"ވެއްޓުނީތީ ތެދުވެ ހިނގައި ނުގަނެވޭނެ ކަމަށް ދެކޭ މީހާއަށްވުރެ ބަލިކަށި މީހަކު ނުވެއެވެ. ވެއްޓެނީ ވެއްޓުމުން ތެދުވެ ހިނގައި ގަންނަން ކުރާ މަސައްކަތް ދައްކަން ފުރުޞަތު ދިނުމުގެ ގޮތުންނެވެ! ކުރިމަތިވާ މައްސަލަތަކުން އަރައިގަނެވޭނީ މިބުނި ވިސްނުމުގައި ދުނިޔޭގަ އުޅެން މަސައްކަތްކުރާ މީހުންނަށެވެ!"
މިއީ ދުނިޔޭގެ މަޝްހޫރު ފިލޯސަފަރަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅު ގުޅުވާލަން މިއުޅެނީ ކައިވެނި ރޫޅުމުން ދެން އިތުރު ކައިވެންޏެއް ނުކުރަން ނިންމައިގެން ތިބޭ މީހުންނަށެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. އަންހެނުންގެ ތެރެއިންވެސް ހެޔޮލަފާ އަންހެނުންނަށެވެ.
ތިއަކަނބަލުން ރަނގަޅު ގޮތުގައި ތިއްބައި ވަރިކޮށްފިނަމަ އެކަމަށް މާޔޫސްވެ ދެން އިތުރު ކައިވެންޏެއް ނުކުރަން ނުނިންމާށެވެ! ތިބާ ރަނގަޅު ގޮތުގައި ހުއްޓައި އެވަރިކޮށްލީ ތިބާ މާޔޫސްކުރުވާށެވެ. ވީމާ ތިބާ މާޔޫސްވެއްޖެނަމަ އެހާޞިލުވީ ވަރިކުރިމީހާ ބޭނުންވާ ގޮތެވެ.
ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ އުމުރުން ދޮށިވީތީ ނުވަތަ ދަރިން ތިބީތީ ދެން ހުންނަންޖެހޭނީ ކައިވެންޏެއް ނުކޮށް ކަމަށެވެ. އެހައިދުވަހު އިނދެގެން އުޅުނު މީހާ ތިމާއަށް ހެޔޮކޮށް ނުހިތީމާ ހެޔޮކޮށް ހިތާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ދަންނަވަންތޯއެވެ؟ މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އޭނާއަށްވުރެ ހުރިހާ ގޮތަކުން މާރަނގަޅު މާބޮޑަށް ލޯބިވާ މީހަކު ލިބިފައިވަނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ މިފަދަ ޙާލަތުގައި ބަލަންވީ ގޮތެއް ނުފެނުނު މީހުންނަކަށް ނޫނެވެ. ރަނގަޅު ގޮތްތައް މެދުވެރިވި މީހުންނަށެވެ. އަހުރެން ބުނާނީ ގިނަވާނީ ރަނގަޅު ގޮތްތައް މެދުވެރިވި މީހުން ކަމަށެވެ.
އެހެންކަމާއިއެކުވެސް ބުނެލަންޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ ވަރިކުރުމަށްފަހުގައިވެސް ތިބާ ހުންނަންވާނީ ޙައްޤުގޮތުގައެވެ. އަނިޔާ ލިބުނީތީ އެކަމުގެ މާޔޫސްކަމުގައި އަޅުކަމާއި ދުރުވެގެން ނުވާނެއެވެ. މަސައްކަތްކުރަންވާނީ ކުރިއަށްވުރެވެސް ރަނގަޅަށް އުޅުމަށާއި ކުރާ އަޅުކަން އިތުރުކުރުމަށެވެ. ކުރިން ކުރިވަރަށްވުރެ ގިނައިން ޛިކުރުކުރުމަށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރަށް ހޯދަން މަސައްކަތްކުރުމަށެވެ.
މިބުނި މަގުގައި ސާބިތުވެ ހުރެއްޖެ މީހަކު މާޔޫސްނުކުރައްވަވާނެތެވެ. މާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ --އިސްލާމީ ތިލަފަތުގެ ދަރުސަކުން