ރަސޫލް (ﷺ) ގެ ޙަދީޘްފުޅުގައި އޮތީ ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ނުކޮށް ނުކޮށް ދޫކޮށް ނުލުމަށެވެ. އެއީ އަޚާގެ ކުރިމަތީގައި ހިނިތުންވެލުން ނަމަވެސް މެއެވެ.
ވީމާ ކަމަކީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް އެއީ ހެޔޮ ޢަމަލެއް ނަމަ ނުކޮށް ދޫކޮށްނުލާށެވެ. ޤިޔާމަތް ދުަވހު ތިބާގެ ޢަމަލުތައް މީޒާނުގައި ކިރައިލެއްވޭނެ ވަގުތު ހެޔޮކަމުގެ ކޮޅަށް ބަރުކޮށް ތިބާ ސުވަރުގެ ވައްދާނެ ޢަމަލަކީ އެކުޑަކުޑަ ޢަމަލުކަމަށްވެދާނެއެވެ!
އެކަކު އަނެކަކަށް ހިތްވަރުދިނުމާއި ހެޔޮ ޢަމަލުތައް ކުރަން ނަޞޭޙަތްދީ މަގުފަހިކޮށް ދިނުމަކީވެސް ދަރުމަ އާއި ޘަވާބު ލިބިގެންދާނެ ކަންކަމެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދުކުރަން ހަނދާންކޮށް ދިނުމަކީވެސް ހަމަ އަޅުކަމެކެވެ.
އެއްބައަކަށް މިފަދަ ކަންކަން ފެންނާނީ ވަރަށް ކުދިކުދި ކަންކަމުގެ ގޮތުގައެވެ. ޙަޤީޤަތަށް ބަލައިފިނަމަ މިއިން އެއްވެސް ކަމަކީ ކުޑަކުޑަ ކަމެއްވެސް ނޫނެވެ. އެހެނީ ތިބާ ހަނދުމަކޮށްދިނުމުން ނުވަތަ ތިބާ ބާރުއަޅައިގެން މީހަކު ހެޔޮކަމެއް ކޮށްފިނަމަ އެކަމަށް އޭނާއަށް ދެއްވަވާ ޘަވާބުން އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި ތިބާއަށްވެސް ޘަވާބު ދެއްވަވާތީއެވެ! ވީމާ ތިބާގެ ހެޔޮކަމުގެ ކޮޅަށް ބުރަވެގެންދާނެ މިންވަރު ހިތަށް ގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން