އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބެލެނިވެރިން އެމީހުންގެ ދަރިން ޤުރްއާން ކްލާސްތަކަށް ގެންދެއެވެ. ތަޖްވީދުމަގުން ރިވެތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދޭން މަސައްކަތްކުރެއެވެ. އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރެއެވެ. އެހެންކަމުން ވިސްނައިލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ.
ގޭގައި ތިބެ އަބަދު ފިލްމްބަލާނަމަ އެއީ ވަރަށް ދެރަކަމެކެވެ. ފިލްމުބެލުމުގެ ބަދަލުގައި ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމަކީ ރިވެތިކޮށް ކީރިތި ޤުރްއާން ކިޔަވަން ފަރިތަކުރުމެވެ. ދަރިންގެ ކުރިމަތީގައި މައިންބަފައިންވެސް ޤުރްއާން ކިޔެވުމެވެ. އެކަމަށް ވަގުތުކޮޅެއް ހޭދަކުރުމެވެ.
މައިންބަފައިންނަށް ރިވެތިކޮށް ކިޔަވަން ދަސްވެފައި ނެތްނަމަ ފުރަތަމަ ޤާރީއެއްގެ ކިޔެވުން އަޑުއަހާށެވެ! އަޑުދަށުން ކިޔަވާށެވެ! އެއަށްފަހު އެކަނިވެސް ކިޔަވާށެވެ! ފުރަތަމަ އެންމެ ރަނގަޅުވާނީ އާޔަތަކުން އާޔަތަކުން ކިޔެވުމެވެ. ޤާރީ ކިޔަވާ ގޮތަށް އެންމެ އާޔަތެއް ނަމަވެސް ކިޔަވަން ދަސްކުރަން މަސައްކަތްކުރުމެވެ.
ޤުރްއާން އުނގެނުމަކީ ވަކި ޢުމުރަކަށް އޮތްކަމެއް ނޫނެވެ. މަރުވަންދެންވެސް ކުރަން އޮތް ކަމެކެވެ. ޤުރްއާން އުނގެނެން މައިންބަފައިން މަސައްކަތްކުރާތަން ދަރިންނަށް ފެންނަނަމަ ދަރިންނަށް އެކަމުން ހިތްވަރުލިބޭނެއެވެ. އުނގެނެން ޝައުޤުވެރިކަން އިތުރުވާނެއެވެ.
ވީމާ ފިލްމްބެލުމާއި ގޭމްކުޅުމާއި ސޯޝަލްމީޑިއާގައި ވަގުތުހޭދަކުރުން މަދުކުރާށެވެ! ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާށެވެ! ބެލެނިވެރިން ބޭނުންވާ ރަނގަޅު ގޮތަށް ދަރިން ތަރުބިއްޔަތުކުރެވޭނީ އެއިރުންނެވެ.
--ޑރ. ޢަލީ ނިޟާމް