ބުރައަކާ ނުލާ ޘަވާބު ފުނިވަރުތަކެއް ހިފައިގެން އާޚިރަތަށްދެވިދާނެ ކުޑަކުޑަ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބުރައަކާ ނުލާ ޘަވާބު ފުނިވަރުތަކެއް ހިފައިގެން އާޚިރަތަށްދެވިދާނެ ކުޑަކުޑަ ޢަމަލެއް!

ﷲ ގެ ވަހީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫ ކުރުން، ހެޔޮކަން މާބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމް ވަންތަ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 263) 

މިއާޔަތުގެ މަތިން ބައެއްފަހަރު ޚުޠުބާތަކުގައިވެސް ހަނދާންކޮށްދެއެވެ. ވަރަށް ދަރުސްތަކުގައިވެސް ޢިލްމުވެރިން ތަފްސީރު ވިދާޅުވެދެއްވައެވެ. ނަމަވެސް ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން ކުރުގޮތަކަށް މިއާޔަތަށް ބަލައިލާނަމެވެ. 

މި އާޔަތުން އެނގިގެން މިދަނީ ރަނގަޅު ހެޔޮ ބަހެއް ބުނުން، ހެޔޮ ނަޞޭޙަތެއް ދިނުމާއި މީސްތަކުންނަށް ޢަފޫކުރުމުގެ މަތިވެރިކަމެވެ. މާލީ ޙާލަތު ހުންނަ ގޮތުން ޞަދަޤާތް ދޭން އުނދަގޫ ޙާލަތުގައި ހުރި ނަމަވެސް މީސްތަކުންނަށް ހެޔޮ ބަސް ބުނެ، ހެޔޮ ކަންކަން ކުރަން ނަޞޭޙަތް ދެވިދާނެއެވެ. އަދި އެހެން މީހުންނަށް ކުރެވޭ ކަންކަމަށް މާފުވެސް ކުރެވިދާނެއެވެ. އެކަންކަން ކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ! 

ވީމާ ހެޔޮ ބަސްތައް ބުނުން ގިނަކުރާށެވެ! ލިބޭ ކޮންމެ ފުރުޞަތެއްގައި ހެޔޮ ނަޞޭޙަތްދޭށެވެ! މި އާޔަތުން އެނގިގެންއެދަނީ އެއިރުން އެކުރެވެނީ ކިހައި މަތިވެރި އަމަލެއްކަމެވެ 

ހަމަ އެއާއިއެކު މީސްތަކުންނަށް ރުޅިވެރިކަމާއި ޙަސަދަވެރިކަން ނުބޭއްވުމުގެ މުހިންމުކަން ވެސް އެނގިގެންދެއެވެ. މީހަކަށް ހަސަދަލައިގެން ހުއްޓައި މަރުވެއްޖެ ނަމަ ހަމަ ޔަޤީނުންވެސް އެމީހާއަށް މާފުކުރުމުން ލިބެން އޮތް ސަވާބެއް ނުލިބޭނެއެވެ! އަދި އެކަމުން ކުރާނެ ފައިދާއެއްވެސް ނެތެވެ. ވީއިރު ލިބެން ހުރި ގިނަގުނަ ސަވާބުތައް ނުހޯދައި ދޫކޮށްލަންވީ ކީއްވެގެން ހެއްޔެވެ؟ 

އެންމެ ބޮޑުކަމަކަށް ވިސްނައިލަންވީ މީސްތަކުންނަށް ހެޔޮބަސްބުނެ ހެޔޮ ނަޞޭޙަތްދީ ހަދާނަމަ އަތުން ޚަރަދެއް ނުކޮށް ބުރައެއް ނުއުފުލައި ޤިޔާމަތް ދުވަހު ތިމާއާއިއެކުގައި ގެންދެވިދާނެ ޘަވާބުފުނިތަކާއިމެދުގައެވެ. އެފުނިތައް ވީހައި ބޮޑުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ކޮންމެ މީހަކަށްވެސް އެނގޭ ނުވަތަ ވިސްނޭ މިންވަރަކުން އަނެކާއަށް ހެޔޮ ނަޞޭޙަތްދެވޭނެއެވެ. އެކަންކުރާކަށް އެއްވެސް މީހަކަށް އެއްވެސް ހުރަހެއް ނެތެވެ.

 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން