ވާހަކަ ނުދެއްކޭ ތުއްތު ކުއްޖަކު، ރަސްގެފާނުގެ އަމުރަށް އަލިފާންގަނޑަށް އެއްލާލަން އުޅުމުން ފަސް ނުޖެހެން ކުއްޖާގެ މަންމައަށް ހިތްވަރުދިން ވާހަކަ! އަލްބުރޫޖު ސޫރަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ވާހަކަ ނުދެއްކޭ ތުއްތު ކުއްޖަކު، ރަސްގެފާނުގެ އަމުރަށް އަލިފާންގަނޑަށް އެއްލާލަން އުޅުމުން ފަސް ނުޖެހެން ކުއްޖާގެ މަންމައަށް ހިތްވަރުދިން ވާހަކަ! އަލްބުރޫޖު ސޫރަތުން

އަލިފާނުން އަންދައިލުމަށްޓަކައި އަލިފާން ރޯކޮށްފައިވާ ވަޅުގަނޑަކަށް އެއްލައިލަން އަންހެނަކާއި އޭނާގެ ވާހަކަ ނުދެއްކޭ ތުއްތު ދަރިފުޅު ގެންދެވުނެވެ. އެއީ އެއަންހެން މީހާއަކީ ކަލަކު ކަމަށް ދައުވާ ކުރަމުން ދިއަ ރަސްގެފާނުގެ ކަލާނގެވަންތަކަން ޤަބޫލުނުކޮށް، ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ހުރި އަންހެނަކަށް ވީތީ އެވެ.

މައިންނަކީ ދަރިންގެ މައްޗަށް ހިތުގައި ޚާއްޞަ އޯގާތެރިކަމަކާއި ލޯތްބެއް ލިބިގެންވާ ބައަކަށްވާތީ އަލިފާނަށް އެއްލައިލަން އުޅުނު ވަގުތު ދަރިފުޅުގެ މޫނަށް ބަލައިލުމަށްފަހު ފަސްޖެހެވޭ ގޮތް ވިއެވެ. (އީމާންކަމާއި ދުރަށް ޖެހެވެން، ބޭރުފުށަށް ނަމަވެސް އުޅެވުނެވެ.)  

އެ ކުއްޖާއަކީ ވާހަކަ ޢާންމުކޮށް ނުދެކެވޭ އުމުރުގައި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވެވި 3 ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. 2 ވަނަ ކުއްޖަކީ ޢީސާގެފާނެވެ.  

އެހިނދު އެ ކުއްޖާ އޭނާގެ މަންމައަށް ބުންޏެވެ. "ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ދާދި ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ."  

ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާތީ އަންދައިލެވުނު އެންމެންނަކީ ޝަހީދުންނެވެ. ބަރުޒަޚުގެ ޢާލަމުގައި އެމީހުންނަކީ ދިރިތިބި ބައެކެވެ. އެމީހުންނަކީ ޤިޔާމަތް ދުވަހު ޝަޙީދުންގެ ދަރަޖަ ލިބުމުގެ އުފާވެރިކަން ލިބިގެންދާނެ ބައެކެވެ.  

މިވާހަކަ އާއި މިފަދަ އެތައް ހާދިސާތަކެއްގެ ވާހަކަތައް ހިމެނޭ އަލްބުރޫޖު ސޫރަތުގެ ތަފްސީރު ބަޔާންކުރައްވަމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތް ކުރާ މީހުން ދެކެ އަބަދުވެސް ނުބައި ނުލަފާ ޖައްބާރުވެރިން ނަފްރަތު ކުރާނެ ކަމަށެވެ. އަދި ހެޔޮލަފާ ޞާލިޙް ވެރިން ދީނުގެ ޢިލްމުވެރިންނަށް ޤަދަރުކޮށް ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތްކުރާ މީހުން ދެކެ ލޯބިވާނެ ކަމަށެވެ. އިސްލާމް ދީނަށް އިޙްތިރާމް ކރާނެ ކަމަށާއި އިސްލާމް ދީނުގެ މަގަށް ގޮވާލާ މީހުން ދެކެ ލޯބިވާނެ ކަމަށެވެ.  

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ އެ ސޫރަތުގައި ހިމެނޭ، ރަސްގެފާނުގެ ކަލާނގެވަންތަކަން ޤަބޫލުނުކުރި މުއުމިނުން އަލިފާންރޯކޮށްފައިވާ ވަޅުގަނޑަކަށް އަޅައި އަނދައިލި ގޮތުގެ ތަފްސީރު ބަޔާންކުރައްވަމުންނެވެ. އެމީހުން ވަޅުގަނޑަށް އުކައި އަނދަމުން ދިއައިރު އެތަން ބަލައި ހީނ އުފާކުރަން ތިބި ނުބައި ނުލަފާ ޖައްބާރުންގެ ވާހަކަތައް ބަޔާންކުރައްވަމުންނެވެ.  

"ވަޅުގަނޑުގެ އެކުވެރިންނަށް ލަޢްނަތް ލެއްވިއެވެ. (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. މުއްމިނުންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި ޙާލުގައެވެ. އަދި ޢަޒީޒް ވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲ އަށް އެއުރެން އީމާންވާކަމަށްޓަކައި މެނުވީ، އެ ކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްބުރޫޖް: 4،5،6،7،8،9)

ދަރުސްގެ ވީޑިއޯ:  

 

މިއަދު އޮންލައިން