ޙަޤީޤީ ޙާދިސާ: ކައިވެނިކޮށްގެންހުރެ ލޯބިވެރިއަކު ބަލިވެބައިންދާފައި ދަރިވައްޓާނުލުމުން މަރާލަން އުޅުނު މީހަކަށް ކުރިމަތިލާންޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ޙަޤީޤީ ޙާދިސާ: ކައިވެނިކޮށްގެންހުރެ ލޯބިވެރިއަކު ބަލިވެބައިންދާފައި ދަރިވައްޓާނުލުމުން މަރާލަން އުޅުނު މީހަކަށް ކުރިމަތިލާންޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އެދެމެފަރިންނަކީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން ދިއަ ދެމަފިރިންނެވެ. ކައިވެންޏަށް 3 އަހަރުވީއިރު ދަރިއަކުވެސް ވަނީ ލިބިފައެވެ. ދެމީހުންނަކީވެސް ވަޒީފާއަދާކުރާ ދެމީހުންނެވެ. ދެމީހުންނަށް ލިބޭ މުސާރައިން ފުދިގެން ރަނގަޅަސް ދިރިއުޅެވެއެވެ. 

ދަރިފުޅުގެ ޢުމުރުން 3 ވަނަ އަހަރު އަނބިމީހާއަށް އެނގުނީ ފިރިމީހާގެ ލޯބިވެރިއަކު ހުންނަކަމާއި ކައިވެނިން ބޭރުން އޭނާއިނީވެސް ބަލިވެ ކަމެވެ. ވަރަށް ބުރަމަސައްކަތުން އަނބިމީހާ އޭނާހޯދިއެވެ. އަދި އޭނާ އާއި ގުޅުން އުފައްދައި ގެއަށް ގެނުވިއެވެ. 

އެރޭ ފިރިމީހާ ގެއަށް އައުމުން އަނބިމީހާ އެ އަންހެންމީހާ ދައްކާފައި މިއީ ކާކުތޯ ސުވާލުކުރުމުން ބުނީ އެއީ ކާކުކަން ނުއެނގޭކަމަށެވެ. އެެހން ބުނުމާއިއެކު އެއަންހެންމީހާ ބާރަށް ރޯން ފެށިއެވެ. 

އަނބިމީހާ ފިރިމީހާ ބުންޏެވެ. "އޭނާ ނުއެނގޭނަމަ މިކިޔައިދެނީއެވެ. އެއީ ގެއެއްގައި ވަރަށް ނިކަމެތި ހާލުގައި އުޅޭ ނޯކިރީއެކެވެ. އޭނާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކަލޭގެ ނަންކިޔާ ކަލެއާއި ވަރަށް އެއްވައްތަރު މީހެކެވެ. އޭނާ އެމީހާގެ އައިޑީކާޑު ނުބަލާތީ އެއީ ކަލޭކަން ޔަޤީނެއް ނުކުރެވެއެވެ. ވީމާ އެއްވެސް މައްސަލައެއް ނެތެވެ. 

އަހަރެން ޢޭނާ އާއިމެދު ހަމްދަރުދީވަމެވެ. އެހެންވެ އަހަރެން އޭނާ މިގެއަށް މިގެނުވީ އަހަރެންގެ އެހީތެރިކަމުގައި މިގޭގައި ބައިންދާށެވެ. މިހާރު އެއިނީ އަހަރެންގެ އުޚުތަކަށް ހަދައިފައެވެ. ވީމާ އޭނާ ދެން އިންނާނީ މިގޭގައެވެ. ކަލޭވެސް އަހަރެންގެ އުޚުތަކަށް ކަންކަން ކުރާނެ ގޮތަށް އޭނާއަށް ކަންކަންކޮށްދޭށެވެ. 

އެކަމަކު އޭނާ ވިހައި ގަދަވުމުން ދަރިފުޅުގެ ޑީއެންއޭ ހަދާނަމެވެ. އަހަރެންގެ ހިތް ކަލޭގެ މައްޗަށް ސާފުވާނީ އެއިރުންނެވެ." 

އަނބިމީހާ ދެއްކި ވާހަކަތަކަށް ފިރިމީހާ ރުހުނެވެ. އޭނާ އެގޭގައި ބެއިންދުމަށްފަހު އަނބިމީހާ ފަރުވާކުޑަކޮށްލީއެއް ނޫނެވެ. ދިއައީ ވަރަށް ރަނގަޅަށް ފާރަލަމުންނެވެ. އެހެން އުޅެނިކޮށް އެއްދުވަހު ފިރިމީހާ އޮފީހުން އައިއިރު އަނބިމީހާ ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ބަދިގެއަށް ގޮސް އެއަންހެންމީހާ ގާތުގައި ބުންޏެވެ. "ދެމީހުންނަށްވެސް ސަލާމަތްވެވެން އޮތީ ދަރިފުޅު ވައްޓާލައިގެންނެވެ. އަހަރެން ހުރިހާ ޚަރަދެއްކުރާނަމެވެ. އަވަހަށް އިންޑިއާއަށް ފުރާށެވެ. އެކުގައި ދާނެ އަންހެނަކުވެސް ހަމަޖައްސައިފީމެވެ. އަވަހަށް ޕާސްޕޯޓްހަދައިލާށެވެ. ޕާސްޕޯޓް ހަދާނެ ފައިސާވެސް މިހިރީއެވެ." 

އަންހެން ކުއްޖާ ބުންޏެވެ. "ސަލާމަތްވެވޭނީ ﷲ ސަލާމަތް ކުރެއްވެވީމައެވެ. ދައްތަ އަހަރެން މިގެއިން ނެރެ މަގުމަތިކޮށްލިނަމަވެސް ތިއަކަމެއް ނުކުރާނަމެވެ. ދައްތައަކީ އެހާ ރަޙުމްކުޑަ މީހެއްވެސް ނޫނެވެ. އެއަށްވުރެ މާރަނގަޅު އަންހެނެކެވެ. ކަލޭހީކުރަނީ ކަލޭ ހެދި ދޮގުތައް ދައްތަ ޤަބޫލުކުރާ ކަމަށް ހެއްޔެވެ؟ ދައްތަ ޤަބޫލެއް ނުކުރެއެވެ. ދައްތައަށް ހުރިހާ ޙަޤީޤަތެއް ޔަޤީނަށް އެނގެއެވެ. ކަލެއަކީ މަކަރުވެރިއެއްކަން އެނގުމުން ދެން ހަނދާނެ ގޮތެއް ނުއެނގިފައި ހުއްޓައި ދައްތަ އަހަރެންނަށް ގުޅައި ދެއްކިވާހަކަތަކުން ދައްތައަކީ ރަނގަޅު އަންހެނަކުކަން އެނގުމުން ވާނީ ހުރިހާ ކަންކަން ހިނގައިދިއަގޮތް ކިޔައިދީފައެވެ. ދެންވެސް އަވަހަށް މިތަނުންދާށެވެ." 

