ޙަޤީޤީ ޙާދިސާ: ކެންސަރު ޖެހުމުން ފިރިމީހާ ގާތުގަ ބުނާނެ ފުރުޞަތު ނުލިބުމުން މޫނުބަލާ ލޯގަނޑުކައިރީގަ ބުނަމުންއައި އަންހެނަކަށް ޝިފާ ލިބުމުން ޑޮކްޓަރުން ވީޙައިރާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 3ސ
ޙަޤީޤީ ޙާދިސާ: ކެންސަރު ޖެހުމުން ފިރިމީހާ ގާތުގަ ބުނާނެ ފުރުޞަތު ނުލިބުމުން މޫނުބަލާ ލޯގަނޑުކައިރީގަ ބުނަމުންއައި އަންހެނަކަށް ޝިފާ ލިބުމުން ޑޮކްޓަރުން ވީޙައިރާން!

އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަތައް އެއްވެސް މީހަކަށް ކިޔައިދިނުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެންވެ އެއްވެސް އެކުވެރިއަކަށްވެސް ކިޔައެއް ނުދެމެވެ. ނަމަވެސް ކޮންމެވެސް ސިފައެއްގައި މިވާހަކަތައް ބޭރުކޮށްނުލައި ހުރުމަކީ އުނދަގޫކަމަކަށްވުމުން މިކިޔައިދެނީއެވެ.  

އަޅިގަނޑާއި ނީޒް އާއި ދެމީހުންނަކީ ސްކޫލް އިރުންސުރެ ދެލޯބިވެރިންނެވެ. ސްކޫލް ނިންމައި ކޮލެޖުވެސް ނިންމައި އަދި ވަޒީފާއަދާކުރަންފެށުމާއިއެކު ދެމީހުން ކައިވެނިކުރީއެވެ. ނަމަވެސް ލޯބިން އުޅެވުނީ ކުޑަ ދުވަސްކޮޅަކުއެވެ. އަޅުގަނޑަށް ގޯޅި އެޅިއްޖެއެވެ. ލޯބިވެރިއަކު ހޯދިއްޖެއެވެ. ނީޒްއަށް ދެވޭ ވަގުތު މަދުކުރެވެން ފަށައިފިއެވެ.

ކައިވެނީގެ 2 ވަނަ އަހަރު ބަލިވެއިނދެއްޖެއެވެ. ބަލިވެއިނުމުންވެސް ދޭންޖެހޭ ލޯތްބެއް ނުދެވުނެވެ. ކަންކަން ކުރެވުނީ ވަރަށް ފަރުވާކުޑަގޮތަކަށެވެ. ގިނަ ދުވަސްދުވަހު ގޮވައިގެން ހޮސްޕިޓަލަކަށްވެސް ނުދެވެއެވެ. ދިއައީ ނީޒް އެކަންޏެވެ.

ވިހަންވެސް ދިއައީ އެކަންޏެވެ. ހޮސްޕިޓަލަށް ދެވުނީ ވިހެއުމުގެ ހުރިހާ ކަމެއް ނިމިގެން ކޮޓަރިއަށް ދެމައިން ގެންދިއަފަހުންނެވެ. ޙަޤީޤަތުގައި މަޑުކުރަންވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް އަޅުގަނޑު ދިއުމުން މަންމަމެން ކާންދިއައީތީ އަންނަންދެން މަޑުކުރަން މަޖުބޫރުވީއެވެ.

މަޑުކޮށްގެން އިންދައި ޑޮކްޓަރު އައިސް ވާހަކަދައްކަން ފެށިއެވެ. "ނީޒްއެވެ. އަހަރެން ބުނި ބަސް ނީޒް ޤަބޫލުނުކުރީއެވެ. އަހަރެންމީ ނީޒް ނަމަ ވިހެއުމަށްވުރެ އިސްކަން ދިނީހީ އަމަިއްލަ ފުރާނައަށެވެ. ނަމަވެސް ނީޒް ބޭނުންވީ ކޮންމެ ގޮތަކުންވެސް ވިހާށެވެ. އެކަންމިނިމުނީއެވެ. ދެންވެސް އަވަހަށް ފުރައިގެންދާށެވެ. އަދިވެސް ފަރުވާ ހޯދުން އަވަސްކޮށްފިނަމަ ފުރުޞަތު އެބައޮތެވެ. ނަމަވެސް ލަސްކޮށްފިނަމަ ތިއަވަރުން ވިހޭ ދަރިފުޅަށް މަންމަ ފެނުމަކީ ދުރުކަމެކެވެ. ނީޒްވަރަށް ހިތްވަރުގަދައެވެ. ދެންވެސް ހިތްވަރުކުރާށެވެ. ފުރާނަ ސަލާމަތްކުރަން މަސައްކަތް ނުކުރުމަކީ ޤިޔާމަތްދުވަހުވެސް ކުށްވެރިވާނެ ކަމެކެވެ. ޓޭކް ކެޔާ." ބުނެފައި ޑޮކްޓަރު ނުކުމެގެންދިއައީއެވެ.

ޑޮކްޓަރު ނުކުމެގެންދިއުމުން ޑޮކްޓަރު އެދެއްކި ވާހަކަތަކާއިބެހޭގޮތުން ނީޒް އާއި ސުވާލުކުރުމުން ބާލީސްދަށުން ނަގާފައި ދިއްކޮށްލީ ފައިލެކެވެ. ބަލައިލިއިރު ނީޒްއަށްވަނީ ބްރެސްޓް ކެންސަރު ޖެހިފައެވެ. ދިއައީ އިދިކަޅި އަރައިގެންނެވެ. ނުބުނެ ތިއަހުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ.

"އަހަރެން ބުނާނީ ކިހިނަކުންހެއްޔެވެ؟ އަހަރެންނާއި ވާހަކަދައްކަން ވަގުތެއްވޭހެއްޔެވެ؟ ގޮވައިގެން ޑޮކްޓަރަށް އާދެވުނުހެއްޔެވެ؟ އަހަރެންނާއި ބައްދަލުވަނީ ޑްރެސިންގޓޭބަލްގެ ލޯގަނޑެވެ. އެލޯގަނޑަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކިޔައިދިނީމެވެ."

ނީޒްގެ ވާހަކަތަކަށް ދޭނެ އަދި ދެވޭނެ ޖަވާބެއް ނެތުމުން އަނގައިން ނުބުނެ އިރުކޮޅަކު ހުރެފައި ބުނީމެވެ. "ނީޒްއެވެ! އަހަރެންނަކީ ވަރަށް ބޮޑުކުށްވެރިއަކީމެވެ. މިހިސާބުން މިބަދަލުވީއެވެ. ނީޒްގެގާތުން ދުރަކަށް ނުދާނަމެވެ. ހޮސްޕިޓަލުން ނުކުންނަ ގޮތަށް ފުރާނީއެވެ. ހުރިހާ އިންތިޒާމުތަކެއްވެސް ހަމަޖައްސާނަމެވެ."

އެހިސާބުން އަޅުގަނޑުގެ ހުރިހާ ސަމާލުކަމެއް ނީޒްއަށް ދިނީމެވެ. ބޭސްފަރުވާއަށް ބޭނުންވާނެ ފައިސާވެސް އެގޮތް މިގޮތުން ހޯދައިގެން ނީޒް ގޮވައިގެން އިންޑިއާއަށް ދިއައިމެވެ. ޓެސްޓްތައް ހަދާފައި ބުނީ ބަލީގެ ސްޓޭޖް ބަދަލުވެފައިވާ ކަމަށެވެ. އެއްވެސް އުންމީދެއް ނެތް ކަމަށެވެ. ބޮޑެތި ޚަރަދުތަކެއް ކުރުމުގެ ބޭނުމެއްވެސް ނެތްކަމަށެވެ.

އެހެންކަމާއިއެކުގައިވެސް ފަރުވާއަށް ފެށީމެވެ. އަޅުގަނޑުގެ އިހްމާލުން ނީޒް ދުނިޔެ ދޫކުރަން ޖެހިއްޖެނަމަ އެކަމުގެ އަގު އަދާކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެތީ އަބަދު ހުރެވުނީ ހިތާމަކުރުމުގައެވެ. ކޮންމެ ގޮތެއްވީނަމަވެސް އެބަލީގައި ނީޒް ދުނިޔެ ދޫކޮށްފިނަމަ ވާނީ އަޅުގަނޑުގެ އިހްމާލުން މެދުވެރިވި ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރާތީއެވެ. ތުއްތު ދަރިފުޅު ބޮޑުވެ މަންމައަށްވީ ގޮތާއިމެދު ސުވާލުކުރާ ދުވަހު ދޭނެ ޖަވާބެއް ނެތީތީއެވެ.

ކޮންމެއަކަސް ކަންތައް މެދުވެރިވީ ޑޮކްޓަރުން ބުނި ގޮތަކަށްވެސް ނޫނެވެ. ﷲ ގެ ރަޙްމަތްފުޅު ކިތަންމެހައިވެސް ބޮޑެވެ. ރިކަވަރީ ވަރަށް ސްލޯއެވެ. ނަމަވެސް އައީ ޝިފާލިބެމުންނެވެ. ޝިފާލިބެން ފެށުމުން ޑޮކްޓަރުންވެސް ޙައިރާންވިއެވެ.

ފަރުވާ ދިނުމުގައި ކުރިމަތިވި މައްސަލަތަކާއި ހުރިހާ ކަންކަމަށް ފަރުވާލިބިގެން މާލެއާދެވުނީ 14 މަސްދުވަހު އިންޑިއާގައި ތިބުމަށްފަހުގައެވެ. އެއިގެ ފަހުން މިހާރު 13 އަހަރުވީއެވެ. އަބަދު މިބަހައްޓަނީ ނީޒް ހިނިތުންކުރުވާފައެވެ. މުސްކުޅިން ބުނާފަދައިން ރަންއުނދޯއްޔެއްގައި ނީޒްގެ މުޅި އުމުރަށް ގެންގުޅެވުނަސް އަޅުގަނޑުގެ އިހްމާލުން ދެރި ދަރަނި އަދާކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ލޯބިވެގެން ކައިވެނިކުރުމަށްފަހު އަޅުގަނޑަށް ކަންކަން ކުރެވުނު ގޮތަށް ކަންކަން ނުކުރާށެވެ! ނަޞީބް ރަނގަޅުކަމުން އަޅުގަނޑަށް ނީޒް އަނބުރައި ލިބުނު ނަމަވެސް ނީޒްއަކީ އިތުރަށް ދުނިޔޭގައި ހުންނާނެކަމުގެ އެއްވެސް އުންމީދެއް ނެތި ދިއަ އަންހެނެކެވެ. މަރުވާނީ އެކަމުގެ ވަގުތު ޖެހުމުން ކަމަށްވާތީ މަރުނުވީއެވެ.

އަޅުގަނޑަށް ލިބުނު ފިލާވަޅަކީ އަނބިމީހާދެކެ ލޯބިވާންވީ ޙާލު ސީރިއަސްވުމުން ނޫންކަމެވެ. ކައިވެންޏަށްފަހު އަޅުގަނޑަށް ކަންކަން ކުރެވުނު ގޮތަށް ކަންކަން ކުރެވުމަކީ ފަހުން ކިތަންމެ ބޮޑު ހިތާމައެއްވެސް ކުރަންޖެހިދާނެ ކަމެއްކަމެވެ. އަޅުގަނޑަށް ނީޒްގެ ޙާލު އެނގުނު ފަހުން އަޅުގަނޑުކުރި ހިތާމަ ދެނެވޮޑިގެންވާނީ ހަމައެކަނި ހުރިހާ އެންމެންގެ ހުރިހާ ކަންކަން ދެނެވޮޑިގެންވާ ﷲ އެވެ.

މޫސާ ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން