ނަމާދުގަ ޚުޝޫޢަތްތެރިވުމަށް އެންމެ ފުރަތަމަވެސް އިޞްލާޙްކުރަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނަމާދުގަ ޚުޝޫޢަތްތެރިވުމަށް އެންމެ ފުރަތަމަވެސް އިޞްލާޙްކުރަންޖެހޭ ބައެއް ކަންކަން-

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.

"ނަމާދުގައި ޚުޝޫޢަތްތެރިވުމަށްވެސް އަދި ހިތަށް ހަމަޖެހުން ލިބެން އެދޭނަމަ ވެސް ހިތުން ރުޅިވެރިކަމާއި ނަފްރަތާއި ހަސަދަވެރިކަމާއި އެހެން މީހުން ކުށްވެރިކުރުމާއި އެހެން މީހުންގެ ކުށް ހޯދުން ހުއްޓައިލާށެވެ! އެކަންކަން ހިތުގައި އޮންނަ ނަމަ އެއްވެސް ވަގުތަކު ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ!"

މި ބަސްފުޅަށް ފުންކޮށް ވިސްނައިލާށެވެ. މިބަސްފުޅުގައި އެވާފަދައިން މީހެއްގެ ހިތުގައި " ރުޅިވެރިކަމާއި ނަފްރަތާއި ހަސަދަވެރިކަމާއި އެހެން މީހުން ކުށްވެރިކުރުމާއި އެހެން މީހުންގެ ކުށް ހޯދުން" އޮތްނަމަ އަބަދުވެސް ހުރެވޭނީ އެކަންކަމަށް ވިސްނުމުގައެވެ. ނަތީޖާއަކަށްވާނީ ނަމާދަށް ހުންނައިރުވެސް އެކަންކަމަށް ވިސްނި ނަމާދުގައި ޚުޝޫޢަތްތެރިނުވެވުމެވެ.

ޙަސަދަވެރިކަމަކީ އަލިފާން ދަރު އަންދައިލާ ފަދައިން ތިމާ ކުރާ ހެޔޮ ޢަމަލުތައް އަންދައިލާ އެއްޗެއްކަމަށް ނުވަތަ ކަމެއްކަމަށް ޙަދީޘްފުޅުގައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ. ޚުޝޫޢަތްތެރިވާން މަސައްކަތް ނުކުރެވޭނަމަ އެމީހަކަށް އޮތީ ކޮން ނަމާދެއްހެއްޔެވެ؟

މިބުނި ހުރިހާ ކަމެއްގެވެސް ޙައްލަކީ މީސްތަކުންނަށް މާފުކުރާ މީހަކަށްވުމެވެ. އެމީހަކު ކުރި ނުބައިކަން އެމީހަކަށް ދޫކޮށްލާށެވެ. އެމީހަކަށް މާފުކޮށް އެކަން ހިތުން ފުހެލާށެވެ. މާފުކުރުމުން ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން