ކެތްތެރިކަން އޮއްސަވާދެއްވަވައި މުސްލިމުން ކަމުގައި އަޅަމެން މަރުގެންދެވުން އެދި ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކެތްތެރިކަން އޮއްސަވާދެއްވަވައި މުސްލިމުން ކަމުގައި އަޅަމެން މަރުގެންދެވުން އެދި ކުރަން އޮތް ދުޢާ-

އެންމެންވެސް މިއަދު އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ކެތްތެރިކަމަށެވެ. ދިރިއުޅުމުގައި ކުރިމަތިވަމުން މިއަންނަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ކަންކަމަށެވެ. މާލީ ދަތިކަމަށެވެ. ހިތަށް ލިބެމުން އަންނަ ވޭންތަކަށެވެ! ޒަވާޖީ ޙަޔާތުގައި ކުރިމަތިވަމުން އަންނަ މައްސަލަތަކަށެވެ. ދަރިންގެ ސަބަބުން އުފުލަންޖެހޭ ތަކްލީފްތަކަށެވެ. 

އެންމެންވެސް އެންމެ ބޮޑަށް ކަންބޮޑުވަނީ މަރުގެންދަވައިފާނެ ގޮތަކާއިމެދުގައެވެ. މަރުގެންދަވައިފާނެ ޙާލަތާއިމެދުގައެވެ. މިއަދު މިކަންކަމަށް މިވަނީ ކަންބޮޑުވުން އިތުރުވެފައެވެ! ގަދަވެ ސަލާމަތުން ހުރެ ގެއިން ނުކުމެގެންދާ މީހާއަށް އެކްސިޑެންޓެއްވެ ގެއަށް އަނބުރައި ނާދެވި މަރުވާން ޖެހުމުގެ މައްސަލަތައް މިދަނީ އިތުރުވަމުންނެވެ. ކުއްލިއަކަށް ހާޓްއެޓޭކްޖެހުންވެސް މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އަދި ކީއްހެއްޔެވެ؟ ބޮޑެތި ބަލިތައް ޖެހުން މިދަނީ ގިނަވަމުންނެވެ. އެފަދަ ކަންކަމުގެ ހިތްދަތިކަން އެންމެންވެސް މިގެންދަނީ އިޙްޞާޞްކުރަމުންނެވެ. 

މި ޙާލަތަކީވެސް ކުރިމަތިވާން އޮތް ޙާލަތެއްކަން ﷲ ތަޢާލާ އެންމެ ކުރިންސުރެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން މިޙާލަތުގައި ދުނިޔޭގައި އުޅޭ މީހުންނަށްޓަކައި ﷲ ތައާލާ ވަނީ މާކުރިންސުރެ ހަދިޔާތައް ދެއްވަވައިފައެވެ. މިއީ އެކަންކަމަށް ވިސްނައި ބަލައިގަނެ ޝުކުރުވެރިވާންވީ ވަގުތެވެ! 

އަލްއަޢްރާފް  ސޫރަތުގެ 126 ވަނަ އާޔަތުގައިވާ މި ދުޢާ އާއި މިފަދަ އެހެން ދުޢާތައްވެސް ކުރަމުން ގެންދާށެވެ! 

رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!" 

ހަމައެކަނި މިދުޢާކުރުމަކުން ނުފުދޭނެއެވެ. ތިމާގެ ޢަމަލުތައްވެސް އެގޮތަށް (ރަނގަޅުގޮތުގައި) ބަހައްޓަން މަސައްކަތްކުރަންވާނެއެވެ. ދުޢާކުރުމުގެ ފައިދާކުރާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން