމަތެވެ. އެނިޢްމަތުގައި ކޮޅުފައިޖެހުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. ވީމާ ބުއްދީގެ ބޭނުންކޮށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިއަޅަކަށްވާން މަސައްކަތް ކުރަމާހެއްޔެވެ؟