އެވަގުތު ވަޅިއެއް އަތަށް ނަގާފައި ބުނީ ނުބައި ނުލަފާ އަންހެނާ ކަތިލާނެ ކަމަށެވެ. އެހެންބުނާއިރަށް އަނބިމީހާ ބަދިގެއަށް ވަދެ ބުނީ ދެ އަންހެނުން އެކުގައި ކަތިލުމަށެވެ. އެހެންބުނާއިރަށް އޭނާއަތުން ދޫވެގެން ވަޅި ބިންމައްޗަށް ވެއްޓިއްޖެއެވެ. ވަޅި ވެއްޓުމުން އަނބިމީހާ ބުންޏެވެ. "އަހަރެން މިހުރިހާ ކަމެއް މިގޮތަށް މިކުރީ އަހަރެން ވިހާފައިވާ ދަރިފުޅުގެ ބައްޕަ ނަރަކައަށް ވަނުން ހުއްޓުވާށެވެ. ތިއަ ދަރި ވައްޓާލައި އެކަމުގެ ފާފަ ބޮލުގައަޅާނެކަން ވިސްނޭތީ އެކަމުން ސަލާމަތްކުރާށެވެ. ވީމާ އިންޑިއާއަށް ފޮނުވައިގެން ދަރިވައްޓަން އުޅޭނެ ކަމެއް ނެތެވެ. ކޮޓަރިއަށް ގޮސް ގެންދަން ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން އަވަހަށް މިގެއިންދާށެވެ. ވަރިވެސް ކޮށްދޭށެވެ. މިއަދު ވަޅި ތިއަނެގީ އޭނާ ކަތިލާށެވެ. ތިއަވަރުގެ މީހަކު މާދަމާ އަހަރެން ކަތިލަން ވާނީ ކޮންޖެހިލުމެއް ހެއްޔެވެ؟ ކަލޭކަހަލަ މަކަރުވެރި ނުބައި ނުލަފާ ފިރިހެނުންގެ ޙާލުހުރިގޮތް މިއެނގެނީ ތިއަކުރާ ކަންކަމުންނެވެ. އަހަރެންގެ ހުއްދަ ނެތި ނަމަނަމަ މިގެއަށް ނުވަންނާށެވެ. ވަދެފިއްޔާ ފުލުހުންނަށް އަންގާނަމެވެ." 

އޭނާއަށް ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ. އޭނާއަށް ލިބޭ މުސާރައިން ތަނެއް ކުއްޔަސް ހިފައިގެން އުޅެވޭވަރުނުވާތީ ޖެހުނީ ވަޒީފާދޫކޮށްލާފައި ރަށަށްވެސް ދާށެވެ. ނުހަނު އުފަލުގައި ދިރިއުޅެމުން އައި މީހާއަށް ލިބުނީ ހުރިހާ ގޮތަކުންވެސް ބޮޑު ނިކަމެތިކަމެކެވެ.

ވިހައި ގަދަވުމުން ދެއަންހެނުން އެކުގައި އެއްރޭ ކައިވެނިކޮށް ދިރިއުޅެމުން އެގެންދަނީ ހަމައެގޭގައެވެ. ދެމީހުން ދިރިއުޅެނީ ވަރަށް އުފަލުގައެވެ. 

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއަންހެން މީހާއަށް ކައިވެނިކުރެވުނީ ފުދޭވަރެއްގެ ތަނަވަސް މީހަކާއެވެ. އޭނާ އެދިގެން އެގެ ބުރިބުރިއަށް އަޅައިދިނީ އޭނާއެވެ. 

މިއީ އަޅުގަނޑަށް ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގޭ އެކުވެރި، އަވަށްޓެރި އަންހެނެއްގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ލޯބިވެވޭ ފިރިހެނުންނަށް އިތުބާރުކޮށް ޢިއްފަތްތެރިކަން ނަގައިލެވޭ އަންހެނުންނަށް ޢިބްރަތެއްގެ ގޮތުންނެވެ. ދަސްކުރުން މުހިންމު ފިލާވަޅަކަށްވާތީއެވެ. 

ދެން ވިސްނައިލަންވީ ނިކަމެތި ޙާލުގައިޖެހޭ އަންހެނުންނަށް އެހީތެރިވުމުން ދުނިޔޭގައިވެސް ލިބޭ ފައިދާއަށެވެ. އެއަނހެންމީހާ ޙާލުގައި ޖެހުނު ދުވަހު އެހީތެރިވިކަން އެވީ އޭނާއަށް ބުރިބުރިއަށް ގެއެޅެން މެދުވެރިވި ސަބަބަށެވެ.

 

- ޛުލްފިޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން