ސުވަރުގޭގައި 100 ދަރަޖަ ވެއެވެ. އެއިން ކޮންމެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާހައިވަރުގެ ޖާގަވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސްއެވެ. އަހަރެމެން މަސައްކަތްކުރަންވީ އެކަމަކަށް އެދި އެންމެ ގިނައިން ދުޢާކުރަންވީ ފިރުދައުސް ދެއްވެވުން އެދިއެވެ. ﷲ ތަޢާލާގެ ޢަރުޝިކޮޅު ވަނީ ޖަންނަތުލްފިރުދައުސްގެ މަތީގައެވެ.
He said:
“Paradise has one hundred grades, each of which is as big as the distance between heaven and earth. The highest of them is Firdaus and the best of them is Firdaus. The Throne is above Firdaus and from it spring forth the rivers of Paradise. If you ask of Allah , ask Him for Firdaus.”
މީސްތަކުންނޭވެ! ދުނިޔޭގެ ދަހިވެތިކަމުގައި މިއަދު އަހަރެމެން މިވަނީ ޣާފިލުވެފައެވެ. މިހެން ކިނަ މެދުވެރިވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
"އަދި ތިއަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި اﷲ ގެ ޙަމްރަތުގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިއަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟" (އަލް ޤަޞަޞް: 60)
މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް ދުނިޔޭގައި އުފަލުގައި އުޅެންވެސް ބޭނުންވާނެއެވެ! ނަމަވެސް އެކަމަށް އެދިގެން ކުރާ މަސައްކަތުގެ ސބަބުން "ފިރްދައުސް" ހޯދަން ކުރަންޖެހޭ މަސައްކަތް އުނި ނުކުރާށެވެ! އަދި ކިއެއްތަ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ، "ފިރުދައުސް" ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ދުނިޔެ ވެސް ލިބޭނީ އެއިރުންނެވެ.
ފިލާވަޅުތައް ދަސް ނުކުރާ ދަރިވަރަކަށް އޭ ފާސް ލިބުމަށް އުންމީދުކުރުމަކީ މޮޔަ ކަމެކެވެ. ހަމަ އެފަދައިން އާޚިރަތް ކާމިޔާބުކުރަން މަސައްކަތް ނުކުރާ މީހަކު ސުވަރުގެ ލިބޭނެ ކަމަށް އުންމީދު ކުރުމަކީވެސް ހަމަ އެފަދަ ކަމެކެވެ. އިމްތިޙާނުން ފާސްވާނީވެސް ރަނގަޅު ނަތީޖާއެއް ލިބޭނީވެސް ފިލާވަޅުތައް ދަސްކޮށްގެން ކަމަށްވެފައި ސުވަރުގެ ލިބޭނީ އެކަމަށް އެދިގެން މަސައްކަތްކުރުމުން ކަމުގައިވާތީއެވެ.
މިކަންކަމަށް ވިސްނަނަީ ވަރަށް މަދު މީހެކެވެ. ގިނަ ބަކަށް ހީވެފައި އޮންނަނީ ތިމާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހެއް ކަމަށް ދުލުން ބުނުމުން ސުވަރުގެ ވަދެވޭނެ ކަމަށެވެ. ﷲ އިރާދަ ކުރައްވަވައިފި އަލަކު ސުވަރުގެ ވެއްދެވުމަކީ މުޅިން ތަފާތު ކަމެކެވެ. ނަމަވެސް ސުވަރުގެ ލިބުން ވަނީ އެކަމަށް އެދިގެން އެމީހަކު ކުރި މަސައްކަތުންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
"ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢްމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ." (އައްސަޖްދަ: 17)
މިއާޔަތުން އެނގިގެން މިދަނީ ސުވަރުގެ އާއި ސުވަރުގޭގެ ނިޢްމަތްތައް ލިބުން ވަނީ އެކަމަށް މަސައްކަތްކުރުމުން ކަމެވެ. އެކަމަށް އެދި ގަދައަޅައި ކުރާ މަސައްކަތުން ކަމެވެ. ވީމާ ތިމާއަކީ މުސްލިމެއް ކަމަށް ދުލުން ބުނެލުމަކުން ސުވަރުގެ ލިބޭނެ ކަމަށް އުންމީދު ކުރުމެއް ނެތްކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން